މާއްޑޫ ފަޅުވިތާ 52 އަހަރު: ފަޅުރަށެއްގެ ގޮތުގައި ކަނޑައެޅީ ހުކުރު ޖަމާޢަތް ހަމަނުވާތީ!

ބޮޑު ޢީދު ބަންދަށް މި ފަހަރު ބ. އަތޮޅު އޭދަފުއްޓަށް ދިޔައީ ގިނަ ދުވަސްތަކަކަށް ފަހު މާލެއިން ބޭރަށް ކުރެވޭ ދަތުރެއް ކަމަށްވާތީ ނުހަނު ފޮނި އުންމީދަކާއެކުގައެވެ. ޙައްޖު ދުވަހު އޭދަފުއްޓަށް ގޮސް އެ ފަސްގަނޑުގައި ފައިތިލަ ޖެހުމާ އީދު ކުޅިވަރުތަކާ ބެހޭ ގޮތުން އޮޅުން ފިލުވައިލީމެވެ. އެ ސުވާލަށް ލިބުނީ މާޔޫސް ކުރުވަނިވި ޖަވާބެކެވެ. ކޮވިޑް-19ގެ އާލަމީ ވަބާގެ ސަބަބުން ގިނަ ރަށްރަށެކޭ އެއް ފަދައިން އެ ރަށުގައި ވެސް މާ ގިނަ އީދު ކުޅިވަރެއް އިންތިޒާމް ކުރެވިފައެއް ނެތެވެ.
އަހަރެންގެ ކަރު އެލުނެވެ. އީދު ކުޅިވަރު ނެތުމުން ދެން ކުރާނީ ކޮންކަމެއްބާއޭ ވެސް ހިތަށް އެރިއެވެ.
"އެކަމަކު މާދަން އަހަރުމެން އެންމެން މިއުޅެނީ ތި މީހުން ވެސް ގޮވައިގެން މިތާ ކައިރި ފަޅު ރަށަކަށް ދަތުރުދާން" އެކުވެރިޔާގެ ޖަވާބުން ، މާޔޫސްކަން ފިލައިގެން ދިޔައެވެ.
"އެއީ މާއްޑޫ. ވަރަށް ރީތި ރަށެއް އެއީ. މީގެ 50އަށް ވުރެ ގިނަ އަހަރު ކުރިން އެރަށުގައި މީހުން އުޅުނު، ފަހުން ބޭލުވީ. މި ރަށުގައި ވެސް އުޅޭނެ އެ ރަށުގެ ބައެއް މީހުން. ދާނީ މެންދުރު ފަހު، މިކޮޅަށް އެނބުރި އަންނާނީ ހަވީރު 4:30ވުމުގެ ކުރިން" ދަތުރުގެ މައުލޫމާތު އެކުވެރިޔާ ހިއްސާ ކުރިއެވެ.
އެއީ ޝައުގުވެރިވި މައުލޫމާތު ކޮޅެކެވެ. ޚާއްޞަކޮށް ކުރީން މީހުން ދިރިއުޅެ ފަޅުވެފައި އޮތް ރަށަކަށްވުމުން އެ ޝައުޤުވެރިކަން އިތުރުވެގެން ދިޔައެވެ.
ޙަޔާތުގައި ކުރި ފުރަތަމަ ޑިންގީ ދަތުރުގައި ނަލަނަލަ މާއްޑޫއަށް!

