ރިޕޯޓް

ލުއިތަކާއެކު މާލޭގެ މަގުތަކަށް ތޮއްޖެހުން، އަނެއްކާ ވެސް "ސޭމް މިސްޓޭކް" ބާ؟

ދެން އެމްވީ ، ދެން އޮންލައިން

ކޮވިޑް-19ގެ ހާލަތު ފާއިތުވެދިޔަ މެއި މަހު ރާއްޖޭގައި އިންތިހާ ދަރަޖައަށް ގޯސްވެގެން ދިޔައެވެ. އެތައް ދިވެހީންނެއް ކޮވިޑް-19ގައި މެއި މަހު ދުނިޔެ ދޫކުރި އިރު ގައުމުގެ ހާލަތާ މެދު ހުރިހާ ރައްޔިތުން ވެސް ތިބީ ކަންބޮޑުވެ ހާސްވެފައެވެ. އުމުރުން ދުވަސްވީ މީހުންނާއި ޒުވާނުން އަދި އުމުރުން 10 އަހަރުގެ ކުއްޖަކު ވެސް މި ބަލީގައި ދުނިޔެ ދޫކޮށް ދިޔައީ މުޅި ގައުމު ރޮއްވައިފައެވެ.

Ads by STELCO

2021ވަނަ އަހަރުގެ މެއި މަހާ އަޅުގަނޑުމެން ބައްދަލު ކުރި އިރު ކޮވިޑް-19 ޖެހިގެން ރާއްޖެއިން ނިޔާވި މީހުންގެ އަދަދަކީ 77އެވެ. ނަމަވެސް މެއި މަސް ނިމުނު އިރު އެ އަދަދުތައް ވަނީ 150އިން މައްޗަށް ގޮސްފައެވެ.

ކޮވިޑްގެ ހާލަތު ގޯސްވުމާއެކު ދައުލަތުން ވަނީ ހަރުކަށި ފިޔަވަޅުތަކެއް އަޅައިފައެވެ. އެގޮތުން 16 ގަޑިއިރަށް ކާފިއު އިއުލާންކޮށް ކާފިއު ނޫން 8 ގަޑިއިރު ވެސް ޕާމިޓާ ނުލައި ބޭރުގައި ނޫޅެވޭ ގޮތް ހެދިއެވެ. އެއާ އެކު ދުވަހަކަށްވުރެ ދުވަހެއް ކޮވިޑްގެ ވޭދަނަތައް ދަށްވަމުން ގޮސް މިއަދު މި ވަނީ ވަރަށް ބޮޑަށް ކޮވިޑްގެ ވޭދަނަތައް ދަށް ކުރެވިފައެވެ.

ކޮވިޑްގެ ވޭދަނަތައް އިންތިހާއަށް ދަށްވުމުން ދައުލަތުން ވަނީ ގިނަ ލުއިތަކެއް ދީފައެވެ. އެގޮތުން ކޮވިޑް-19 ޖެހި ރަނގަޅުވެފައިވާ މީހުންނަށް ދެ މަސް ނުވާ ނަމަ ދަތުރު ކުރެވޭ ގޮތަށް ބަދަލު ކުރިއެވެ. އަދި ކާފިއު ވަގުތު 8 ގަޑިއިރަށް ކުޑަކޮށް ބާކީ 16 ގަޑިއިރުގައި ޕާމިޓާ ނުލައި ބޭރުގައި އުޅެވޭ ގޮތަށް ބަދަލު ކުރިއެވެ.

ކާފިއު ނޫން ވަގުތުތަކުގައި ރެސްޓޯރެންޓުތައް ވެސް ހުޅުވައި ޖިމްތަކާއި ފިހާރަތައް ވެސް ހުޅުވުމުގެ ފުރުސަތު ދިނެވެ. މިހާ ހިސާބުން ސުވާލަކަށް ވަނީ މީގެ ކުރިން ވެސް މިހާ ގިނަ ލުއިތައް ދިނުމުގެ ސަބަބުން ކޮވިޑްގެ ހާލަތު ރާއްޖޭގައި ގޯސްވި ކަމެވެ. އެހެންކަމުން މިފަހަރު އެހެން ނުވާނެތޯ ސުވާލު އުފެދެއެވެ.

މާލޭގެ މަގުތަކުން ހަގީގަތުގައި މިހާރު ފެންނަނީ ހިތްފަސޭހަ މަންޒަރެއް ނޫނެވެ. މަގުތައް އަބަދުހެން އޮންނަނީ ތޮއްޖެހިފައެވެ. ކޮޅަކުން ކޮޅަކަށް ގުޑައި ނުލެވެއެވެ. ހިނގައިފައި އުޅޭ މީހުން ވެސް އެހާމެ ގިނައެވެ. މަގުމަތީގައި ފޯރި މަރަން ފުލުހުން މިހާރު ނޫޅޭތީ މާސްކު ވެސް ގިނަ މީހުން އަޅަނީ ދަތްދޮޅީގައެވެ.

ރެސްޓޯރެންޓުތައް ވެސް ތޮއްޖެހިފައިވާއިރު އެތަނުގައި ވެސް މީހުން ތިބެނީ ގައިދުރުކޮށްގެންނެއް ނޫނެވެ. މިއީ ހަގީގަތުގައި އަޅުގަނޑުމެން ކަންބޮޑުވާން ޖެހޭ ކަމެކެެވެ. އަޅުގަނޑުމެންގެ ތެރެއިން ގިނަ ބަޔަކު ކޮވިޑް-19ގައި ގެއްލިގެން ދިޔައީ މީގެ މަހެއްހާ ދުވަސް ކުރިންނެވެ. އެ ހިތި މާޒީ އޮތީ މާ ފަހަތުގައެއް ނޫނެވެ.

އަޅުގަނޑުމެން މިއަދު ފަރުދީ ޒިންމާ ނަގަން ޖެހެއެވެ. އެހެން ނޫންނަމަ އަނެއްކާ ވެސް މާޒީ ތަކުރާރުވުން ގާތެވެ. މެއި 2021 ފަދަ އެހެން މަހެއް ރާއްޖެއާ ބައްދަލު ކުރާކަށް އެކަކު ވެސް ދެނެއް ނޭދޭނެއެވެ.

Ads by PNC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!