ރައީސް ޔާމީން ޖަލަށް ލެވުނު ޙުކުމް ލިޔުއްވީ ހިސާން: ސަޢީދު
ކުރީގެ ރައީސް، ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ޖަލަށް ލާން ކްރިމިނަލް ކޯޓުގެ ބެންޗުން ކުރި ޙުކުމް ލިޔުއްވައިފައި ވަނީ، ޖުޑީޝަލް ސާވިސް ކޮމިޝަން،ޖޭއެސްސީގެ ރައީސް، ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސެއިން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސަޢީދު ތުހުމަތު ކުރައްވައިފިއެވެ.
މިރޭ އިދިކޮޅު ކޯލިޝަނުން ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ސަޢީދު ވިދާޅުވީ، ރައީސް ޔާމީން ޖަލުގައި އޮންނެވީ ނުޙައްޤުން ކަމަށާއި މިއަދު އެކަން ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ހާމަވެފައިވާ ކަމަށެވެ. އަދި އެ ޙުކުން ލިޔުއްވީ މެންބަރު ހިސާން ކަމަށާއި އެ ޙުކުމް އޮތީ ރައީސް ޞާލިޙްގެ މޭޒުގެ މަތީގައި ކަމަށް ސަޢީދު ވިދާޅުވިއެވެ.
"އެމަނިކުފާނަށް އެ ދޭ އަނިޔާ، މިއަދު ފަނޑިޔާރުންގެ ދުލުން އެ ބުނަނީ ތިމަންނަ މެންނަށް ސަމުސާއަކަށް އަޅައިފައި ބޯންދިނީއޭ. އެއީއެއް ނޫންތޯ އެ ވިދާޅުވާ އެއްޗަކީ، ޙުކުމް ލިޔެފައޭ އޮތީ، ލިޔެފަ އޮތް ޙުކުމް ވިދާޅުވި ބޭފުޅެއް ނެތް. ފަނޑިޔާރުންގެ ތެރެއިން އެންމެ ފަނޑިޔާރަކަށް ވެސް ދަންނަވާކަށް ނުކެރޭނެ އެ ޙުކުމް ލިޔުނީ ތިމަންނައޭ. އެ ޙުކުމް ލިޔުނީ ޙިސާން. ރައީސް ޞާލިޙްގެ މޭޒުކޮޅުގައި އެ ޙުކުމް އޮތީ. ރައީސް ޞާލިޙަކަށް މިކަމެއް ދޮގެއް ނުކުރެވޭނެ" ސަޢީދު ވިދާޅުވިއެވެ.
ރައީސް ޔާމީންނަށް ޙުކުމް ކުރި ފަނޑިޔާރުންގެ ބެންޗުގައި ތިއްބެވި ތިން ފަނޑިޔާރެއްގެ އޯޑިއޯތަކެއް ކަމަށް ބުނާ އޯޑިއޯތަކެއް މީގެ ދެތިން ދުވަސް ކުރިން ވަނީ ލީކްވެފައެވެ. ފަނޑިޔާރުންތަކެއްގެ އެ އޯޑިއޯތަކުގައި ބުނެފައި ވަނީ ރައީސް ޔާމީނަށް ޙުކުމްކޮށްފައި ވަނީ ސަރުކާރުގެ ނުފޫޒުން ކަމަށާއި ޙުކުމުގައި އޮތް އެއްޗެއް ވެސް ނޭނގޭ ކަމަށެވެ. މިވީޑިއޯތަކުގެ ސައްޙަކަން ކަށަވަރު ކުރުމަށް ޖޭއެސްސީއިން މިހާރު ވަނީ ފަނޑިޔާރުންގެ އަޑުގެ ސުންކު ނަގައިފައެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޖޭއެސްސީ އިސްލާޙް ކުރަން ސަރުކާރުން ވެފައިވާ ވަޢުދާ ބެހޭ ގޮތުން ސުވާލު ކުރުމުން ސަރުކާރުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވަނީ ފަނޑިޔާރުންގެ މައްސަލަތައް ބަލައި ޖޭއެސްސީއަށް މެމްބަރުން ކަނޑައަޅާ އުސޫލު ބަދަލު ކުރުން ލަސްވެފައިވާ ކަމަށާއި އެކަމަކު ސަރުކާރުގެ މި ދައުރުގެ ތެރޭގައި އެކަން ކުރައްވާނެ ކަމަށް ވިދާޅުވިއެވެ. މިކަމަށް އިޝާރާތް ކުރައްވާ ސައީދު ވިދާޅުވީ، މިއަދު ޖޭއެސްސީ އިސްލާޙް ކުރާ ވާހަކަ ރައީސް ޞާލިޙް ދެއްކެވުމުން، ރައީސް ޔާމީންގެ މައްސަލައިގައި ނުފޫޒު ފޯރުވާފައިވާ ކަމަށް އަމިއްލައަށް އެއްބަސްވެވޭ ކަމަށެވެ.