އޭދަފުށިން މާއްޑޫއަށް ޑިންގީއެއްގައި ދާން ނެގީ ގާތްގަނޑަކަށް 10 ވަރަކަށް މިނެޓެވެ. މުޅި ހަޔާތުގައި ވެސް އަލަށް ޑިންގީއެއްގައި ކުރި ދަތުރަށްވެފައި، ދުވަހަކީ ކަނޑު ވެސް ގަދަ ދުވަހަކަށް ވުމުން، ސީދާ ދަތުރުގެ ދިގުމިން ބަލައިލާކަށް ހަނދާނެއް ނުވިއެވެ. އެނގޭހާ ވެސް އެއްޗަކީ ދަތުރުގެ ދިގުމިނުގައި 15 މިނެޓު ނުވާނެކަމެވެ.
ރާޅުތަކުގެ ލޮނުގަނޑު ޑިންގީގެ އެތެރެއަށް ކޮންމެވެސް ވަރަކަށް ވަންނަމުން ދިޔުމުން، ގަނެފައިހުރި ބިރު ފިލީ، ކުރިމަތިން ފެންނަން ހުރި ޗާލު ރަށުގެ ރީތިކަމުންނެވެ. ގުދުރަތީ ފުރިހަމަ އެތުރުމަކުން އެތުރިފައިވާ ފެހިކަން ގަދަ ގަސްތަކާއި، މޫދުގެ ހަގީގީ ވިލުކުލަ ސާފުކޮށް ފެންނަން ހުއްޓެވެ. އުޑުމަތިން އެވަރަށް ވިލާތައް ފެންނަން ނެތުމުން، އުޑުގެ ސާފު ނޫކުލައިން އެ މަންޒަރަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދިނެވެ. ޑިންގީގެ މިސްރާބު އެ ރަށާ ދިމާލަށް ޖަހައިފައި ހުރުމުން އެއީ ދާން މިއުޅޭ މާއްޑޫކަން އެނގުނެވެ.
ރަށުތެރެއިން ފެނުނު އެކި މަންޒަރުތަކާއި އިމާރާތްތައް

މާއްޑޫގެ ރީތި ގޮނޑުދޮށް/ ދެން އިމޭޖްސް: މަރްޔަމް ވަހީދާ
މާއްޑޫއަކީ ރީތި ގޮނޑުދޮށެއް އޮންނަ ގަސް ބޯ ރަށެކެވެ. ގޮނޑުދޮށާ މާ ދުރު ނޫން ހިސާބެއްގައި މީހުން ގޮސް މަޑު ކޮށްލަން ހަދައިފައި ހުރި ކުޑަ ގެ ގަނޑެއް ހުއްޓެވެ. އެލުވައިލައިފައި އޮތް އުނދޯލިތައް ފެނުމުން އެ ރަށަކީ ކައިރި ރަށްރަށު މީހުން އާންމުކޮށް ދަތުރު ގޮސް އުޅޭ ރަށެއް ކަމަށް އެނގުނެވެ.

މާއްޑޫގެ ރީތި ގޮނޑުދޮށް/ ދެން އިމޭޖްސް: މަރްޔަމް ވަހީދާ
ގޮނޑު ދޮށާއި މޫދުގެ ފޮޓޯ ނަގައި، ކުދިވެރިން އާއިލާގެ އެހެން ބަޔަކާ ހަވާލު ކުރުމަށްފަހު އަހަންނާއި އިތުރު ތިން މީހަކު ދިޔައީ މާއްޑޫ ބަލައިލާށެވެ. އޭގެ ތެރެއިން އެކަކީ އަހަރެންގެ އޭދަފުށީ އެކުވެރިޔާއެވެ. ދެން ތިބީ އަހަރެންގެ ދައްތައާއި މާއްޑޫގައި ކުރިން ދިރިއުޅުނު މީހެއްގެ ދަރިއެކެވެ.

މާއްޑޫއަށް ދަތުރު ދާ ބައެއް މީހުން ކައްކަން މަޑުކޮށްލާ ގެ ގަނޑެއް/ ދެން އިމޭޖްސް: މަރްޔަމް ވަހީދާ
ރަށު ތެރެއަށް ފައިބައިގެން މާ ދުރު ނޫން ހިސާބަކުން ފުރަތަމަ ފެނުނީ ވަށައި ޓިނު ޖަހައިގެން ހަދައިފައި ހުރި ފަޅު ގެއެކެވެ. ދަތުރުދާ މީހުން ބޭނުން ކުރުމަށް ހަދައިފައިވާ ގޭގެ އިތުރުން ވީރާނާވެފައިވާ އެތައް އިމާރާތެއް އެ ރަށުން ފެނުނެވެ، ބައެއް ގޭގެ ވަރަށް ބޮޑަށް ވީރާނާވެފައި ހުރި ނަމަވެސް ފުރާޅުގެ ޓިނުތައް ސަލާމަތުން ހުއްޓެވެ.

