ސިޔާސީ

އަޅުގަނޑު ކުރި ބަޣާވާތެއް ނޯންނާނެ: ނާޒިމް

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

2012ވަނަ އަހަރު ރައީސް މުޙައްމަދު ނަޝީދު ރާއްޖޭގެ ވެރިކަމުން އިސްތިޢުފާ ދެއްވީ ކަމަށާއި އެކަން ކުރެއްވީ ކަންކަން ކުރުމުގެ ޤާބިލުކަން ނެތުމުން ކަމަށް ދަގެނތީ ދާއިރާގެ މެމްބަރު މުޙައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ނާޒިމް މިހެން ވިދާޅުވީ ސަންގު ޓީވީގެ ޕްރޮގްރާމެއްގައި ބައިވެރިވެ ވަޑައިގެން ވާހަކަފުޅު ދައްކަވަމުންނެވެ. ނާޒިމް ވިދާޅުވީ، ރައީސް ނަޝީދުގެ ވެރިކަން ވެއްޓުނީ ބަޣާވާތަކުން ނޫން ކަމަށާއި ، އެ މަނިކުފާނު ބަޣާވާތެއް ނުކުރައްވާކަމަށެވެ. އަދި ރައީސް ނަޝީދު އިސްތިއުފާ ދެއްވި ދުވަހު އެމަނިކުފާނު ކުރެއްވީ ޤައުމީ މަސައްކަތެއް ކަމަށް ވިދާޅުވެ ރައީސް ނަޝީދާ އެ ދުވަހު ދިމާނުވާ ކަމަށް އެމަނިކުފާނު ވިދާޅުވާ ބަސް ތަކުރާރު ކުރެއްވިއެވެ.

"އަޅުގަނޑުމެންނަކީ ވަރަށް ޤައުމީ ބައެއް. ޚާއްސަކޮށް އަޅުގަނޑުގެ ޙަޔާތުގެ ބޮޑުބައި ހޭދަކުރީ ސިފައިންގެ ޚިދުމަތުގައި. ޤައުމެއްގެ ފުލުހުންނާއި ސިފައިން ކުރިމަތިލުމެއް ހިނގާތަން ފެނުމަކީ އަޅުގަނޑުމެންނަށް ކެތްވާނެ ކަމެއް ނޫން. އެފަދަ ވަގުތެއްގައި އެތަނަށް ގޮސް، އަޅުގަނޑު ކުރި މަސައްކަތަކީ ޤައުމީ މަސައްކަތެއް" ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ، ވެރިއެއްގެ ގައިގައި ޤައުމެއް ހިންގުމުގެ ޤާބިލުކަން ނެތުނީމަ ސަރުކާރެއް ނިމުމަކަށް އަތުވެދާނެ ކަމަށާއި އެދުވަހު ސްޕީކަރުން ނާޒިމް ދެއްވީ ރައްޔިތުން ދޭން ބޭނުންވި މެސެޖު ކަމަށެވެ.

ނާޒިމްގެ ވާހަކަފުޅުގައި ވިދާޅުވީ، ނާޒިމް ބަޣާވާތް ކުރެއްވިނަމަ، ކޯނީ ރިޕޯޓްގައި އެ ވާހަކަ އޮންނާނެ ކަމަށެވެ. އެހެން ނަމަވެސް އެ ރިޕޯޓްގެ އެއްވެސް ހިސާބެއްގައި އޭނާގެ ނަން ނެތް ކަމަށާއި ނާޒިމް ބަޣާވާތް ކުރި ކަމަށް ބުނެ އެމްޑީޕީގެ ލީޑަރޝިޕްގެ ބޭފުޅުން ދައްކަވާ ވާހަކަތަކަކީ ފިތުނަ ކަމަށެވެ.

ނާޒިމް ވިދާޅުވީ، އެ ދުވަހު ބަޣާވާތް ކުރީ އެމަނިކުފާނު ކަމަށް ބުނުމުގެ ފުރުސަތު ނޯންނާނެ ކަމަށާއި އެދުވަހު ހުވާ ކުރި ފަރާތާއި ހުވާ ލައިދިން ފަރާތާއި އެތަނުގައި ތިބިފަރާތްތައް މިއަދު ވެސް އެބަ އުޅޭ ކަމަށެވެ. އަދި އޭރު މަޖިލިސް ރައީސް ކަމުގައި ހުންނެވި، މިހާރުގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވެސް، ރައީސް ވަޙީދު ވެރިކަމަށް ހުވާކުރެއްވި އިރު އެތަނުގައި ހުންނެވިކަން ނާޒިމް ފާހަގަ ކުރެއްވިއެވެ.

"އެ ދުވަހު ހުވާ ކުރެއްވީ ނައިބުރައީސް. ހުވާ ކުރުމުގައި ހުންނެވީ، މިހާރުގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު. އެހެންވީމަ އަޅުގަނޑުތޯ އެކަން ކުރި މީހަކީ، އެ ބޭފުޅުންތޯ ސުވާލު އުފައްދަންވީ. ރައީސް އިސްތިޢުފާ ނުދެއްވި ނަމަ އެ ބޭފުޅުން ހުވައެއް ނުކުރާނެ. ހުވާ ލާދިން މީހާ ވެސް އެބަ ހުންނެވި، އެއީ އޭރުގެ އުއްތަމަ ފަނޑިޔާރު. އަޅުގަނޑާ ދިމާލަށް އެހެން ބުނުމުގެ ޙައްޤެއް ނޯންނާނެ" ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ، ބާޣީއެއް ކަމަށް ބުނެ އެމަނިކުފާނާ ދިމާއަށް ވަރަށް ހަޑިއެއްޗެހި ގޮވި ކަމަށާއި ނަމަވެސް އެމަނިކުފާނު އެމީހުންނާ މެދު ހިތްބުރަ ކަމެއް ނެތްކަމަށެވެ. އަދި އެގޮތަށް އެއްޗެހި ގޮވާ މީހުން ގޮވާ އެއްޗެހި އެމީހުންގެ އަނބިދަރިންނަށް އަޑު އިވޭނެ ކަމަށާއި އެހެންކަމުން މިފަދަ ކަންކަމުން ގެއްލިގެންދަނީ އެހެން ގޮވި މީހާގެ އިއްޒަތްކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑާ ދިމާލަށް ގޮވަންވީ ކޮންމެ އެއްޗެއް ވެސް ، އަޅުގަނޑުގެ ހިތުގައެއް ނެތް ބުރަކަމެއް. އަޅުގަނޑަކީ ވަރަށް ހިތްތިރި މީހެއް." ނާޒިމް ވިދާޅުވިއެވެ.

Ads by HDC
  1. ނަރުދޫ ހަސަނު

    ކޮނަ ވާހަކައެއް. ތީ ހަމަ ބާޣީ ނާޒިމު، ނޯންނާނެ އިތުރު އެއްވެސް ނަމެއް. ރިޔަސީ އިންތިޚާބުގައި ބާޣީ ނާޒިމް ދާނީ ޗޮކުން