ހިތްދަތިކަމާއެކު 7 އަހަރު: މަރުވެފައިވާ ކަމަށް ބުނޭ، އެކަމަކު މަސްގަނޑު ވަޅުލުމުގެ ފުރުސަތެއް ވެސް ޤާތިލުން ނުދިން!
އެހެން މީހުންނަށް މިއަދަކީ އެހެން ދުވަސް ތަކެކޭ އެއްފަދައިން އާދައިގެ ދުވަހެއް ކަމުގައިވީ ނަމަވެސް، މިއަދަކީ ހަމަޔަގީނުން ވެސް އެއް އާއިލާއަށް ވަރަށް ހިތްދަތި ދުވަހެއްކަން ޔަގީނެވެ. އެ އާއިލާއަށް ކޮންމެ އަހަރެއްގެ އޯގަސްޓް މަހުގެ 8ވަނަ ދުވަސް ވެފައިވަނީ، ހިތް ކުދިކުދިވާ ފަދަ ހަނދާންތަކެއް އާލާ ކުރުވާ ދުވަހަކަށެވެ.
މިއަދަކީ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން ޢަބްދުﷲ ވީނުވީއެއް ނޭނގި ގެއްލުވާލިތާ ހަތް އަހަރު ފުރުނު ދުވަހެވެ. ކޮންމެ އަހަރެއްގެ ވެސް މި ދުވަސް ރާއްޖޭގެ އެކި ކަންކޮޅުތަކުންނާއި އަދި ޚާއްސަކޮށް ރިލްވާންގެ އާއިލާއިން ފާހަގަ ކުރަނީ ނުހަނު ހިތާމަވެރި ދުވަހެއްގެ ގޮތުގައެވެ. އަބަދުމެ ކުރަމުންދާ ސުވާލަކީ "ރިލްވާން ކޮބައި ހެއްޔެވެ؟ އޭނާއަށް ވީ ކިހިނެއް ހެއްޔެވެ؟ އިންސާފު ކޮބައި ހެއްޔެވެ؟" މި ސުވާލުތަކެވެ. ސުވާލުތަކަށް އެދެވޭ ޖަވާބެއް 2014ވަނަ އަހަރުން ފެށިގެން އަދާހަމައަށް ވެސް ލިބިފައި ނުވާއިރު، އިންސާފެއް ލިބުމުގެ ކުޑަ ހިލަމެއް ވެސް އަދި ނުފެންނަ ކަމަށް އާއިލާއިން ނުހަނު ހިތްދަތި ކަމާ އެކު ދެ ލޮލުން ލޭ ކަރުނަ އަޅައިފައި ފާހަގަ ކުރެއެވެ.
"ވަރަށް ރީތިކޮށް އެރޭ ކައިރީގައި އެކު އެކީގައި ހުރެފައި އެ ގެއްލުނީ، އަދިވެސް ހީވޭ 'ތިއްތާ' އޭ ކިޔައިފައި ގޮވައިލާހެން. އެ ދުވަސް އަދިވެސް ހަމަ ސިފަވޭ. ވަރަށް މަޖާ ކޮށްފައި އެ ރޭ ދިޔައީ ވެސް" ރިލްވާން ގެއްލުނު ރޭ ކުރު ގޮތަކަށް "ދެން" އަށް ސިފަ ކޮށްދެމުން އޭނާގެ ދައްތަ ފާތިމަތު ޝެހެނާޒް ކިޔައިދިނެވެ.
