ޚަބަރު

ފިހާރަތަކާއި ރެސްޓޯރެންޓްތައް ބަންދުކޮށް މީދޫ ފުރަބަންދަށް

އާމިނަތު ސަޒްރާ ، ދެން އޮންލައިން
ރ. މީދޫ/ ފޮޓޯ: މީދޫ ފޭސްބުކް ޕޭޖް

ރ. މީދޫން މިދިޔަ ބުދަ ދުވަހު ނެގި 12 ސުންކުގެ ތެރެއިން ހަ ސުންކެއް ކޮވިޑަށް ފައްސިވުމުން، ފިހާރަތަކާ ރެސްޓޯރެންޓުތައް ބަންދުކޮށް އެ ރަށް ފުރަބަންދުކޮށްފިއެވެ.

Ads by STELCO

މީދޫ ކައުންސިލްގެ ރައީސް ހަސަން ޝަރީފް "ދެން"އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މިދިޔަ ޖޫން މަހުގެ 30 ވަނަ ދުވަހުން ފެށިގެން އެ ރަށް ވަނީ މޮނިޓަރިންއަށް ލައިފައި ކަމަށާއި މިހާރު ރެސްޓޯރެންޓުތައް ބަންދުކޮށް އެ ރަށް ފުރަބަންދުކޮށްފައިވާ ކަމަށެވެ.

"ކުރިން ވެސް ރަށް އޮތީ މޮނިޓަރިންގައި. ކޮންޓެކްޓް ޓްރޭސިންގް ހެދުމަށް އަރައިފޭބުން މަނާކޮށްފައި އޮތީ. ދެން ޑައިރެކްޓް ކޮންޓެކްޓުންގެ އިތުރުން ފުލޫ ސާމްޕަލެއް ފައްސިވުމުން މިއަދު މި ވަނީ އިތުރު ފިޔަވަޅުތަކެއް އަޅައިފައި" ޝަރީޕް ވިދާޅުވިއެވެ.

މީގެ އިތުރުން ފިހާރަތަކުން ހަމައެކަނި ޑެލިވަރީ ކުރުމަށް ފުރުސަތު ދީފައިވާއިރު މަސްވެރިކަމާއި އާމްދަނީ ހޯދުމަށް އަދި ޒަރޫރީ ބޭނުންތަކަށް ކޮންމެހެން ކުރަންޖެހޭ ދަތުރުތަކަށް ކައުންސިލުގެ ހުއްދަ ހޯދައިގެން ދިއުމާއި ގައިދުރުކޮށްގެން ޖަމާއަތުގައި ނަމާދުކުރުމަށް ވެެސް މިހާރު ވަނީ އަންގައިފައެވެ.

މީދޫން މިހާތަނަށް 27 މީހަކު ކޮވިޑަށް ފައްސި ވެފައިވެއެވެ. އޭގެ ތެރެއިން 14 މީހަކު ބަލިން ރަނގަޅުވެ، މިހާރު ވެސް 13 ހަރަކާތްތެރި ވޭދަނަ އެ ރަށުގައި ވެއެވެ.

ރާއްޖޭގެ ކޮވިޑްގެ ހާލަތު އެންމެ ގޯސްވި އިރު 70އަށް ވުރެ ގިނަ ރަށް މޮނިޓަރިންއަށް ލިއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!