ރިޕޯޓް

ސުލްތާންގެ ޖަނާޒާއާއި ފަސްދާނުލުން: މުޅި މާހައުލުގައި އޮތީ މަޑުމޮޅިކަމާއި ކަރުނަ!

މަރްޔަމް ވަޙީދާ ، ދެން އޮންލައިން
ފޮޓޯ: ފޭސްބުކް/ ޢާލިމް އަބްދުއްލަތީފު

މިއަދަކީ މުޅި ޤައުމު ރޮއްވައިލި، ހިތާމައާއި މޮޅިވެރިކަމުން ފުރިގެންވާ ދުވަހެކެވެ.

އިންޑިއާގެ ޕޫނޭގައި އަސްކަރީ ތަމްރީނު ހަދަމުން ދަނިކޮށް މި މަހުގެ 25ވަނަ ދުވަހު ކުއްލި ގޮތަކަށް ނިޔާވި، އުމުރުން އެންމެ 22 އަހަރުގެ ލާންސް ކޯޕަރަލް މުހައްމަދު ސުލްތާން އިބްރާހީމްގެ ހަށިގަނޑު މިއަދު ވަނީ ވަޅުލައިފައެވެ.

ލާންސް ކޯޕްރަލް ސުލްތާންގެ ކަށުނަމާދު ކުރެވިފައި ވަނީ މިއަދުގެ މަޣްރިބު ނަމާދަށް ފަހު އާސަހަރާ މިސްކިތުގައެވެ. ޖަނާޒާގެ ހުރިހާ ކަމެއް ކުރިއަށް ގެންގޮސްފައި ވަނީ ސިފައިންގެ ރަސްމީ ޢިއްޒަތުގައެވެ.

ސުލްތާނުގެ ހަށިގަނޑު ފަސްދާނުލުމުގެ ކުރިން، އޭނާގެ މޫނު ދެއްކުން މިއަދު ހަވީރު 4:00އިން 5:00އަށް އާސަހަރާގައި ކުރިއަށް ގެންގޮސްފައިވެއެވެ. އެ ހިތްވަރުގަދަ ޒުވާނާގެ މޫނު އެންމެ ފަހު ފަހަރަށް ބަލައިލައި، ވަދާޢީ ސަލާމް ކޮށްލަން ދިޔަ މީހުންގެ އަދަދު އިންތިހާއަށް ގިނައެވެ.

ސުލްތާނުގެ މޫނު ބަލައި، ސަލާމް ކޮށްލަން އެތަނަށް އެ ވަގުތު ގޮސް އެ ދިގު ކިޔުގައި ހުރި އޭނާގެ އެކުވެރިއަކު ވަނީ އެމަންޒަރު ނުހަނު ތަފްސީލުކޮށް، މީސް މީޑިއާ މެދުވެރިކޮށް ސިފަ ކޮށްދީފައެވެ.

އެ އެކުވެރިޔާ ބުނި ގޮތުގައި އެވަގުތު އެތަނުގައި ހިތާމައާއި ކަރުނުން ނުތެމޭ ލޮލެއް ނެތެވެ. ހިތްވަރުގަދަ ކަމުގެ މިސާލު ދޭން ތިބި ވަރުގަދަ ސިފައިންގެ އޮފިސަރުންގެ މޫނުމަތިން ވެސް ފެނުނީ މާޔޫސްކަމެވެ. މުޅި ސަހަރައިގައި ގުގުމަމުން ދަނީ މީހުންގެ ރުއިމުގެ އަޑެވެ. އެމަންޒަރު ފެނި، އިވުނު މީހަކު ވެސް ހިތްދަތިވެގެން ހިތް ފަޅައިގެން ދާވަރު ވާނެއެވެ.

ސުލްތާނުގެ ހަށިގަނޑު ފަސްދާނުލީ މަންޒަރު ބައެއް ފަރާތްތަކުން ވަނީ ފޭސްބުކްގައި ލައިވްކޮށްފައެވެ. އެހެންކަމުން އެމަންޒަރު ބަލައިލުމުގެ ފުރުސަތު އަޅުގަނޑަށް ވެސް ލިބުނެވެ.

އޭގެން ފެނުނީ ސިފައިންގެ ޢިއްޒަތުގައި ސުލްތާންގެ ސަންދޯއް، އެ އޮފިސަރުންގެ ކޮނޑުމަތީގައި ގެނައި މަންޒަރެވެ. ފަސްދާނު ލާން ކޮނެފައިވާ ވަޅާ ކައިރިވުމުން، ވަޅުގަނޑުގައި ދަމައިފައިވާ ވައުތައް މަތީގައި އެ ސަންދޯއް ބޭއްވިއެވެ.