ރިލްވާން އެންމެ ފަހުން ފެނުނު ކަމަށް ބުނެފައި ވަނީ ހުޅުމާލެއިންނެވެ. ހުޅުމާލެއަށް ދާން ޓާމިނަލްގައި ހުރިކަން ސީސީޓީވީ ފުޓޭޖްތަކަށް ވެސް ވަނީ އަރައިފައެވެ. އެއަށް ފަހު އޭނާ ހުޅުމާލެއަށް ދިޔުމުން ބަޔަކު މީހުން ގަދަކަމުން އޭނާ ރަތް ކުލައިގެ ކާރަކަށް އެރުވި ކަމަށާއި، އެ ސަރަޙައްދުން ރިލްވާންގެ ލޭ ހުރި ވަޅިއެއް ފެނުނު ކަމަށާއި ރިލްވާން ރަހީނު ކުރި މީހުން، ފަހުން އޭނާ ޑިންގީއަކަށް އަރުވައިގެން ހުޅުމާލެއިން ބޭރަށް ގެންގޮސް، އޭނާއަށް ޝަހާދަތް ލައިދީ، ކަރު ބުރިކޮށް ކަނޑުފައްތައި މަރައިލީ ކަމަށް މި މައްސަލަ ތަހުގީގު ކުރުމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ހެއްދެވި ރިޔާސީ ކޮމިޝަނުގެ ތަހުގީގުން ހާމަ ކޮށްފައިވެއެވެ. އަދި އެއީ ހަރުކަށި ފިކުރުގެ ބަޔަކު ރޭވި ކަމެއް ކަމުގައި ވެސް ބުންޏެވެ.
ކުރީ ސަރުކާރުގައި މައްސަލައިގައި ތަހުގީގު ދިޔަ މިންވަރުގެ ޚުލާސާ
ރިލްވާން ގެއްލުނުތާ މިއަދަށް ހަތް އަހަރު ވެފައިވާ އިރު، އެ މައްސަލަ ބެލުމަށް ކުރީ ސަރުކާރާއި މިހާރުގެ ސަރުކާރުން ވެސް ވަނީ ތަހުގީގުތަކެއް ކޮށްފައެވެ. އެގޮތުން ކުރީ ސަރުކާރުގައި 2017 ވަނަ އަހަރު ތިން މީހެއްގެ މައްޗަށް ދައުވާ އުފުލިއެވެ. އެއީ ހ. ހިލްޓަން އަހުމަދު އާލިފް ރައޫފް އާއި ގދ. ވާދޫ ކަރަންކާގޭ މުޙައްމަދު ނޫރައްދީން ގެ އިތުރުން ސ. ހުޅުދޫ އަތިޔާގޭ މުޙައްމަދު ސުއައިދު
މައްސަލައިގެ ދައުވާ 2017 ވަނަ އަހަރުގެ އޯގަސްޓް މަހުގެ 15 ވަނަ އުފުލިއިރު، މައްސަލައިގެ އެންމެ ފުރަތަމަ އަޑުއެހުން ފަށާފައިވަނީ 20 ސެޕްޓެމްބަރ ގައެވެ.
ތިން މީހެއްގެ މައްޗަށް ރިލްވާން ގެއްލުވާލިކަމުގެ ދައުވާ އުފުލި ކަމުގައިވިޔަސް، މި ދައުވާގައި ކޯޓަށް ހާޒިރު ކުރެވުނީ އާލިފް ރައޫފް އާއި މުޙައްމަދު ނޫރައްދީން އެކަންޏެވެ. ޝަރީޢަތަށް ހާޒިރުކުރުމަށް ޗިޓު ހަވާލުކުރަން ދިޔުމުން، ސުއައިދު ވަނީ މަރުވެފައިކަމަށް އޭނާގެ އާއިލާއިން ވަނީ ބުނެފައެވެ.
ރިލްވާނަށް އިންސާފު ލިބޭނެ ކަމުގެ އުންމީދުގެ ހުޅުކޮޅު ރޯވަމުން ދިޔައެވެ. ޝަރީޢަތް ފެށި ހެއްކާއި ޤަރީނާތައް ވެސް ކޯޓަށް ހުށަހަޅަމުން ދިޔައެވެ.
ނަމަވެސް 2018 ވަނަ އަހަރުގެ އޯގަސްޓު މަހުގެ 2 ވަނަ ދުވަހު ކްރިމިނަލް ކޯޓުން މި މައްސަލައާ ގުޅޭގޮތުން އިއްވި ހުކުމުން އަނެއްކާވެސް ރިލްވާންގެ އާއިލާއާއި އެކުވެރިންގެ އިތުރުން، އޭނާއަށް ހެޔޮ އެދޭ އެންމެންނަށް ލިބުނީ މާޔޫސް ކަމެވެ.