"މިއަދުތޯ ބުނަން ޖެހެނީ ޖޭއެސްސީ އިސްލާޙް ކުރަން ޖެހިއްޖޭ. މިއަދު ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް ޖޭއެސްސީ އިސްލާޙް ކުރަން ޖެހިއްޖޭ ވިދާޅުވި ވިދާޅުވުމަކީ މިއަދު ގޮތް ހުސްވެގެން އަމިއްލައަަށް އިޢުތިރާފްވުން" ސަޢީދު ވިދާޅުވިއެވެ.
ސައީދުގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ، މިއަދު ސިޔާސީ މަސްރަހުގައި އުޅުއްވާ ހުރިހާ ލީޑަރުންނަށް ވެސް ޤައުމަށް ޚިދުމަތް ކުރުމުގެ ފުރުސަތު އެކި ގޮތްގޮތަށް ލިބުނު ކަމަށާއި އެހެން ނަމަވެސް އެ ލީޑަރުން މަސައްކަތް ކުރީ އަމިއްލަ އެދުމާއި މާއްދީ ފައިދާ އިސްކޮށް ކަމަށެވެ. އަދި މިފަދަ ލީޑަރުން ރައްޔިތުން ދެން ބަލައި ނުގަންނާނެ ކަމަށް ވެސް ސަޢީދު ވިދާޅުވިއެވެ. މީގެ އިތުރުން، ރާއްޖޭގެ ސިޔާސީ ލީޑަރުންގެ ތެރެއިން ރައީސް ޔާމީން ފިޔަވައި ޤައުމުގެ ހައްގުގައި ވަކާލާތު ކުރައްވާ ސިޔާސީ ލީޑަރެއް ނުފެންނަ ކަމަށް ސައީދު ވިދާޅުވިއެވެ. އަދި ވިދާޅުވީ ރައީސް ޔާމީނަށް ލިބުނު ފަސް އަހަރުގެ ދައުރުގައި ކުރިމަތިވި ގޮންޖެހުން ތަކާ އެކު ވެސް ޤައުމު ތަރައްޤީ ކުރުމަށް މަސައްކަތް ކުރެއްވި ކަމަށެވެ.
"ރައީސް ޔާމީނެއް ބޭނުންފުޅެއް ނުވާނެ އެމްޑީޕީ ނެތިކޮށްލާކަށް ވެސް. ރައީސް ޔާމީނަކީ ޑިމޮކްރަސީއަށް ޖާގަ ދެއްވި ބޭފުޅެއް. އެމްޑީޕީއަށް ފާޑު ކިޔަން ފުރުސަތު ދިނެއް ނޫންތޯ؟ ރައީސް ޔާމީންގެ މިނިކަށި ހަފާ ކެއީ މި ބޭފުޅުންނެއް ނޫންތޯ؟ ކޮންހާ ދޮގު އިލްޒާމެއްތޯ ނާޅުވަނީ؟ އެ މަނިކުފާނުގެ މުޅި ޢާއިލާގެ ދުވަސް ދުއްވާލި. އެކަމަކު ރައީސް ޔާމީން އިސްކަން ދިނީ، ޤައުމު ތަރައްޤީކޮށް، ވަޒީފާގެ ފުރުސަތު އިތުރުކޮށް، އިޤްތިޞާދު ހަރުދަނާ ކުރަން" ސަޢީދު ވިދާޅުވިއެވެ.
ސަޢީދުގެ ވާހަކަ ނިންމަވައިލެއްވީ، ދާދި އަވަހަށް ރައީސް ޔާމީން މިނިވަންކަންކޮށް، ޤައުމަށް ޚިދުމަތް ކުރައްވާނެތަން ފެންނާނެކަމަށް ވިދާޅުވަމުންނެވެ. އަދި ހުކުރު ދުވަހުގެ ރޭ ބާއްވާ ބޮޑު ޖަލްސާއަކީ މިވެރިކަމުގެ ނިމުމުގެ ފެށުން ކަމަށް ވެސް ސަޢީދު ވިދާޅުވިއެވެ.