އިޖުތިމާޢީ

ނޮޅިވަރަމްގެ ސިއްޙީ ހާލަތު ގޯސްވެ، ބަލި މީހުން ޕިކަޕުގައި އުފުލަނީ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ކޮވިޑް-19އާ ގުޅިގެން ހދ. ނޮޅިވަރަމްގެ ސިއްޙީ ހާލަތު އިތުރަށް ގޯސްވެ، ބަލި މީހުން ސިއްޙީ މަރުކަޒަށް ޕިކަޕުގައި އުފުލަން ފަށައިފިއެވެ.

Ads by Sosun Fihaara

ނޮޅިވަރަމް ކައުންސިލުގެ މީޑީއާ ކޯޑިނޭޓަރ މުޙައްމަދު މުޞްޠަފާ (މުމުހު) "ދެން" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ނޮޅިވަރަމްގެ ސިއްޙީ ހާލަތު ވަނީ ގޯސްވެފައި ކަމަށާއި މިހާރު ބަލި މީހުން އުފުލަމުން ދަނީ ވެސް ޕިކަޕެއްގައި ކަމަށެވެ.

" މަރުކަޒުގެ އެމްބިއުލާންސް ހަލާކުވެ ހިދުމަތް ނުދެވޭތާ އެތަކެއް ދުވަސް ފާއިތުވެފައިވާއިރު ކޮވިޑު ބަލީގެ ރިހުމާ ވޭނުން ނޮޅިވަރަމު ރައްޔިތުންގެ ލޮލުން މެދުނުކެނޑި ކަރުނަ އޮހޮރެމުންދާތާ 10 ދުވަސް މިވަނީ ވެފަ. ބަލިމީހުން އުފުލަމުން ދަނީ އަދިވެސް ރަށު ޕިކަޕް ތަކުގަޔާއި ޕިކަޕް ތަކުގަޔާއި ސައިކަލް ތަކުގަ. އެގޮތުން މިއަދު ވެސް ކަރަންޓީން ކުރެވިފައިވާ ގެއަކުން ބަލި މީހަކު ޕިކަޕަށް ލައިގެން ސިއްހީ މަރުކަޒަށް ވަނީ ގެންގޮސްފަ." މުމުހު ވިދާޅުވެފައިވެއެވެ.

މުމުހު އިތުރަށް ވިދާޅުވީ، މި މަހުގެ 6ވަނަ ދުވަހު ނޮޅިވަރަމް ކޮވިޑް ޓާސްކްފޯސްއިން ބޭއްވި ބައްދަލުވުމުން އެ ރަށުގައި މިހާރުގެ ހާލަތަށް ބަލައި ކާފިއުގެ ވަގުތު މިއަދުން ފެށިގެން، ހަވީރު 4:00އިން ހެނދުނު 6:00އަށް އިތުރު ކޮށްފައިވާ ކަމަށެވެ.

މާލެ ފިޔަވައި ރަށެއްގައި އެންމެ ގިނައިން ކޮވިޑު ބަލި ފެތުރިފައިވާ ނޮޅިވަރަމްގެ މިހާރުގެ ޙާލަތަށް ބަލާއިރު އެ ރަށު ސިއްހީ މަރުކަޒުގެ ދެ މުވައްޒަފަކު ވަނީ ކޮވިޑް-19އަށް ފައްސި ވެފައެވެ.

މީގެ އިތުރުން މިއަދު އެއް ނަރުހަކު ވެސް ވަނީ ކޮވިޑަށް ފައްސިވެފައެވެ. މިހާތަނަށް ނޮޅިވަރަމްއިން ޖުމްލަ 687 ސުންކު ނެގިފައިވެއެވެ. އޭގެ ތެރެއިން 180 ސުންކު ވަނީ ކޮވިޑަށް ފައްސިވެފައެވެ. މީގެ ތެރޭގައި މާބަނޑު އެކަކު ހިމެނޭ ކަމަށާއި މީގެ އިތުރުން 10 އަހަރުން ދަށުގެ 65 ކުދިންނާއި 65 އަހަރުން މަތީގެ 6 މީހުންނާއި ދާއިމީ ބޭސް ބޭނުންކުރާ 6 މީހުން ހިމެނޭ ކަމަށް ވެސް މައުލޫމާތު ލިބެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!