ރިލްވާން ގެއްލުވާލިކަމަށް ތުހުމަތުކުރި އާލިފް ރައޫފް އާއި މުޙައްމަދު ނޫރައްދީން މިނިވަން ކުރުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ އެ މައްސަލަ ތަހުގީގު ކުރުމުގަައި ފުލުހުން ބައެއް މުހިންމު ކަންކަން ފުރިހަމަ ކޮށްފައިނުވާކަން ވެސް ފާހަގަ ކޮށްފައެވެ.
އެކަމާ ގުޅޭގޮތުން ރިލްވާންގެ ދައްތަ ބުނީ މި މައްސަލައިގެ ޝަރީޢަތުގެ މަޖިލީހަށް ފުލުހުން ސީސީޓީވީ ފުޓޭޖް ހުށަހަޅާފައިވާއިރު، އެ ފުޓޭޖުން ބަލަން ބޭނުންވި އެއްޗެއް ޝަރީޢަތަށް ހުށަހަޅާފައިނުވާ ކަމަށެވެ. މީގެއިތުރުން ރިލްވާން ގެއްލުވާލިކަމަށް ބުނާ ސަރަޙައްދުން ވަޅިއެއް ފެނިފައިވާކަމަށް ހެކިން ބުނެފައިވާއިރު ފޮރެންސިކް އެނެލިސިސް އެއްވެސް ނެގިފައި ނުވާކަން ވެސް ޝެހެނާޒް ފާހަގަ ކޮށްފައިވެއެވެ.
ރިޔާސީ ކޮމިޝަންގެ ތަހުގީގުން ހާމަވީ ކަންކަމުގެ ޚުލާސާއެއް
2019 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 1ވަނަ ދުވަހާއި ހަމައަށް އެންމެންނަށް ވެސް ޔަގީންވެފައިވީ ބަޔަކު، މިނިވަން ނޫސްވެރިޔާ އަޙުމަދު ރިލްވާން އަބްދުﷲ ގެއްލުވާލާފައިވާ ކަމަށެވެ. އޭނާ އާމެދު ކަންތައްވީ ގޮތް އޮޅުންފިލުވަމަށާއި އޭނާ މިހާރު ކޮބައިތޯ، މިއީ އެންމެން އެއިރު ވެސް ކުރަމުން ދިޔަ ސުވާލެކެވެ. އަދި މި ސުވާލު އެންމެ ބޮޑަށް ކުރި އެއް ބަޔަކީ ނޫސްވެރިޔާ ރިލްވާންގެ އާއިލާ މީހުންނެވެ.
ރިލްވާން ގެއްލުނު ރެއިން ފެށިގެން އޭނާގެ ޚަބަރެއްނުވެ، ވީނުވީއެއް ނޭނގި ގެއްލިފައިވުމުގެ ސަބަބުން، ރިލްވާން ހޯދައިދިނުމަށާއި އޭނާއަށް ވީނުވީއެއް އަންގައިދިނުމަށް އެ އާއިލާއިން ހުއްޓުމެއްނެތި ގޮވާލައި އާދޭސް ކުރަމުން ދިޔައެވެ. މަދުން ނަމަވެސް އެކި ވާހަކަތަކެއް ރިލްވާންއާއި ބެހޭ ގޮތުން ދައުރުވަމުން ދިޔަނަމަވެސް، ޔަގީންކޮށް އެއްވެސް މައުލޫމާތެއް އެއްވެސް ފަރާތަކުން އެއާއިލާއަށް ހިއްސާ ކޮށްދީފައެއް ނުވާކަން އާއިލާ އިން ވެސް ވަނީ ފާހަގަ ކޮށްފައެވެ.
މި މައްސަލައިގައި އިތުރު ކުރިއެރުމެއް ދެން ފެނުނީ 2019 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 2ވަނަ ދުވަހު ރިޔާސީ ކޮމިޝަނުން ހާމަކުރި، މި މައްސަލައިގެ ތަހުގީގީ ރިޕޯޓުންނެވެ. އެގޮތުން އެ ކޮމިޝަނުން ބުނީ އަހުމަދު ރިލްވާން އަބްދުﷲ މިހާރު މި ދުނިޔޭގައި ނެތް ކަމަށާއި އޭނާ މަރާލާފައިވަނީ، ބްލޮގަރ ޔާމީން ރަޝީދުގެ މަރާއިވެސް ގުޅުން ހުރި ބަޔަކު ކަމުގައެވެ.
