އިޖުތިމާޢީ

ވެކްސިން ނުޖަހާ މީހުންނަށް ކެފޭ ރެސްޓޯރަންޓުތަކުގެ ދޮރުތައް ބަންދު!

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ކޮވިޑް-19އިން ރައްކާތެރިވުމަށް ޖަހާ ވެކްސިންގެ އެންމެ ޑޯޒެއް ވެސް ނުޖަހާ މީހުންނަށް ކެފޭ ރެސްޓޯރެންޓުތަކުން ޚިދުމަތް ނުދިނުމަށް ސަރުކާރުން ނިންމައިފިއެވެ.

Ads by MWSC

ބައެއް މީޑިއާތަކަށް ސަރުކާރުގެ އޮފިޝަލަކު މައުލޫމާތު ދެއްވަމުން ވިދާޅުވީ ސަރުކާރުން މި ނިންމުމަށް އަމަލުކުރަން ފަށާނީ ސެޕްޓެމްބަރު އެއްވަނަ ދުވަހުން ފެށިގެން ކަމަށެވެ. މި ނިންމުމާ ގުޅިގެން ސަރުކާރުން އިތުރު ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.

ވެކްސިންގެ އެއްވެސް ޑޯޒެއް ނުޖަހާ މީހުންނަށް ކެފޭ ރެސްޓޯރަންޓްތަކުގެ އެތެރޭގައި ޚިދުމަތް ދިނުން މަނާކުރުމަށް ނިންމާފައިވީ ނަމަވެސް ވެކްސިންގެ އެއްވެސް ޑޯޒެއް ނުޖަހާ މީހުންނަށް ޓޭކްއަވޭގެ ޚިދުމަތް ލިބިގެންދާނެ ކަމަށް ވެސް އޮފިޝަލް ވިދާޅުވެފައިވެއެވެ.

ސަރުކާރުން މިގޮތަށް ނިންމާފައިވާއިރު މި ހިނގާ އޮގަސްޓު މަސް ނިމުމުގެ ކުރިން ރާއްޖޭގެ އާބާދީގެ 90 އިންސައްތަ މީހުންނަކީ ވެކްސިން ފުރިހަމަކޮށްފައިވާ މީހުންކަން ޔަގީން ކުރުމަށް މިދިޔަ ޖުލައި މަހުގެ 31ވަނަ ދުވަހު ވަނީ އަނެއްކާ ވެސް ވެކްސިން ކެމްޕޭނެއް ފަށައިފައެވެ. އަދި ރާއްޖޭގެ އާބާދީގެ އެންމެންނަށް ވެކްސިން ޖެހޭ ވަރަށް ވެކްސިން ލިބިފައިވާކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!