ރިޕޯޓް

އެމްޑީޕީގެ އިންތިޚާބު: ދެ ރައީސުންނަށް ބޮޑު އިމްތިޙާނެއް!

  • އިންތިޚާބު މުހިއްމުވަނީ ކީއްވެ؟
  • ކާމިޔާބު ކުރާނީ ކޮން ފެކްޝަނަކުން؟
މަރިޔަމް އިސްމާޢިލް ، ދެން އޮންލައިން
ރައީސް ޞާލިޙް އަދި ރައީސް ނަޝީދު

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ އެމްޑީޕީގެ ޤައުމީ މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ފެށިގެން ދަނީ ކުރިއަށެވެ. އިންތިޚާބަކީ ދެ ރައީސުންނަށް ވެސް މުހިއްމު އިންތިޚާބެކެވެ.

Ads by MWSC

ކޮންމެ ފަސް އަހަރަކުން އެއް އަހަރު އިންތިޚާބުކުރާ އެމްޑީޕީގެ ޤައުމީ މަޖިލީހަކީ ، އެ ޕާޓީ ވެރިކަމުގައި އޮންނަ ނަމަ ، ރައީސުލްޖުމްހޫރިއްޔާއާއި ވަޒީރުންގެ މަޖިލީހުގެ އެމްޑީޕީގެ މެމްބަރުންނާއި ޕާޓީގެ ލީޑަޝިޕާއި ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރުންނާއި ދާއިރާތަކުގެ ރައީސުންނާއި އަންހެނުންގެ ރޫހާއި ޒުވާނުންގެ ހިތްވަރު އަދި އިސްލާމްދީނުގެ މަޝްވަރާ މަޖިލީހުގެ ރައީސް ހިމެނޭ ގޮތުން އިންތިޚާބުކުރާ މަޖިލީހެކެވެ.

ފޯރިއާއި އެކު ކެމްޕެއިންކުރި މި އިންތިޚާބަކީ އެމްޑީޕީގެ ތާރީޚަށް ބަލާއިރު މިހައިތަނަށް ބޭއްވޭ އެންމެ ވާދަވެރި އެތެރޭގެ އިންތިޚާބެވެ.

މިހެން ދަންނަވަން ޖެހެނީ ފެންނަ މަންޒަރުތަކުންނެވެ. ޕާޓީގެ އެންމެ ބާރުގަދަ ގުނަވަނަށް މެމްބަރުން އިންތިހާބު ކުރަން ތައްޔާރު ވެފައިވާއިރު، ވެރިކަމުގައި އޮވެމެ ޕާޓީ އޮތީ ރޫޅި، ބައިވެފައެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ޕާޓީގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަން އެމްޑީޕީގެ އެތެރޭގައި އެބައޮތެވެ.

އެހެންކަމުން މިއީ މި އިންތިޚާބުގެ ވާދަވެރިކަން އިތުރުވާ އެންމެ ބޮޑު ސަބަބެވެ.

އިންތިޚާބު މުހިއްމު ވަނީ ކީއްވެ؟

ޤައުމީ މަޖިލީހުގެ ވާދަވެރިކަން ބޮޑުވެފައި އޮތީ ވެސް ދެ ރައީސުންގެ މެދުގައެވެ. ފާޅުގައި ވިދާޅުނުވި ނަމަވެސް ދެ ބޭފުޅުންގެ އަމާޒަކީ ގައުމީ މަޖިލީހުގެ އަޣުލަބިއްޔަތު ހޯއްދެވުމެވެ.

އަޣް؛ބިއްޔަތު މުހިއްމު ވާ ސަބަބަށް ބަލާއިރު އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދުއަކީ އަބަދުވެސް ރިޔާސީ ނިޒާމާ ދެކޮޅު ބޭފުޅެއްކަން ސިޔާސީ މަސްރަޙު ދިރާސާ ކުރާ ކޮންމެ ބޭފުޅަކަށް ވެސް އެނގޭނެއެވެ.

