ވިނަރެސް ފްލެޓްތަކަކީ ރައީސް ޞާލިޙަށް އެމަނިކުފާނުގެ އަމިއްލަ ސަރުކާރުން ދީގެން އުޅޭ ކެއްސެއް: ސައީދު
![](https://dhen.mv/wp-content/uploads/2021/09/2B312FF6-4D45-450A-BAF4-C80B05B721A8-850x548.jpeg)
ވިނަރެސް ފްލެޓްތަކަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އެ މަނިކުފާނުގެ އަމިއްލަ ސަރުކާރުން ދީގެން އުޅޭ ކެއްސެއްކަމަށް އިދުކޮޅު ޕީއެންސީގެ ނައިބު ރައީސް އަދި ރައްޔިތުން މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ސައީދު ކުރެއްވި ޓްވީޓެއްގައި މިފަދައިން ވިދާޅުވެފައި ވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތް ކުރަމުންދާ ވިނަރެސް ފްލެޓްތަކުގެ މަސައްކަތް ލަސްވެގެން ދިޔައީ ކުރީ ސަރުކާރުން އަމަލުކޮށްފައިވާ ގޮތުން ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ވިދާޅުވުމާ ގުޅިގެންނެވެ.
މިކަމާ ގުޅިގެން ސައީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފަސް އަހަރު ނިމިގެން ދަނީ ކަންކަން ފޯރުކޮށްދިނުމުގެ މާހައުލެއް ސަރުކާރުގެ ތެރޭގައި ނެތުމުން ކަމަށެވެ.
“ބަހަނާ ނުދައްކަވާ މަޝްރޫޢް ނިންމާފަ ރައްޔިތުންނާ ހަވާލު ކުރައްވާ” ސައީދު ވިދާޅުވިއެވެ.
މީގެ އިތުރުން ސައީދު ވިދާޅުވީ އެއީ ހިޔާ މަޝްރޫއު ކަމަށާއި ވިނަރެސް އެއީ ރައީސް ޞާލިޙަށް އެ މަނިކުފާނުގެ ސަރުކާރުން ދީގެން އުޅޭ ކެއްސެއް ކަމަށެވެ. އަދި އެހެން ކިޔާ މަޝްރޫޢުއެއް ނޯންނާނެ ކަމަށް ވެސް ސައީދު ވިދާޅުވިއެވެ.
ރާއްޖެޓީވީގެ ފަލަ ސުރުހީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރ ސުހައިލް އަހުމަދު ވިދާޅުވީ ކުރީ ސަރުކާރުން ވިނަރެސް މަޝްރޫއު ހިންގަން ހަވާލުކޮށްފައި ވަނީ އެޗްޑީސީގެ އުސޫލާއި ގައިޑްލައިންއާ ޚިލާފަށް ކޮމާޝަލް ޒޯނާއި ޕާކިން ޒޯނު ވެސް ނުހިމަނާ ކަމަށެވެ. މީގެ އިތުރުން ކުރީ ސަރުކާރުން ވިނަރެސް މަޝްރޫއަށް ނަންދީފައި ނުވާ ކަމަށާއި އެ މަޝްރޫއަށް ނަން ވެސް ދިނީ މި ސަރުކާރުން ކަމަށެވެ.
ސުހައިލް ވިދާޅުވީ ކޮމާޝަލް ޒޯނާއި ޕާކިން ޒޯނުގެ މަސައްކަތްތައް ކުރުމަށް އިތުރު ވަގުތު ނެގި ކަމަށާއި، އެހެންކަމުން މަޝްރޫއު ލަސްވެގެން ދިޔައީ ކަމަށެވެ.