ޓިނުން ހަދައިފައި ހުރި ގެ ، މިއީ ދަތުރުދާ މީހުން ބޭނުން ކުރާ ގެއެއް/ ދެން އިމޭޖްސް: މަރްޔަމް ވަހީދާ

މާއްޑޫގައި ކުރިން ހުރި މިސްކިތެއް/ ދެން އިމޭޖްސް: މަރްޔަމް ވަހީދާ
މާއްޑޫ ފަޅުވާން ދިމާވުމާ ގުޅިފައި ވަނީ ހުކުރު ޖަމާއަތް ހަމަނުވުމާއެވެ.-- ކުރިން ހުކުރު ކުރެވެނީ ބާލިޣުވެފައިވާ 40 މީހުން ހުކުރު ޖަމާޢަތުގައި ހަމަވާ ނަމައެވެ.--
މި ސަބަބަށް ޓަކައި މިސްކިތް ބަލައިލާން ހިތް ޖެހި އެ ދިމާލަށް ހިނގައިގަތީމެވެ. ރަށް ފަޅުވުމާ އެ ތަނަކާ ގުޅިފައިވާ މިސްކިތަކީ މިހާރު ، ފުރާޅެއް، ސަލާމަތުން ހުރި ފާރެއް، ދޮރެއް ،ދޮރު ކަންޏެއް ނެތް ވީރާނާވެފައިވާ ބިނާއެކެވެ.

މާއްޑޫގައި ކުރިން ހުރި މިސްކިތެއް/ ދެން އިމޭޖްސް: މަރްޔަމް ވަހީދާ

ދަތުރުދާ މީހުން ނަމާދު ކުރުމަށް ހަދައިފައިވާ ވަގުތީ މިސްކިތެއް
އެ މިސްކިތާ ދުރު ނޫން ހިސާބެއްގައި ހުރީ ދަތުރުދާ މީހުން ނަމާދު ކުރަން ހަދައިފައިވާ މިސްކިތެކެވެ. އެއީ ޓިނާއި ފަނުން ހަދައިފައިވާ ކުޑަ ތަނެއް ނަމަވެސް ތަން ސާފު ތާހިރެވެ. ރީއްޗަށް ބަލަހައްޓައިފައިވާކަން އެނގެއެވެ.

މާއްޑޫއަށް ދާ މީހުން ބޭނުންކުރާ ފެން ވަޅެއް/ ދެން އިމޭޖްސް: މަރްޔަމް ވަހީދާ
މާއްޑޫން ޚާއްސަ ކަމަކަށް ފެނުނީ ގުދުރަތީ ރީތިކަމެވެ. ފެހިކަން ގަދަ ދަނޑުބިމާއި ހިތްގައިމު ދޮންވެލިގަނޑަކީ އެތައް އިރެއް ވެސް އެތަންތަނުގައި ހޭދަ ކުރަން އެދޭނެ ތަންތަނެވެ.

މާއްޑޫގެ ދަނޑު/ ދެން އިމޭޖްސް: މަރްޔަމް ވަހީދާ
މާއްޑޫގެ ފޮޓޯތަކުން ފޯންގެ މެމޮރީ ބަރުކޮށްލައި މޫދަށް އެރި ، މަޖާ ވަގުތުކޮޅެއް ހޭދަކޮށްލުމަށް ފަހު އަހަރުމެން އެނބުރި ދިޔައީ އޭދަފުއްޓަށެވެ.
ރަށުން ބޭލުވީ ދުވަހު މައިންބަފައިންގެ ލޮލުން ފޭބި ކަރުނަ ޖާބިރުބެ އަދިވެސް ހަނދާން ހުރޭ!

