ޔޫރަޕް

12 އަހަރުން މަތީގެ ކުދިންނަށް މޮޑާނާ ވެކްސިން ރަނގަޅު ކަމަށް ނިންމައިފި

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

މޮޑާނާއިން ކޮވިޑް-19ގެ ދިފާއުގައި އުފައްދައިފައިވާ ވެކްސިން ކުޑަކުދިންގެ ގަޔަށް ޖެހުމުގެ ހުއްދަ ޔޫރަޕިއަން ޔޫނިއަންގެ މެޑިސިން ރެޖިއުލޭޓަރީ ބޯޑް، ޔޫރަޕިއަން މެޑިސިން އެޖެންސީ (އީއެމްއޭ)އިން ދީފިއެވެ.

މީގެ ކުރިން މޮޑާނާ ވެކްސިން ޖެހުމުގެ ހުއްދަ އޮންނަނީ 18 އަހަރުން މަތީގެ މީހުންނަށެވެ. އީއެމްއީ އިން އިއްޔެ ވަނީ 12 އަހަރާއި 17 އަހަރާ ދެމެދުގެ ކުޑަ ކުދިންނަށް ވެކްސިން ޖެހުމުގެ ހުއްދަ ދޭން ނިންމައިފައެވެ. މި ގޮތަށް ނިންމައިފައި ވަނީ 3،700 ކުޑަކުދިންނާ އެކު ހެދި ދިރާސާއެއްގެ ނަތީޖާއަށް ބެލުމަށް ފަހުގައި ކަމަށް ވެސް އީއެމްއޭއިން ހާމަކުރެއެވެ. އީއެމްއޭއިން ބުނެފައި ވަނީ 12 އަހަރުން މަތީގެ ކުޑަކުދިންގެ ގަޔަށް ވެކްސިން ޖެހުމުން، 18 އަހަރާއި 25 އަހަރާ ދެމެދުގެ އުމުރު ފުރައިގެ ކުދިންނަށް ވެކްސިން ދިނުމުން ހަށިގަނޑުގައި އެންޑިބޮޑީސް އުފައްދާ މިންވަރަށް، މި ކުދިންގެ ހަށިގަނޑުގައި ވެސް އެންޓިބޮޑީސް އުފައްދާ ކަމަށެވެ. އަދި އިތުރު ސައިޑް އިފެކްޓެއް ނުފެންނަ ކަމަށް ވެސް ބުނެފައިވެއެވެ.

މިހާތަނަށް އެމެރިކާ އަދި ޔޫރަޕްގެ ޤައުމުތަކުގައި ވެސް ކުޑަ ކުދިންގެ ގަޔަށް ޖެހުމަށް ހުއްދަ ދީފައި ވަނީ ފައިޒާ ވެކްސިނަށް އެކަންޏެވެ.

ކޮވިޑް-19 ޖެހުމުން ކުޑަކުދިންނަށް މާބޮޑުވަރު ނުވި ނަމަވެސް، ކުޑަކުދިންގެ ސަބަބުން ވައިރަސް އެހެން މީހުންގެ ގަޔަށް ޖެހުމުގެ ފުރުސަތު ބޮޑުވެއެވެ. ޑެލްޓާ ވޭރިއަންޓް ވަރަށް ހަލުވިކަމާ އެކު ދުނިޔޭގެ ގިނަ ޤައުުމުތަކުގައި ފެތުރެމުން އަންނައިރު، ކުޑަ ކުދިންނާއެކު އާބާދީގެ ބޮޑު ބަޔަކަށް ވެކްސިން ދީ ހާޑް އިމިއުނިޓީއަކަށް ދިއުމަށް ގިނަ ޤައުމުތަކުން ދަނީ މަސައްކަތް ކުރަމުންނެވެ. އައު ވެކްސިނެއް ކުޑަކުދިންނަށް ޖެހުމުގެ ހުއްދަ ލިބުމާއެކު މިކަމަށް އިތުރު ބާރެއް އެޅިގެންދާނެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!