ޕެރަލިމްޕިކް ގޭމްސްގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ދިވެހި ދިދަ ފުރަތަމަ ފަހަރަށް ވިހުރުވައިލައިފި!

ޕެރަލިމްޕިކް ގޭމްސްގައި ރާއްޖެ ފުރަތަމަ ފަހަރަށް ތަމްސީލުކޮށްފިއެވެ.
ޖަޕާނުގެ ވެރިރަށް ޓޯކިޔޯގައި ރޭ ފެށިގެންދިޔަ ޓޯކިޔޯ ޕެރަލިމްޕިކް 2020ގައި ރާއްޖެ ތަމްސީލުކޮށް ދީ ދިދަ އުފުލައިފައި ވަނީ ބްލައިންޑް އެސޯސިއޭޝަނުގެ މެމްބަރުން ކަމުގައިވާ މުހައްމަދު މާޒިންއާއި ފާތިމަތު އިބްރާހިމެވެ.
ކުޑަކުޑަ ރާއްޖެއިން ފުރަތަމަ ފަހަރަށް ޕެރަލިމްޕިކްގައި ބައިވެރިވުމުގެ ފަހުރު ހޯދައިދީފައިވާ މާޒިންއާއި ފާތުން ވާދަ ކުރާނީ ބްލައިންޑް ޓީ-11 100 މީޓަރުގެ ދުވުމުގައި ކަމަށާއި މުބާރާތް އޮންނަނީ މި މަހުގެ 30 އަދި އަންނަ މަހުގެ 1 ވަނަ ދުވަހުގައި ކަމަށް "ދެން" އަން މައުލޫމާތު ދެއްވަމުން އެތުލީޓުން ވަނީ ބުނެފައެވެ.

ޕެރަލިމްޕިކް ހުޅުވުމުގެ ރަސްމިއްޔާތަން މާޒިން އާއި ފާތުން ދިވެހި ދިދަ އާއެކު ދަނީ/ ފޮޓޯ އެތުލީޓުން
"މިހާރު ޖަޕާނުގެ ނިޕޯން ސްޕޯޓްސް ސަައިންސް ޔުނިވާސިޓީއިން 3 ދުވަހުގެ ޓްރޭނިން ނިންމައިފަ. އެއީ ޖަޕާނުގެ އެންމެ ބޮޑު ކުޅިވަރު ޔުނިވާސިޓީ. ވަރަށް ކާމިިޔާބުކަމާ އެކު ޓްރޭނިން ނިންމާލީ. އެމީހުންގެ ހުރިޙާ ފެސިލިޓީއަކާ އެކުގައި" އެތުލީޓުންގެ ފަރާތުން "ދެން"އަށް މަޢުލޫމާތުދިނެވެ.
އެތުލީޓުން ބުނީ މިހާރު ކުރިއަށްދަނީ ޕްރެކްޓިސްތައް ކަމަށާއި ފައިނަލް ދުވުމަށް މިހާރު ހަމަ ތައްޔާރުކަމަށެވެ.
ކުޅިވަރުގެ އެންމެ ބޮޑު މަހާސަމާ ކަމުގައިވާ އޮލިމްޕިކްސްގެ މެއިން އިވެންޓަށް ފަހު ހާއްސައެހީއަށް ބޭނުންވާ ފަރާތަކަށް ހާއްސަކޮށްގެން ބާއްވާ ޕެރަލިމްޕިކްސްގައި ރާއްޖެއިން ވާދަ ކުރާ މާޒިން ވަނީ މީގެ ކުރިން ވެސް އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ވާދަކޮށް ބްރޯންޒް މެޑަލް ހޯދައިފައެވެ.