މުޙައްމަދު ޖާބިރު/ ދެން އިމޭޖްސް: މަރްޔަމް ވަހީދާ
މާއްޑޫން މީހުން ބޭލުވީ ސަބަބާއި އެދުވަހުގެ އިޙުސާސްތައް ސިފަ ކޮށްދިނުމުގެ ގޮތުން "ދެން" އަށް މައުލޫމާތު ދިނީ މާއްޑޫ ކާނިމާގޭ މުޙައްމަދު ޖާބިރެވެ. މިހާރު އޭދަފުށީ ޓިކާނާގޭ ޖާބިރުބެއެވެ.
ޖާބިރުބެ ބުނީ އެ ރަށުން މީހުން ބޭލުވީ "ހުކުރެއްގައި 50 ފިރިހެނުން ހަމަނުވާ ކޮންމެ ރަށަކީ ފަޅު ރަށެއް" ކަމަށް ޤާނޫނަކުން ފާސްކުރުމުން ކަމަށެވެ. އެއީ 1968ވަނަ އަހަރުގައެވެ.
މާއްޑޫން އޭދަފުއްޓަށް ޖާބިރުބެއާއި އޭނާގެ އާއިލާ ބަދަލު ކުރި އިރު، އޭނާގެ އުމުރުން 13 އަހަރެވެ.
"އެއިރު މިހެން ރާނާފައި ހުންނަ ގެތައް ވަރަށް މަދު ވާނެ. ދެން ހުންނާނީ ދަނޑިފަޑިންނާއި މުޑިންނާއި ފަން ޖަހައިގެން ގެތައް ހަދާފައި." އެންމެ ކުޑައިރު ދިރިއުޅުނު ރަށް ސިފަ ކޮށްދެމުން ޖާބިރުބެ ކިޔައިދިނެވެ.
މާއްޑޫން އޭދަފުއްޓަށް ބަދަލު ކުރި އިރު ޖާބިރުބެ ވަރަށް ކުޑަ ކަމުން، އެހާ ބޮޑު އިހުސާސްތަކެއް ނުކުރި ކަމުގައި ވިޔަސް، އޭނާގެ މައިންބަފައިންނަށް އެކަމުން ފުން އަސަރުތަކެއް ކުރިކަމަށް ޖާބިރުބެ ކިޔައިދިނެވެ.