2008ވަނަ އަހަރު ވެރިކަމުގެ ނިޒާމު ކަނޑައެޅުމަށް ނެގި ރައްްޔިތުންގެ ފެންނަ ނުފެންނަ ވޯޓުގައި ވެސް އެމްޑީޕީއިން ތާޢީދުކުރީ ބަރުލަމާނީއަށެވެ. އަދި ރައީސް ނަޝީދު ވަނީ ދާދި ފަހުން ވެސް ބަރުލަމާނީ ނިޒާމު ގެނެސް ބޮޑު ވަޒީރަކަށް ވެވަޑައިގަންނަވަން ބޭނުންފުޅުވާކަން ވެސް ރައީސް އިބްރަޙިމް މުޙައްމަދު ޞާލިޙަށް ދަންނަވައިފައެވެ. އެކަމަކު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތަކުރާރުކޮށް ދެއްވާ ޖަވާބަކީ ރިޔާސީ ނިޒާމުގެ މަތީގައި ފަސް އަހަރު ނިންމައިލުމަކީ ރައްޔިތުން ބޭނުންވި ގޮތް ކަމެވެ. އެ ނޫން ބަދަލެއް ގެނެވޭނީ އަނެއްކާ ވެސް ރައްޔިތުން އެދޭ ނަމަ ކަމަށް ވިދާޅުވެ، އެ މަނިކުފާނުގެ އިސްކަން އޮތީ ވައުދު ފުއްދެވުމަށް ކަމަށް ވެސް ވިދާޅުވިއެވެ. ނިޒާމުގެ މައްސަލައިގައި ހިޔާލު ތަފާތުވުން ބޮޑުވެ، ނަޝީދު ވަނީ ރައީސް އިބްރާހިމް ސޯލިހްއާ އެކު ސިޔާސީ މަސައްކަތް ކުރައްވަން ބޭނުން ނުވާ ކަމަށް ވިދާޅުވެފައެވެ.

އެހެންކަމުން އިންތިޚާބު ކާމިޔާބުކޮށް ބަރުލަމާނީއަށް މަގުފަހި ކުރުމަކީ ރައީސް ނަޝީދު ފެކްޝަންގެ އަމާޒެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ފެކްޝަނުން ބުނާ ގޮތުގައި ވެރިކަމުގެ ނިޒާމު ބަރުލަމާނީއަށް ބަދަލު ކުރަން މިހާރު ވަގުތެއް ނެތެވެ. އެގޮތުން ރިޔާސީ އިންތިޚާބުގައާއި މަޖިލިސް އިންތިޚާބުގައި ރައްޔިތުންނަށް ވީ ވައުދު ފުއްދަން މަސައްކަތް ކުރުން މުހިއްމުއިރު ޕާޓީން ވެސް ސަރުކާރަށް އެއްބާރުލުން ދީގެން އެކަންކަން ކުރުން މާ މުހިއްމު ކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ.

އެހެންކަމުން ޤައުމީ މަޖިލީސް އެ ފެކްޝަނަށް މުހިއްމު ވަނީ ސަރުކާރުގެ ވައުދުތައް ފުއްދާނެ މަންދޫބުން އެމްޑީޕީގައި ތިބެން ޖެހޭތީ ކަމަށް ބައެއް މެމްބަރުން ވިދާޅުވެފައިވެއެވެ. މީގެ އިތުރުން ސަރުކާރު ކޯލިޝަންގައި ވެސް ހިމެނޭ ޕާޓީތަކުން ވެސް ތާޢީދުކުރަނީ ރިޔާސީ ނިޒާމަށްކަމަށްވެފައި އެކަން ދިފާއުކުރެވެން އޮތީވެސް ރައީސް ޞާލިޙު ފެކްޝަނުން މި އިންތިޚާބު ކާމިޔާބުކޮށްގެންނެވެ.

އެހެންކަމުން ދެބައި މީހުން ވެސް އަމިއްލަ މުހުތާދުތައް ފުއްދުމަށް އިންތިޚާބުގެ އަޣްލަބިއްޔަތު ވަރަށް ވެސް މުހިއްމެވެ.

ކާމިޔާބު ކުރާނީ ކޮން ފެކްޝަނަކުން؟

އިންތިޚާބުގެ ފޯރި ކިތަންމެ ގަދަޔަސް ދެ ރައީސުންވެސް ތިއްބެވީ ވަރަށް ހަމަ ހިމޭންކަމާ އެކުއެވެ.

މީގެ ކުރިން އިންތިޚާބުތަކުގައި ދައްކަވާ ފޯރި ރައީސް ނަޝީދު ވެސް މިއިންތިޚާބުގައި ދައްކަވާތަނެއް ނުފެނެއެވެ. ފަހަރުގައި މި މާޙައުލާ މާދުރުގައި ހުންނެވުމުން ކަމަށްވެދާނެއެވެ.

