ރާއްޖޭ ކުޅިވަރު

މިފަހަރުގެ މުބާރާތުގައި ސޮއްޓި ކުޅޭނީ އެމްވައިއޭއަށް، އަމާޒަކީ ތަށި!

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

މި އަހަރުގެ އަޟްޙާ ޢީދާ ދިމާކޮށް ނ.މާފަރު ކައުންސިލާއި ދި އައިލެންޑް ސްޕޯޓްސް އެކަޑަމީއިން އެ ރަށުގައި ހަމަޖެހިފައިވާ ވޮލީ މުބާރާތުގައި ޤައުމީ ޓީމުގެ ހުނަރުވެރި ކުޅުންތެރިޔާ މުހައްމަދު އަޙުސަން މާފަރު ޔޫތު ޑިވަލޮޕްމަންޓް (އެމްވައިއޭ)ގެ ޓީމުން ފެންނާނެ ކަން އެ ޓީމުން ހާމަ ކޮށްފިއެވެ،

Ads by MWSC

ޖުމްލަ 9 ކުޅުންތެރިންނާ އެކު މުބާރާތަށް ނިކުންނަ ޓީމް އެމްވައިއޭގައި ސޮއްޓިގެ އިތުރުން ފާހަގަކޮށްލެވޭ ގިނަ ކުޅުންތެރިންތަކެއް އެބަ ތިއްބެވެ. އެގޮތުން، ރަށު ފެންވަރުގައި އަދި ރިސޯޓް ފެންވަރުގައި ކުޅެމުން އަންނަ، ޢަލީ ޙުސައިން (ޔަބެ)އަކީ ވެސް ވޮލީގައި ފާހަގަ ކޮށްލެވޭ ނަމެކެވެ. “ނިޔާމަ” ރިސޯޓުގައި މަސައްކަތް ކުރަމުން އަންނަ ޔަބެ ވެސް މި މަހުގެ 15 ވަނަ ދުވަހު ޓީމާ ގުޅޭނެ ކަން ވެސް ޓީމުން ވަނީ ހާމަ ކޮށްފައެވެ.

“ޓީމު އޮތީ ވަރަށް ފިޓްކޮށް. މުބާރާތައް ވަރަށް ފުރިހަމައަށް ތައްޔާރުވަމުން މި ދަނީ. އެންމެ ބޮޑު ހިތްހަމަޖެހުމަކީ، ޤައުމީ ލެވެލްގެ ކުޅުންތެރިއެއް ވެސް ޓީމުން ފެނިގެން ދިއުން. ސޮއްޓިއަކީ ޤައުމީ ޓީމުގެ އެއްނަމްބަރު މިޑުލް ބްލޮކާރ. އިންޓަރނޭޝަނަލް ފެންވަރުގެ އެވޯޑެއް ވެސް ހޯދި ރާއްޖޭގެ ހަމައެކަނި ކުޅުންތެރިޔާ. ސޮއްޓިއާ އެކު ޓީމުގެ އަމާޒު މިހުރީ ހަމަ ސީދާ ތައްޓަށް” ޓީމް އެމްވައިއޭގެ އޮފިޝަލް މުޙައްމަދު ޢަބްދުٱللَّٰه‎ (ފެންނަ) “ދެން”އަށް މައުލޫމާތު ދެމުން ބުންޏެވެ.

ހަމައެހެންމެ، މި ފަހަރު އެމްވައިއޭ ޓީމަށް ކުޅޭ، ހުސާމަކީ ވެސް ރަށު ފެންވަރުގައި ފާހަގަކޮށްލެވޭ މޮޅު ކުޅުންތެރިއެކެވެ.އަދި މާޖިދު ޢަލީ (ޖަމާ)ގެ ބެލުމުގެ ދަށުން އެކުލަވައިލައިފައިވާ ޓީމް އެމްވައިއޭގެ ކެޕްޓަނަކީ ޚާލިދު ޢަލީ (ރޮނާ)އެވެ.

މުބާރާތުގައި ބައިވެރިވުމަށް 3 ޓީމަކުން މިހާރު ހުށަހަޅާފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ ޓީމް އެމްވައިއޭގެ އިތުރުން، މުޖީޓޯ އަދި ކޭންކޭން އެވެ. މި މުބާރާތަށް ތައްޔާރު ވުމަށްޓަކައި ހުރިހައި ޓީމަކުން ވެސް އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އަދި މި މުބާރާތުގައި ގައުމީ ފެންވަރުގެ މޮޅު ކުޅުންތެރިން ފެންނާނެ ކަމަށް މުބާރާތް އިންތިޒާމު ކުރާ ފަރާތުން ބުނެއެވެ.

މި މުބާރާތަކީ ޗެމްޕިއަން ޓީމަށް 5000 ރުފިޔާއަށް ވުރެ މަދު ނޫން އަދަދެއް ދޭގޮތަށް އިޢުލާންކޮށްފައިވާ މުބާރާތެކެވެ.

  1. މަލަކާ

    އިންޓަނޭޝަނަލް ފެންވަރުގެ އެވޯޑެއް ރާއްޖެއިން ހޯދި ހަމަ އެކަނި ކުޅުންތެރިޔާއޭ؟ ހަހަ ނެތް ދެން ފަޅާނެ ކަރަޔައެއް؟

  2. އެހެންތަ

    ރާއްޖޭގެ ހަމަ އެކަނި އެތްލީޓް އިނީމާ ސަޅިއެއް ނޫން، އެކަމް ސޮއްޓި އަކީ ” ބެސްޓް މިޑްލް ބްލޮކަރ ” އެވޯޑް އިންޓަރނޭޝަނަލް މުބާރާތަކުން ލިބިފައިން ރާއްޖޭގެ ހަމަ އެކަނި އެތްލީޓް.. ތަފްސީލް ކޮށްލިނަމަ ވަރަށް ސަޅިވީސް..