ދުނިޔޭގެ އިސް ސަފުގައި މިއަދު ރާއްޖެ އޮތީ ފަޚްރުވެރިކަމާ އެކު އިސް އުފުލައިލައިގެންނެވެ.

ޖަމިއްޔާތަކާ އެކު ހަދާފައިވާ މުއާހަދާތަކަށް ފުރިހަމައަށް ބޯލަނބައި އިހުތިރާމުކުރާ ގައުމަށް އަލުން ހެދުމަކީ މި ސަރުކާރުގެ ހާރިޖީ ސިޔާސަތުގެ މަގުސަދެކެވެ.
ބޭރު ދުނިޔޭގައި ރާއްޖެ އަށް އިތުބާރު ބޮޑުވެ، ގުޅުން ބަދަހިކުރުމުގެ ނަތީޖާއަކީ އެކި ދާއިރާތަކުން ކިޔެވުމަށް ފުރުސަތު ފަހިވުމެވެ. މި ސަރުކާރުގެ މިވީ ތިން އަހަރުގައި 429 ދިވެއްސަކަށް ސްކޮލާޝިޕްގެ ފުރުސަތު ފަހިކޮށްދިނެވެ. އަދި ޔޫއެން ކޮވިޑް ރެސްޕޮންސް އެންޑް ރިކަވަރީ މަލްޓި ޕާޓްނާ ޓްރަސްޓް ފަންޑު މެދުވެރިކޮށް ރާއްޖެއަށް އެހީގެ ގޮތުގައި 360،000 ޑޮލަރުގެ ޕްރޮޖެކްޓެއް ފަށައިފައިވާއިރު މި ޕްރޮޖެކްޓުގެ މަގްސަދަކީ ނަފްސާނީ ދުޅަހެޔޮކަމުގެ ދާއިރާއިންނާއި ސައިކޯ ސޯޝަލް ސަޕޯޓް ފޯރުކޮށްދޭ ނިޒާމު ހަރުދަނާކުރުމެވެ.
ގައުމުތަކާ ގުޅުން ބަދަހިކުރުމުގެ ސަބަބުން ރާއްޖެއަށް ފުރުސަތުތައް ފަހިވަމުން އައި ނަމަވެސް ކުރީގެ ވެރިކަމުގައި ކޮމަންވެލްތުން ވަކިވަމުން ބުނީ ގެއްލުން ނުވާނެ ކަމަށެވެ. އެކަމަކު އިގްތިސޯދީ ގޮތުންނާއި ހާރިޖީ ގޮތުން އަދި ޒުވާނުންނަށް ގިނަ ފުރުސަތުތަކެއް ބަންދުވިއެވެ. އެ ނިންމުމާ އެކު ރާއްޖޭގެ އެތުލީޓުންނަށް ކޮމަންވެލްތު ގޭމްސްގައި ބައިވެރިވުމުގެ ފުރުސަތު ގެއްލުނެވެ.
އިރާނާއި ގަތަރު ފަދަ ގައުމުތަކާ ސިޔާސީ ގުޅުން ކަނޑައިލުމުގެ ސަބަބުން އޯއައިސީ ފަދަ ޖަމާއަތްތަކުގެ ކުރިމަތީގައި ރާއްޖޭގެ އިތުބާރު ގެއްލުނެވެ. އިންޑިއާއާ ދުރަށް ޖެހުމުގެ ސަބަބުން ސާކް ގައުމުތަކުގެ އެންމެ އިސްވެރިންގެ ބައްދަލުވުން ނުބޭއްވި ސަރަހައްދީ ހަމަޖެހުމަށް ބުރޫއެރިއެވެ. ބައިނަލްއަގްވާމީ އެހީއަށް ރާއްޖެ ޖެހުނު ދަނޑިވަޅުގައި ބައިނަލްއަގްވާމީ މާލީ އިދާރާތަކުން ފައިސާ ހޯދުމުގައި ގޮންޖެހުންތަކެއް ކުރިމަތިވިއެވެ. ބޭރުގެ އިންވެސްޓަރުންގެ އިތުބާރު ގެއްލި ލޯނު ލިބުމަށް ދަތިވިއެވެ.
ފާއިތު މިވީ ތިން އަހަރުގެ ތެރޭގައި ބޭރު ދުނިޔޭގެ އިތުބާރު ހޯދައި ގުޅުން ބަދަހިކުރުމަށް ކުރި އެކި މަސައްކަތްތަކާ އެކު އެތައް ފުރުސަތުތަކެއް ފަހިވަމުން އަންނައިރު މިއީ ރާއްޖޭގެ ހާރިޖީ ސިޔާސަތުގެ ކާމިޔާބުކަމެވެ.
މިހާރު ރާއްޖޭގެ މިނިވަންކަމާއި އިސްތިޤްލާލު މިވަނީ ވަރުގަދަކަމާއެކު މުޅި ދުނިޔޭގެ ކުރިމަތީގައި އިސް އުފުލައިލައިފައެވެ. ރައީސް ޞާލިހުގެ ޚާރިޖީ ސިޔާސަތުގެ ހަރުދަނާކަމުން ރާއްޖެ މިދަނީ ދުނިޔޭގެ މެދު އުޑުގައި ފިޔަޖަހަމުންނެވެ.