މަރު ކޮމިޝަނުން މައުލޫމާތު ދިން ގޮތުގައި، ރިލްވާން މަރާލީ އޭނާ ގެއްލުނު ރޭ ހުޅުމާލޭ 21 ނަންބަރު ފްލެޓު ކައިރިން އޭނާ ގަދަކަމުން ރަތް ކުލައިގެ ކާރަކަށް އެރުވުމަށްފަހު ކަނޑުމައްޗަށް ގެންގޮސްފައެވެ. ކާރުގައި ގެންދިޔުމަށްފަހު ޑިންގީއަކަށް އަރުވާ، އެ ޑިންގީގައި ގެންގޮސް އެހެން އުޅަނދަކަށް ގެންދިޔަ ކަމަށާއި މަރާލީ އެ އުޅަނދަށް ގެންދިޔުމަށްފަހު، ޝަހާދަތް ކިޔުއްވާފައި ރިލްވާންގެ މޫނުގައި ދާގަނޑެއް އޮޅައިގެން ކަމަށް ވެސް އެކޮމިޝަނުގެ އެއިރުގެ ރައީސް ހުސްނުއް ސުއޫދު ވިދާޅުވިއެވެ.
"އެމީހުންނަކަށް ނުޖެހޭ އޭނަ ލައްވާ ޝަހާދަތް ކިޔުއްވާކަށް! ބަލަ ރިލްވާނަކީ މުސްލިމެކޭ!. އޭނަ އަކީ ބަރާބަރަށް ރޯދަ ހިފާ ނަމާދުކޮށް އުޅުނު މީހެއް. ކިހާ ރީތިކޮށް އޭނަ އެމީހުންނާއި ވާހަކަ ދައްކާފަވެސް އެހުރީ، ތިމަންނައަކީ ދީނަށް ފުރައްސާރަ ކުރާ މީހެއް ނޫނޭވެސް ކިހާ ރީތިކޮށް ބުނެފަހުރީ؟" ރިޔާސީ ކޮމިޝަންގެ ރިޕޯޓަށްފަހު ސުވާލު ކުރުމުން އެއިރު ރިލްވާންގެ ދައްތަ ޝެހެނާޒް ބުނެފައިވެއެވެ.
އުންމީދު ކުރި ގޮތަކަށް ނޫން މިކަން މިނިމުނީ. ވަރަށް ބޮޑަށް އުންމީދު ކޮށްގެން ތިބީ ކޮންމެވެސް ދުވަހަކުން ރިލްވާން ފެންނާނެ ކަމަށް، އެނބުރި އަންނާނެކަމަށް. ނަމަވެސް އެދުވަހު ލިބުނު ޚަބަރުތަކާއި ގުޅިގެން ހިތް މުޅިން ފަޅައިގެންގޮސްފި. އެ މީހުން އެކުއްޖާފުޅަށް އެންމެ ފަހު ވަގުތު ހެދި ގޮތްތައް އެނގުނީމަ ކަރުނަ ނުހިކޭ ލޮލުން
ރިލްވާނަށް އެއްވެސް ބަޔަކު އިންޒާރު ދިންކަން އާއިލާގެ އެއްވެސް މީހަކަށް ކުރިން އެނގިފައިވެތޯ ސުވާލު ކުރުމުން ޝެހެނާޒް ބުނެފައިވަނީ އޭގެ އެއްވެސް މައުލޫމާތެއް އެނގިފައިނުވާ ކަމަށެވެ.
އެ ކޮމިޝަނުން މިހާރު ވެސް މި މައްސަލަ ތަހުގީގު ކުރަމުން ދާއިރު، ދާދި ފަހުން ވަނީ މި މައްސަލައިގެ ތަހުގީގަށް ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ވެސް ހާޒިރު ކުރައްވާފައެވެ. ނަމަވެސް އެމަނިކުފާނު ތަހުގީގަށް އެއްބާރުލުން ނުދެއްވާ ކަމަށާއި ހުންނެވީ ހަނު ކަމަށް އެ ކޮމިޝަންގެ މެންބަރު މިސްބާހް އައްބާސް ވިދާޅުވެފައިވެއެވެ.
