ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ ޕެރަލިމްޕިކްސްގައި ފުރަތަމަ ފަހަރަށް ރާއްޖެއިން ވާދަކުރަނީ
ހާއްސައެހީއަށް ބޭނުންވާ މީހުންގެ ޕެރަލިމްޕިކްސްގައި ރާއްޖޭގެ ފަރާތުން ފުރަތަމަ ފަހަރަށް ވާދަކުރުމަށް ޓަކައި އެތުލީޓުން ފުރަން ތައްޔާރުވެއްޖެއެވެ.
ޕެރަލިމްޕިކްސްގައި ވާދަކުރުމަށް ބްލައިންޑް އެޝޯޝިއޭޝަނުގެ މެމްބަރުން ކަމުގައިވާ މުހައްމަދު މާޒިންއާއި ފާތިމަތު އިބްރާހިމް ފުރާނީ އަންނަ އާދިއްތަ ދުވަހުގެ ރޭގައެވެ.
މިމުބާރާތުގައި މާޒިންއާއި ފާތުން ވާދަ ކުރާނީ ބްލައިންޑް ޓީ-11 100 މީޓަރުގެ ދުވުމުގައި ކަމަށާއި މުބާރާތް އޮންނަނީ މި މަހުގެ 30 އަދި އަންނަ މަހުގެ 1 ވަނަ ދުވަހުގައި ޖަޕާނުގައިކަމަށް ވެސް އެތުލީޓުން ބުނެއެވެ.
"އެތުލީޓުން ފުރާނީ އާދީއްތަ ދުވަހުގެރޭ. ދެން މިމުބާރާތުގައި ރާއްޖޭން މި ވާދަ ކުރަނީ އަލަށް. އެހެންވީމަ މީ ވަރަށް ބޮޑު ޝަރަފެއް އަދި ފަހުރެއް. އުއްމީދަކީ ކާމިޔާބުވުން" "ދެން"އަށް މައުލޫމާތު ދެމުން އެތުލީޓުން ބުންޏެވެެ.
މީގެ އިތުރުން އެތުލީޓުން މި މުބާރާތުގައި ވާދަކުރުމުގެ ކުރިން އެގައުމުގައި 3 ދުވަހުގެ ޓްރޭނިން ކޭމްޕެއް ކުރިއަށް ގެންދާނެކަމަށް ވެސް އެތުލީޓުން ބުނެއެވެ.
ކުޅިވަރުގެ އެންމެ ބޮޑު މަހާސަމާ ކަމުގައިވާ އޮލިމްޕިކްސްގެ މެއިން އިވެންޓަށް ފަހު ހާއްސައެހީއަށް ބޭނުންވާ ފަރާތަކަށް ހާއްސަކޮށްގެން ބާއްވާ ޕެރަލިމްޕިކްސްގައި ރާއްޖެއިން ވާދަ ކުރާ މާޒިން ވަނީ މީގެ ކުރިން ވެސް އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ވާދަކޮށް ބްރޯންޒް މެޑަލް ހޯދައިފައެވެ.
މިދިޔަ ޖުލައި މަހުގެ 23އިން ފެށިގެން އޯގަސްޓް 8އަށް ޖަޕާނުގައި ކުރިއަށް ގެންދިޔަ އޮލިމްޕިކްސް ގޭމްސްގައި ރާއްޖެއިން ވަނީ ހަތަރު އެތުލީޓުން ވާދަކޮށްފައެވެ. އެއީ އެތުލެޓީކްސްއިން ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދުގެ އިތުރުން ފެތުމުން މުބާލް އައްޒާން އިބްރާހިމް އަދި އައިޝަތު ސާޖިނާއާ ބެޑްމިންޓަނުން ފާތިމަތު ނަބާހާއެވެ.