މާއްޑޫ ވަލުތެރެ/ ފޮޓޯ: މަރްޔަމް ވަހީދާ
"އަޅުގަނޑުމެންގެ މަންމަމެންނާއި ބައްޕަމެން، އަދި ބޭބެމެންނާއި އާއިލާގެ ދޮށްޓަށް ތިބި މީހުންނާއި ރަށުގެ އެހެން މީސްމީހުން ވެސް ވަރަށް ހިތާމަކުރި. ވަރަށް ރުއި. މަންމަމެން އެއިރު ބުނި މި ރަށުގައި (މާއްޑޫގައި) އުޅޭ އުޅުމެއް ބީރައްޓެހި ރަށެއްގައި (އޭދަފުށީގައި) ނުއުޅެވޭނޭ. ރަށުން ލިބޭ ތަކެތި ނުލިބޭނެ ވާހަކަ. އެއީ ވަލު ކާނާ ނުލިބޭނެ ވާހަކަ. ގަސްތަކާއި، ދަނޑުތަކާއި، ވަރަށް ގިނަ ސާމާނު ހައްދައިގެން، ގިނައިން ފަތް ކޭލާއި ތަރުކާރީ ފަދަ އެއްޗެހި ކައި އުޅުނީ. އެއިރު ކާން ހަނޑޫ ކަހަލަ އެއްޗެހި ވަރަށް ނުލިބޭ. އެއިރުގައި ދިޔާ ހަކުރު ވަރަށް ލިބޭނެ. ވަރަށް ގިނައިން ރުކަށް އަރާނެ. އެހެންވީމަ ދިޔާ ހަކުރާއި ކާއްޓާއި މަހާ އެއީ ވަރަށް ތިޔާގިކޮށް އޮންނަ އެއްޗެއް." މާއްޑޫގެ ދިރިއުޅުން ޖާބިރުބެ ސިފަކޮށްދިނެވެ.
މަންމަ މެންގެ ލޮލުން ފޭބި ކަރުނަ ހަނދާން ހުރޭ، ކުރި އާދޭސް ވެސް ހަނދާން އެބަހުރި.
ޖާބިރުބެ ބުނީ އޭދަފުއްޓަށް ބަދަލުވި ނަމަވެސް ދިރިއުޅެން އެހާ ބޮޑު ދަތިތަކެއް ކުރިމަތި ނުވާ ކަމަށެވެ. އަދި އެ ރަށުގެ މީހުން ފަރާތުން ވަރަށް ބޮޑު އެހީ ލިބުނުކަމަށާއި އޭދަފުށީގެ ރައްޔިތުންނަކީ އެކުވެރި ހިތްހެޔޮ ބައެއްކަން ވެސް ޖާބިރުބެ ފާހަގަ ކުރިއެވެ. މާއްޑޫން ބަދަލުވި އެންމެންނަކީ ވެސް އޭދަފުށީގެ އުފަން މީހުން ފަދައިން އެ ރަށާ ގުޅިފައިވާ ބައެކެވެ.
ޖާބިރުބެ ފަދަ އެތައް ބައެއްގެ ޙަޔާތުގައި މާއްޑޫއަކީ މިހާރު މާޒީއެވެ. އެއީ ޖާބިރުބެއާއި އޭނާގެ އެކުވެރީންގެ ކުޑައިރުގެ މާޒީ އެރަށެއްގައިވީ މާޒީއެވެ. އަހަރެންގެ އީދު ދަތުރުގައި އީދު ކުޅިވަރެއް ބަލައިނުލެވުނު ނަމަވެސް އަހަރެންގެ ދަތުރު މާޒީ ކުރީ ވެސް މާއްޑޫ ދަތުރާއި އެތައް އެހެން ފޮނި ހަނދާންތަކާ އެކީގައެވެ.
500 މީހުން ހަމަނުވާ ރަށުގަ ފުރާދުއްވާނެ އޮޑިފަހަރު ނެތަސް ބަނދަރު ހަދަންޖެހޭ، ނަރުދަމާ، އެތެރެޖިމް، ބޭރުޖިމް، އިންޖީންގެ އެހެޔޮ ލިބޭ އެއްޗަކުން ޚަރަދު ނުކެނޑުނަސް، 4 ކުދިން އޯލެވެލް ހަދަން 6 މިލިޔަން ޚަރަދުކޮށްފަ އޯލެވެލް ހެދެންޖެހޭނެ، ޓާފް ދަނޑެއް 3 ނޫނީ 4 މިސްކިތް، ނުކިޔަވާ ލާޗާރުވެގެން އުޅުން 5 ބޭފުޅުން ކައުންސިލްގަ ހަމައެކަނި މުސާރަ ނަގަން. (ހުރިހާ މަސައްކަތެއް އިދާރީ ނިކަމެތި ސިވިލް ބަންގާޅިން) މިކަހަލަ ބޭކާރު ޚަރަދުތައް ކުރުމަށްވުރެން މި ކުދި ރަށްތައް އެއްފަސްކުރުން މާ ސަޅިވާނެ.
ތާއީދު
މީ ރަނގަޅުކަމެއް. މިހާރުވެސް މިގޮތައް އުވައިލަންވީ ކިތަންމެ ރަށެއް އެބަހުރި. ކުދި އާބާދީތަކާ ބިންކުދި ރަށްތައް އެއްފަސްކުރަންވީ.