ޚަބަރު

4 މަސްފަހުން ނައިފަރުގެ ރައްޔިތުންނަށް ހަމަ ނޭވާ ލެވިއްޖެ، މޮނިޓަރިންއިން ނަގަނީ

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

ޅ. ނައިފަރުގައި ކޮވިޑް-19 ފެތުރި ރަށަށް އަރައި ފޭބުން މަނާކޮށް ރަށް މޮނިޓަރިންގެ ހާލަތަށް ބަދަލު ކުރުމަށް ފަހު ހަތަރު މަސް ފަހުން ރަށުގައި ކޮވިޑްގެ ހާލަތު ރަނގަޅުވެ މޮނިޓަރިންއިން ނެގުމަށް ތައްޔާރުވާން ފަށައިފިއެވެ.

Ads by Sosun Fihaara

ނައިފަރު ކައުންސިލްގެ ރައީސް މުހައްމަދު ރަޝީދު “ދެން”އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ވަކިތަރުތީބެއް ނެތި ސުންކު ނެގުމުގެ މަސައްކަތް މިހާރު ކުރެވެމުންދާ ކަމަށާއި، އެގޮތުން މިހާތަނަށް 85 ސުންކެއް ނެގިފައިވާ ކަމަށެވެ. މޮނިޓަރިންއިން ނެގުމުގެ ކުރިން ނައިފަރުން 100 ސުންކު ނެގުމަށް ހަމަޖެހިފައި ވެއެވެ.

މީގެ އިތުރުން ނެގިފައިވާ އެ 85 ސުންކުގެ ނަތީޖާ ލިބޭނެ ކަމަށް ލަފާ ކުރެވެނީ ހޮނިހިރު ދުވަހު ކަމަށާއި، އެގޮތުން ލިބޭ ނަތީޖާތަކަށް ބަލައި ރަށް މޮނިޓަރިންގެ ހާލަތުން ނެގުމަށް ނިންމަވައިފައި ވާ ކަމަށް ވެސް މުހައްމަދު ވިދާޅުވިއެވެ.

މުހައްމަދު ވިދާޅުވީ ރަށުގެ ހާލަތު މިހާރު ކުރިއާ ބަލައި ރަނގަޅު ކަމަށާއި ބެލެވޭ ގޮތުގައި ނަތީޖާތައް ވެސް ރަނގަޅުވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

ނައިފަރަކީ ކޮވިޑް-19ގެ ސަބަބުން މޮނިޓަރިންގެ ހާލަތުގައި އެންމެ ގިނަ ދުވަހު އޮތް ރަށްކަން ފާހަގަކޮށްލެވެއެެވެ. އެ ރަށުން މިހާތަނަށް ޖުމުލަ 921 މީހަކަށް ބަލި ޖެހުނުއިރު، ބަލިން ރަނގަޅު ނުވެ މި ވަގުތު ތިބީ ތިން މީހުންނެވެ. އަދި ބަލީގައި އެ ރަށުން ހަތަރު މީހަކު ވަނީ މަރުވެފައެވެ.

ނައިފަރުގައި މިވަގުތު ބަލި ޖެހިފައި ތިބީ ކަރަންޓީންގައި ގޭގައި ތިބި ތިން މީހުންނަށެވެ.

ނައިފަރުގައި ކޮވިޑް-19 ހާލަތު ރަނގަޅުވެ، މޮނިޓަރިން އުވައިލާން މަސައްކަތް ކުރަމުން އަންނައިރު، މިވަގުތު އެ ރަށުގައި 856 މީހަކު ވަނީ ވެކްސިންގެ ދެވަނަ ޑޯޒް ފުރިހަމަކޮށްފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!