ރައީސް ޔާމީންގެ އިތުރުން ކުރީގެ ޕޮލިސް ކޮމިޝަނަރު ހުސެއިން ވަހީދު ވެސް ވަނީ އެ ކޮމިޝަނަށް ހާޒިރު ކޮށްފައެވެ. ރިޓަޔާޑް ސީޕީ ހުސެއިން ވިދާޅުވީ އެ ކޮމިޝަންގެ އެއްބާރުލުން ކުޑަ ކަމަށާއި އެބޭފުޅުންގެ ވެރިންގެ އޯޑަރު އައިސްފައިވާ ގޮތުން ރަނގަޅަށް ވާހަކަވެސް ދައްކާ ނުލެވުނު ކަމަށެވެ.
ހިތް ދަތިކަމަށް މިއަދަށް 7 އަހަރު، އާއިލާގެ އިހުސާސްތައް
މައިންބަފައިން ދެކެ ލޯބިވީ ދަރިއެކެވެ. އާއިލާގެ ލޯބި ލިބިގެން އުޅެމުން ދިޔަ އެ އާއިލާގެ މެންބަރެކެވެ. އޭގެ އިތުރުން ނުހަނު ޖެހިލުން ކުޑަ، އަދި ކުޅަދާނަ ނޫސްވެރިއެކެވެ. އެންމެންގެ ލޯތަށް މަތިން ގެއްލިގެން ދިޔަތާ މިއަދަށް ހަތް އަހަރު ފުރިފައިވާ އިރު، އެ ހިތްދަތިކަން އަދިވެސް އެންމެ ބޮޑަށް ތަހައްމަލު ކުރަމުންދާ ފަރާތަކީ އޭނާގެ އާއިލާއެވެ.
އާއިލާގެ ފަރާތުން "ދެން" އަށް މައުލޫމާޔތު ދެމުން ރިލްވާންގެ ދައްތަ ޝެހެނާޒް ބުނީ މި މައްސަލައިގެ އެއްވެސް އަޕްޑޭޓެއް އެ ކޮމިޝަނުން އަދިވެސް އާއިލާއަށް ދީފައި ނުވާ ކަމަށާއި ނަމަވެސް މައްސަލަ ކުރިއަށްދާކަން ނޫސްތަކުން އެނގޭ ކަމަށެވެ.
"މީހުން ހާޒިރު ކޮށްގެން އުޅޭ ވާހަކަ ވެސް ނޫސްތަކުން އެނގިފައި ވަނީ، އެހެންވެ ކަމެއް ކުރާކަން އެބަ އެނގޭ. އާއިލާއަށް ބޭނުންވާ ކަހަލަ އެއްވެސް މައުލޫމާތެއް އަދިއެއް ހިއްސާއެއް ނުކުރޭ. ކުރިން އެ ރިޕޯޓު ނެރުނު އިރު، އެނގުނު އެއްޗެއް އެނގިފައި އިނީ" ޝެހެނާޒް ބުންޏެވެ.
ޝެހެނާޒް ބުނީ މި މައްސަލައިގައި ސަރުކާރުން ކަންތައްތަކެއް ކޮށްދެއްވާކަން ޤަބޫލު ކުރާ ކަމަށެވެ. އެގޮތުން މައްސަލަ ތަހުގީގު ކުރަން ބޭރުގެ އިންވެސްޓިގޭޓަރަކު ގެނައިކަން ވެސް ފާހަގަކޮށް ޝެހެނާޒް ބުނީ އެއީ ވެސް ލިބުނު ކުރިއެރުމެއް ކަމަށެވެ.
"މީގެ އެންމެ ބޮޑު މައްސަލައަކީ ދުވަސްވެފައިވާ ކަމަކަށްވާތީ، ކުރީ ސަރުކާރުން އޮތީ ހެއްކާ އެއްޗެހި ނައްތާލައިފައި. އެހެންވީމަ ވަރަށް އުނދަގޫ ވާނެ ފަހުން އަންނަ ބަޔަކަށް ވެސް އެކަން ކުރަން. މިހާރު ތިބި މީހުން ވެސް ކިޔައިދިނީމަ އެނގޭނީ. އެކަމަކު ޤާނޫނު އަސާސީ އިންނަ ގޮތުން، ހެކިބަސް ދޭ މީހުންނަށް ހިމާޔަތާއި ރައްކާތެރިކަމެއް ނެތް. ހެކިބަސް ދީފަ ކޯޓުން ނުކުންނަ އިރު، އަނެއް ދުވަހު މި އޮންނަނީ ކަތިލާލައިފައި. ސިއްރު ހެކިބަސް ދިނަސް އޮންނަނީ ފަޅާ އަރާފައި" ޝެހެނާޒް ބުނެފައިވެއެވެ.