އެމްޑީޕީގެ އިންތިހާބުތަކުގައި ކުރިން އެންމެ އާއްމު ޝަކުވާއަކީ ވަކި ކެނޑިޑޭޓުން ހޮވަން ޕާޓީގެ ރައީސް ނަޝީދު ބާރުއަޅުއްވާ ކަމެވެ. ނަމަވެސް މި އިންތިޚާބުގައި މި ޝަކުވާ މަދުވި އެއް ސަބަބަކީ ދެ ފެކްޝަނަކުން ކެމްޕޭން ކުރެއްވުމުގެ އިތުރަށް ވަކިވަކި ކެނޑިޑޭޓުންގެ ދިފާއުގައި ފާޅުގައި ރައީސް ނަޝީދު ނުނިކުންނެވުމެވެ.

ހަމައެއާއި އެކު އަބަދުވެސް މަޑުން މަޑުން ހުންނަވާ ރައީސް ޞާލިޙު ވެސް ރަށްތަކަށް ކުރެއްވި ދަތުރުތަކުގައި ޕާޓީގެ މެމްބަރުންނާ ބައްދަލުކުރައްވައި އިންތިހާބު މުހިއްމުވާ ސަބަބުތައް ކިޔައިދެއްވުން ފިޔަވައި މާބޮޑު ފޯރިއެއް ނުނަންގަވައެވެ.

ދެ ބޭފުޅުންގެ އެ ހަމަހިމޭންކަން ބައެއް މެމްބަރުން މާނަ ކުރާ ގޮތްވެސް ތަފާތެވެ. ބައެއް މެމްބަރުން ވިދާޅުވަނީ އިންތިޚާބު ކާމިޔާބުވުމާ މެދު ދެ ރައީސުންނަށް ވެސް އުއްމީދު ނެތީއެވެ. އަނެއްބައި މެމްބަރުން ބުނަނީ ދެ ފެކްޝަނަށް ހަމަހަމަ ފުރުސަތު ކެމްޕެއިންކުރުމަށް ލިބިގެން ނުދިޔުމެވެ. އެގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ފެކްޝަނުން ކެމްޕޭން ކުރާ މިންވަރަށް ނަޝީދަށް ފުރުސަތު ފަހިވެފައެއް ނެތެވެ. ނަމަވެސް އިންތިޚާބު ކާމިޔާބު ކުރައްވާނީ ނަޝީދު ފެކްޝަނުން ކަމަށް އެ މެމްބަރުން ބުނެއެވެ.

ބައެއް މެމްބަރުން ބުނަމުން ދަނީ ހަމަހަމަ ފުރުސަތު ނެތް ކަމަށް ނަޝީދު ފެކްޝަނުން ކުރާ ތުހުމަތުގައި ހަގީގަތެއް ނެތް ކަމަށެވެ. އަދި ޕާޓީގެ ތެރޭގައި ސާފު އަޣުލަބިއްޔަތު އޮތް ގޮތް ސާފެވެ. އެކަން ބަދަލުވެދާނެ ކަމަށް ވެސް ބައެއް މެމްބަރުން ގަބޫލެއް ނުކުރައްވައެވެ. އަދި އެމްޑީޕީގެ މެޖޯރިޓީ ރައީސް ޞާލިހު އަތްޕުޅުގައި އޮތުމުން ރައީސް ޞާލިޙުއަށް އޮތް އަޣުލަބިއްޔަތު ގެއްލިގެން ދާނެ ކަހަލަ ވޭވެއް އަންނާނެކަމަށް ޤަބޫލުކުރެވޭކަމަށް އެ މެމްބަރުންދަނީ ބުނަމުންނެވެ.

ކޮންމެއަކަސް މި އިންތިޚާބު ކާމިޔާބުކުރާ ފެކްޝަންއަކީ ރިޔާސީ އިންތިޚާބާ ގާތަށް ޖެހިލާނެ ބައެއްކަން ޔަޤީނެވެ.

އިންތިޚާބުގެ ނަތީޖާއާ ވަގުތު ގާތްވަމުން އަންނައިރު މިއީ ދެ ރައީސުންނަށް ވެސް އިމްތިޙާނެކެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ 93،000އަށް ވުރެ ގިނަ މެންބަރުން އެބަތިއްބެވެ. އަދި އެކި ދާއިރާތަކަށް 733 ކެންޑިޑޭޓުން ވާދަ ކުރެއެވެ

ވޯޓުލުން ކުރިއަށް ދާނީ ހަވީރު ފަހެއް ޖެހުމާ ހަމައަށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!