ދިވެހިން ބޭނުން ވަނީ މުޅި ދުނިޔެއިން ވެސް ފަލަސްތީނަކީ މިނިވަން ގައުމެއްގެ ގޮތުގައި ބަލައިގަތުން: ރައީސް ޞާލިޙް

ފަލަސްތީނުގެ މިނިވަން ދައުލަތަކަށް ވަކާލާތުކުރުމުގައި ދިވެހިން އަބަދުވެސް ދެމިތިބޭނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވައިފިއެވެ.
އދ.ގެ އާންމު މަޖިލީހުގެ 76 ވަނަ ސެޝަނުގައި ތަގުރީރު ކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވީ، ދިވެހި ސަރުކާރާއި ދިވެހި އެންމެހާ ރައްޔިތުން މިތިބީ ފަލަސްތީނު ރައްޔިތުންނާ އެކު ކަމަށާއި، އދ ގެ އެތައް އަހަރެއްގެ މަސައްކަތުން ވެސް އެމީހުންގެ ހައްގުތައް ވަނީ ކަށަވަރުކޮށް ނުދެވި ކަމަށެވެ.
"ދިވެހިން ބޭނުން ވަނީ އދ.އާއި މުޅި ދުނިޔެއިން މިނިވަން ޤައުމެއްގެ ގޮތުގައި ފަލަސްޠީނު ބަލައިގަތުން، އެމީހުންނަށް އެމީހުންގެ މިނިވަންކަމާއި ހައްޤުތަކާއި އިމްތިޔާޒާއި އިޚްތިޔާރުތައް ދޫކޮށްލުން. ފަލަސްޠީނުގެ މިނިވަން ދައުލަތަކަށް ވަކާލާތުކުރުމާއި ދިވެހިން އަބަދުވެސް ދެމި ތިބޭނަން." ރައީސް ޞާލިޙް ވިދާޅުވިއެވެ.
މިއަދުގެ ޒުވާން ޖީލުގެ އެތައް ބަޔަކާއި އެތައް ޤައުމަކުން ފަލަސްތީނުގެ ހައްގުގައި އެ ނުކުންނަނީ ބޭއިންސާފާއި ލާއިންސާނިއްޔަތަށް ނޫނެކޭ ބުނަމުންކަން ފާހަގަކުރައްވައި، ރައީސް ޞާލިޙް ވިދާޅުވީ، އދ ގެ ޢާންމު މަޖިލީހާއި ސެކިއުރިޓީ ކައުންސިލުން ފަލަސްތީނުގެ ހައްގުގައި ނެރުނު ގަރާރުތަކާއި ނިންމުނު ނިންމުންތައް ގިނަ ނަމަވެސް، މަދު އެއްޗަކީ، އަދި އަމުދުން ނުވެސް ނެތް އެއްޗަކީ ފަލަސްތީނުގެ ހައްގު ކަމަށެވެ.
"އދ.ގެ ޢާއްމު މަޖިލީހާއި ސެކިއުރިޓީ ކައުންސިލުން ފަލަސްޠީނުގެ ހައްޤުގައި ނެރުނު ޤަރާރުތަކާއި ނިންމުނު ނިންމުންތައް ގިނަ، މަދު އެއްޗަކީ، އަމުދުން ނުވެސް ނެތް އެއްޗަކީ ފަލަސްޠީނުގެ ހައްޤު." ރައީސް ޞާލިޙް ވިދާޅުވިއެވެ.