ރައީސް ނަޝީދަށް ޖާނުން ފިދާވުމުގެ ހަމަލާއެއް ދީފާނެ: ހަލީމް

ކުރީގެ ރައީސް އަދި މިހާރުގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ޖާނުން ފިދާވުމުގެ ހަމަލާއެއް ދީފާނެކަމުގެ އިންޒާރު ލިބެމުން އަންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބިލެތްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް (ދޮންބިލެތް) ވިދާޅުވެއްޖެއެވެ.
މިހާރު ކުރިޔަށްދާ ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރުގެ ދެވަނަ ޖަލްސާގައި ނިޒާމީ ނުކުތާއެއް ނަންގަވައި ވާހަކަދައްކަވަމުން މެންބަރު ހަލީމް ވިދާޅުވި ގޮތުގައި އަދިވެސް ރައީސް ނަޝީދަށް ހަމަލާއެއް އަތުވެދާނެކަމުގެ ބިރު އެބައޮތެވެ.
"މިހާރު ވެސް އެމަނިކުފާނަށް ކެނޑިނޭޅި ޖާނުން ފިދާވުމުގެ ހަމަލާއެއް ދީފާނެކަމުގެ އިންޒާރު އަންނަމުން ދާތީއާއި އޭގެ މައުލޫމާތު ވަރަށް ރަނގަޅަށް ލިބޭތީ އަދިވެސް އެމަނިކުފާނު ރާއްޖެ ވަޑައިގަންނަވައިގެން އެ ސަލާމަތާ ރައްކާތެރިކަން ނެތްކަމަށް ފެންނާތީ މަޑުކޮށްލައްވައިގެން އެ ހުންނެވީ،" ހަލީމް ވިދާޅުވިއެވެ.
މެންބަރު ހަލީމް އިތުރަށް ވިދާޅުވީ ރައީސް ނަޝީދަށް ހަމަލާ ދިން މީހުން އަދިވެސް ތިބީ ދޫކޮށްލައިފައި ކަމަށެވެ.
އެމްޑީޕީގެ ވެސް ރައީސް މުޙައްމަދު ނަޝީދު އަވަހާރަކޮށްލުމަށް އަމާޒުކޮށް، މެއި މަހުގެ ހަވަނަ ދުވަހުގެ ރޭ ދިން ހަމަލާގައި ދިހަ މީހަކު ހައްޔަރު ކޮށްފައިވެއެވެ.
އެތަނުން ހަތަރު މީހެއްގެ މައްޗަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ދައުވާ އުފުލައިފައިވެއެވެ. އަދި ދައުވާ ކުރެވޭވަރަށް ހެކި ނެތުމުން އެ ދިހަ މީހުންގެ ތެރެއިން އެކަކު ވަނީ ދޫކޮށްލައިފައެވެ.
އަވަހަށް މަގާމުން އިސްތިއުފާ ދީފައި ބޭރުގައި ހުންނަވާ. ތިޔަހާ ފިނޑި ތާކުންތާކު ނުޖެހޭ މީހުން ޒިންމާ ބޮޑު މަގާމުތަކުގައި ނުތިބެވޭނެ. ރައްޔިތުންގެ ފައިސާއިން ބޮޑު މުސާރަ ނަގައިގެން ބަހަނާ ދައްކާނެ ކަމެއް ނެތް. މި ގައުމުގައި ކަންކުރެވޭނެ ގާބިލު ހިތްވަރު ގަދަ މީހުން އެބަތިބި.