ރައްޔިތުންގެ މަޖިލިސް

ވައްޑެގެ ހަމަލާއެއް ސަރުކާރަށް: މުސާރަ ބޮޑު ނުކުރެވުނަސް އިންތިޚާބަށް ނުފޫޒު ފޯރުވުމާއި، ކުންފުނިތަކަށް ބަދަލު ދޭން ފައިސާ ހުރޭ

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

ސިވިލް ސާވެންޓުންގެ މުސާރަ ބޮޑު ނުވާ މައްސަލައިގައި އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެއެވެ.

Ads by STELCO

ސިވިލް ސާވެންޓުންގެ މުސާރަތައް ބޮޑު ނުކުރާ މައްސަލައިގައި އެ ފަރާތްތަކުގެ ކަންބޮޑުވުންތައް އަޑު އެހުމަށް ގޮވައިލައި މިއަދު މަޖިލީހަށް ހުށަހެޅުނު ކުއްލި މައްސަލައަށް ވާހަކަފުޅު ދައްކަވަމުން ވައްޑެ ވަނީ ސިވިލް ސާވެންޓުންގެ މުސާރައަށް ހައްލު ގެނައުމަށް ޓަކައި ކުރިމަތިވާ އަސްލު ސަބަބު ސަރުކާރުން ހާމަކުރަން ޖެހޭ ކަމަށް ވިދާޅުވެފައެވެ.

ވައްޑެގެ ވާހަކަފުޅުގައި ވިދާޅުވީ، މި ސަރުކާރުން ކޮންމެ ކަމެއްގެ ބަހަނާއަކަށް ދައްކަވަނީ ކޮވިޑް-19ގެ ހާލަތު ކަމަށާއި އެހެން ނަމަވެސް ކޮވިޑް-19 ހާލަތުގައި ވެސް ކުންފުނިތަކަށް ބަދަލުގެ ގޮތުގައި މިލިޔަނުން ދޭ ކަމަށް ފާހަގަ ކުރެއްވިއެވެ. އަދި މިއަންނަ ހުކުރު ދުވަހު އޮންނަ އެމްޑީީޕީގެ އެތެރޭގެ އިންތިޚާބަށް ނުފޫޒު ފޯރުވުމަށް، އަދި ވަކި މީހަކު ޕާޓީގެ ގޮޑިއަށް އިންތިޚާބު ކުރުމަށް ސަރުކާރުން ނުފޫޒު ފޯރުވަން ފައިސާ ހުންނަ ކަމަށް ވެސް ތުހުމަތު ކުރެއްވިއެވެ. އަދި ވިދާޅުވީ މިފަދަ ކަންކަން ކުރަން ފައިސާ ހުރެފައި ސިވިލް ސާވެންޓުންގެ މުސާރަ ބޮޑު ކުރަން ފައިސާ ނެތް ކަމަށް ބުނުމަކީ ހަމަޖެހޭ ވާހަކައެއް ނޫން ކަމަށެވެ.

"އަޅުގަނޑުމެންނަށް އަނގައަށް ވާރަށް ބާރުލައިފައި ބުނެވޭނެ ކޮވިޑް-19ގެ ހާލަތާ ގުޅިގެން އިޤްތިޞާދީ ގޮތުން މި ދިމާވި ވާހަކަ އެހެންނަމަވެސް އެ ބަހަނާގައި ދެކޮޅު ނުޖެހޭ ވާހަކަތަކެއް ހުރުމުގެ ދަލީލަކީ ބަދަލުގެ ގޮތުގައި ބިލިޔަނުން ފައިސާ އެބަ ހޭދަކުރެވޭ މި ކޮވިޑްގެ ތާށީގެ ތެރޭގައި ވެސް. ސަރުކާރުގެ ކުންފުނިތަކަށް މުވައްޒިފުން އަޅަމުން އަޅަމުން ގޮސް.. އަދި ޚާއްސަކޮށް އަޅުގަނޑުމެންގެ އެމްޑީޕީގެ އެތެރޭގެ އިންތިޚާބުތަކާ ދިމާކޮށް އެ ބޭފުޅުންގެ އެތެރޭގެ އިންތިޚާބުތަކުގެ ކެންޕެއިންނަށް ވަކިވަކި ކެނޑިޑޭޓުން ނަގަން ވެގެން ކުންފުނިތަކުން އެ ކުރަމުންދާ މަސައްކަތްތައް. އަދި ޚާއްސަކޮށް މި އިންތިޚާބާ ދިމާކޮށް ބަޖެޓުން ބޭރުން ވެސް މިލިޔަން ބިލިޔަނުން ކުރާ ޚަރަދުތައް" ވައްޑެ ވިދާޅުވިއެވެ.

ވައްޑެގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ މިނިމަމް ވޭޖެއް ކަނޑައެޅުމަކީ އެ ވަޢުދެއްގެ މަތީގައި މި 19ވަނަ ރައްޔިތުންގެ މަޖިލިސް ބިނާވި އެއް ވަޢުދު ކަމަށެވެ. އަދި އެމްޑީޕީއަށް މަޖިލީހުގެ ސުޕަ މެޖޯރިޓީ ރައްޔިތުން ދިނީ އެ ވައުދު ފުއްދަން ކަމަށް ވެސް ވިދާޅުވިއެވެ. އިތުރަށް ވިދާޅުވީ ފަޚްރުވެރި ތާހިރު ދިރިއުޅުމެއް ހޯދައިދިނުން އެއީ އަބަދުވެސް އެމްޑީޕީގެ އެންމެ ބޮޑު އެއް ވަޢުދު ކަމަށާއި އެކަން ކުރުމަށް ޓަކައި ރަނގަޅު އުޖޫރައެއް މަސައްކަތްތެރިންނަށް ދޭން ޖެހޭ ކަމަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!