ރިލްވާން މަރާލީ ހަރުކަށި ފިކުރާ ގުޅުން ހުރި ބައެއް ކަމަށް ރިޔާސީ ކޮމިޝަންގެ ތަހުގީގުން ވަނީ ހާމަ ކޮށްފައެވެ. އެކަމާ އާއިލާގެ ފަރާތުން ޝެހެނާޒް ބުނީ، ކޮމިޝަނުން އެ ބުނި ވާހަކަތަށް ޤަބޫލު ކުރެވޭ ކަމަށެވެ.
"ހަރުކަށި ފިކުރުގެ މީހުން ކަމަށް ޤަބޫލު ކުރެވޭ. ކުރީ ސަރުކާރުގެ ބައެއް މަތީ ވެރިންގެ އަތް ވެސް މިކަމުގައިވޭ. އެ ސަރުކާރުގެ ހޯމް މިނިސްޓަރާއި، އެއިރުގެ އޯޑިޓް ކޮމިޝަނަރައާއި ފާހަގަ ކޮށްލަން ޕޮލިސް ކޮމިޝަނަރު. ހުރިހާ ކަމެއް އެނގިހުރެ މިހާރު ވެސް އަނގަ ބަންދު ކޮށްގެން އެބޭފުޅުން އެތިއްބަވަނީ. އެމީހުން އެކަން ކުރިއެކޭ ނޫން މި ބުނަނީ. ނަމަވެސް ކުށްވެރިން ފުރުވާލުމުގައާއި ރިލްވާންގެ ނަމުގައި ފޭކް ޕާސްޕޯޓެއް ހަދައިދިނުމުގައާއި މި ހުރިހާ ކަމެއްގައި ދައުލަތުގެ އިސްވެރިންގެ އަތެއްވޭ. ކަމަކީ ހަރުކަށިފިކުރުގެ ބައެއްގެ ކަމެއްކަމަށް ޤަބޫލު ކުރެވޭ. އެއީ ޑރ. އަފްރާޝީމާއި ޔާމީން ރަޝީދުގެ މައްސަލައާއި ގުޅުވާލާފައި އެ ރިޕޯޓުގައި އޮތީ. ރިލްވާނަށް ފާރަލިކަން ވެސް ހިމަނާފައިވަނީ. އަދި ރިލްވާން ވެސް ބުނެފައި ވަނީ އޭނައަށް ބަޔަކު ފާރަލާކަމާއި އިންޒާރު ވެސް ދޭ ކަމަށް" ޝެހެނާޒް ބުންޏެވެ.
ޝެހެނާޒް އިތުރަށް ބުނީ ރިލްވާން ގެއްލުވާލި ނުވަތަ މަރާލި މައްސަލައިގައި ހިމެނޭ ފަރާތްތަކާއި އިހުމާލުވީ ފަރާތްތަށް ވެސް އަދިވެސް ހަނު ތިއްބަވަނީ ރިލްވާނަކީ އެ ބޭފުޅުންގެ ދަރިއަކަށް އަދި އާއިލާ މީހަކަށް ނުވާތީ ކަމަށާއި މިކަމަކީ އެ ބޭފުޅުންނަށް އެއްވެސް ކަމަކަށް ނުވާތީ ކަމަށެވެ. އަދި އެ ބޭފުޅުންނަށް މިކަމުގެ ހިތްދަތިކަން ވިސްނޭނީ މިފަދަ ކަމެއް އެބޭފުުންނަށް ވެސް ތަހައްމަލު ކުރަން ޖެހުމުން ކަމަށް ވެސް ޝެހެނާޒް ބުންޏެވެ.
"ބަލިވެ އުޅުނީއެއް ނޫން. ހަމަ ނުލާހިކު ރީއްޗަށް އެރޭ ގެއަށް އައިސް ކައިގެން، މިތަނުގައި ހީހީފައި ސަމާސަ ކޮށްކޮށްފައި ނުކުމެގެން ދިޔަ ކުއްޖާ އެއީ. އެދުވަސް އަދިވެސް ސިފަވޭ، އަބަދުވެސް ހީވަނީ 'ތިއްތާ' އޭ ކިޔާފައި ގޮވާލައިހެން.
އެއީ މަސްގަނޑު ފެންނަން ނެތީމަ މަރާލާފައި ވެސް. އެހެން ކުދިންގެވާ މަރާލީމަ މަސްގަނޑު ފެންނަން އެބައޮވޭ ލޯ މަތީގައި. އެމީހުން ގެންގޮސްފައި އެބަ ވަޅުލާ. އަޅުގަނޑުމެންނަކަށް ނެތް އެ ފުރުސަތެއް ވެސް ލިބިފައެއް. ހެދި ގޮތެއް ވެސް އެނގެނީކީ ނޫން. އެހެންވީމަ އެންމެ ބޮޑަށް ދެރަ ވަނީ
ރިލްވާން ގެއްލުވާލި މީހުންނާއި އެކަން ކުރިކަން އެނގޭ މީހުންނަށް އާއިލާގެ ފަރާތުުން ޝެހެނާޒް ބުނީ މިކަމާ ގުޅޭ މައުލޫމާތުތަށް ސިއްރު ކޮށްގެން ނުތިބުމަށާއި މިހާރު ވެސް ރިލްވާނާއި ބެހޭ މައުލޫމާތެއް އެނގޭނަމަ ރިޔާސީ ކޮމިޝަނަށް ހާޒިރުވެ މައުލޫމާތު ހިއްސާ ކުރުމަށެވެ. ނުވަތަ އާއިލާއަށް ގުޅާލައިފައި މައުލޫމާތު ހިއްސާ ކޮށްލިޔަސް މައްސަލައެއް ނެތް ކަމަށް ވެސް ޝެހެނާޒް ބުންޏެވެ.
އާއިލާއިން އަޅުގަނޑާ މެދު ދައްކާފައި ވަނީ "ކޮސް" ވާހަކަތަކެއް: ޢުމަރު ނަސީރު
ރިލްވާން ގެއްލުނު މައްސަލަ ބެލުމުގައި އިހުމާލުވި ކަމަށް އާއިލާއިން އެންމެ ބޮޑު ތުހުމަތެެއް ކޮށްފައިވާ އެއް ފަރާތަކީ ކުރީގެ ހޯމް މިނިސްޓަރު ޢުމަރު ނަސީރެވެ.
އެގޮތުން ޝެހެނާޒް ބުނީ ޢުމަރު ނަސީރުގެ މައްސަލައަކީ "އެއް ދުވަހު އެކަތި، އަނެއް ދުވަހުު އަނެކަތި" ވިދާޅުވާކަން ކަމަށެވެ. އެހެންކަމުން އިހުމާލުވެފައިވާކަން ވަރަށް ރަނގަޅަށް އެނގޭ ކަމަށް ވެސް ޝެހެނާޒް ބުނެފައިވެއެވެ.
"ބައްދަލު ކުރަން އެދޭ ފަހަރަކުވިއްޔާ ބައްދަލު ކުރައްވާ، އެކަން ފާހަގަ ކުރަން. އެހެންނަމަވެސް އެއް ދުވަހު ބުނާނެ ރިލްވާން އެބަހުއްޓޭ އައްޑޫ އަތޮޅުގައި، އަނެއް ދުވަހު ބުނާނެ ޚަބަރު ލިބިއްޖޭ ރިލްވާން މޫނު ބުރުގާއެއް އަޅައިގެން އުޅޭކަމުގެ. މިކަހަލަ މަޖާ ވާހަކަ އޭނަ އަޅުގަނޑުމެންނާ ދެއްކީ، އޭނަ ހިތަކަށް ނާރާ އަޅުގަނޑުމެންނަށް ކުރާނެ އަސަރެއް." ޝެހެނާޒް ބުންޏެވެ.
އާއިލާގެ ފަރާތުން ދައްކފައިވާ ވާހަކަތަކާ ގުޅޭގޮތުން "ދެން" އިން ސުވާލު ކުރުމުން، ޢުމަރު ނަސީރު އެންމެ ފުރަތަމަ ވެސް ވިދާޅުވީ، އެ އާއިލާއިން އެމަނިކުފާނާއި ގުޅޭގޮތުން ދައްކަވަނީ "ކޮސް" ވާހަކަތަކެއް ކަމަށެވެ.
"އެމްޑީޕީން ރިލްވާނުގެ މައްސަލަ ބޭނުން ކުރީ ސިޔާސީ ހަތިޔާރަކަށް. އެމީހުން ވެރިކަމަށް އައީ ރިލްވާންގެ އާއިލާ ބޭނުން ކޮށްގެން، އާއިލާ ލައްވާ ކެމްޕޭނު ކުރުވައިގެން. އައިސްފައި 2 އަހަރާ ބައި ވީ އިރުވެސް އެއްވެސް ކަމެއް ނުވި، އަޅުގަނޑުމެންގެ ސަރުކާރުގައި ވާނީ އެ މައްސަލަ ވަރަށް ރަނގަޅަށް ބަލައި، ބެލެންވާ ހުރިހާ އެއްޗެއް ބަލައި، މައްސަލައިގައި ތުހުމަތު ކުރެވޭ މީހުން ވެސް ހޯދައި ތުހުމަތު ކުރެވޭ މީހުން ހައްޔަރު ވެސް ކޮށްފައި" ޢުމަރު ނަސީރު ވިދާޅުވިއެވެ.
ރިލްވާނާއި ގުޅޭގޮތުން ޢުމަރު ނަސީރު ދެއްކެވި ކަމަށް އާއިލާއިން ބުނި ވާހަކަތަކާއި ގުޅޭގޮތުން އެމަނިކުފާނު ވިދާޅުވީ، އާއިލާއަށް އެވަނީ ވަރަށް ބޮޑަށް ކަމެއް އޮޅިފައި ކަމަށާއި އެމނިކުފާނު ހިއްސާ ކުރެއްވީ އިންޓެލިޖެންސުން ލިބުނު މައުލޫމާތު ކަމަށެވެ.
"އަޅުގަނޑު ހިއްސާ ކުރީ ފުލުހުންގެ އިންޓަލިޖެންސުން ލިބުނު މައުލޫމާތު. ބުނިން މިފަދަ މައުލޫމާތެކޭ ލިބިފައިވަނީ މިހާރު، ހަމަ ސީދާ ރިލްވާން އެވެނި މިވެނި ތަނެއްގައޭ ހުރީ ނުބުނަން. އަޅުގަނޑުގެ ރަނގަޅުކަން ލިބޭ މައުލޫމާތެއް ވެސް ހިއްސާ ކުރުން. އެހެން ލިބޭ ހުރިހާ މައުލޫމާތަކީ ސައްޙަ މައުލޫމާތަށް ވެސް ނުވެދާނެ" ޢުމަރު ނަސީރު ވިދާޅުވިއެވެ.
މީގެއިތުރުން ޢުމަރު ވިދާޅުވީ ރިލްވާން މައްސަލައިގައި އާއިލާއަށް އެންމެ ބޮޑަށް އެއްބާރުލުން ދިން ވަޒީރަކީ އެމަނިކުފާނު ކަމަށާއި ނަމަވެސް އޭގެ ބަދަލުގައި މިއަދު އާއިލާއިން އެމަނިކުފާނާ ބެހޭގޮތުން ދައްކާ ވާހަކަތަކުން ވަރަށް ހިތާމަކުރައްވާ ކަމަށެވެ.
ރިލްވާން ގެއްލުނުތާ މިއަދަށް ހަތް އަހަރު ފުރިއްޖެއެވެ. އަޅުގަނޑުމެން އެންމެންގެ ވެސް ދުޢާ އަކީ އޭނާއަށް އިންސާފު ލިބި، މިކަންކަން ހިނގައިގެން ގޮސްފައިވާ ހުރިހާ ގޮތުގެ ތަފްސީލު ވީ އެންމެ އަވަހަކަށް ހާމަވެގެން ދިޔުމެވެ.