އެއަށް ފަހު ސަންދޯކުގެ މަތީގައި އަޅައިފައިވާ ސިފައިންގެ ދިދަ އެ އޮފިސަރުން މަޑުމަޑުން ނަންގަވައި، ރީތިކޮށް ފަތްޖަހައިލި މަންޒަރު ވެސް ފެނުނެވެ. ދިދަ ރީތިކޮށް ފަތް ޖެހުމަށް ފަހު އެތަނުން އެއް އޮފިސަރު، ނުހަނު އަދަބު އިހްތިރާމާ އެކު އެ ދިދަ އެތަނުގައި ހުރި އުމުރުން ދުވަސްވީ ފިރިހެނެއްގެ އަތަށް ދެއްވިއެވެ. އެ ހިނދު އެއީ ސުލްތާނުގެ ބައްޕައޭ އެތަނުން މީހަކު ބުނި އަޑު ވެސް އެ ލައިވް ވީޑިއޯއިން އިވިގެން ދިޔައެވެ.

ދިދަ ހަވާލު ކުރުމަށް ފަހު، މަޑުމަޑުން ސުލްތާނުގެ ސަންދޯއް ވަޅުގަނޑަށް ތިރިކުރާ މަންޒަރު ފެނުނެވެ. އެވަގުތު ވެސް އެތަނުގައި ތިބި މީހުން ރޯ އަޑު ވީޑިއޯއިން އިވެމުން ދިޔައެވެ.

ވަޅަށް ސަންދޯއް ތިރިކުރުމަށް ފަހު، ވައުތައް ނެގިއެވެ. އެއަށް ފަހު އެފަރާތުގައި ޖަހާފައި ހުރި ފިލާތައް ނަގައި، ސަންދޯއް މަތީގައި އަޅައިފައިވާ ފޮތިގަނޑު ވެސް ނެގިއެވެ.

ދެން ފެނުނީ އެންމެ ހިތްދަތިވި، އަދި އެންމެ ފަހު މަންޒަރެވެ. އެއިރު ވެސް ބައެއް މީހުންގެ ރުއިމުގެ އަޑު އިވެމުން ދިޔައިރު، ވީޑިއޯއިން ފެނުނީ ސުލްތާނުގެ ސަންދޯއް މައްޗަށް ކޮންމެ މީހަކު ވެސް ތިން މުށް ވެލި އުކާ މަންޒަރެވެ. ސުލްތާނަށް އެންމެ ވަދާއީ ސަލާމް ކުރުމުގެ ގޮތުން އެތަނުގައި އެވަގުތު ތިބި ހުރިހާ ފިރިހެނުން ވެސް އެ ވަޅުގަނޑަށް ވެލި އުކި މަންޒަރު ފެނުނެވެ.

ސުލްތާން މި ދުނިޔެއާ ތާއަބަދަށް ވަކި ވެގެން ދިޔައީއެވެ. މިއީ އޭނާގެ އާއިލާއަށާއި، އެކުވެރިންގެ އިތުރުން މުޅި ޤައުމަށް ވެސް ލިބުނު ހިތާމަވެރިކަމެކެވެ.

ސުލްތާން ނިޔާވީ އެއްވެސް ބަލިމަޑު ކަމެއް ހުރެގެން ނޫން ކަމަށް ވެސް އޭނާގެ ގާތް މީހުން ބުނެފައިވެއެވެ.

އއ. ހިމަންދޫއަށް ނިސްބަތްވާ ސުލްތާނަކީ އޭނާގެ މައިންބަފައިންގެ ހުރި ހަމަ އެކަނި ފިރިހެން ދަރިއެވެ. އޭނާއަކީ އަބަދުވެސް ވަރަށް ބަސްއަހާ، ކިޔަމަންތެރި އަދި އެންމެންނާ ވެސް ގުޅޭ ނުހަނު އެކުވެރި މިޒާޖެއްގެ ވެރިއެއްކަން، ސުލްތާން ދަންނަ އެންމެންހެން ފާހަގަ ކޮށްފައިވެއެވެ.

އަސްކަރީ ތަމްރީނު ހަދަމުން ދަނިކޮށް ސުލްތާން ނިޔާވީ، ދިވެހި ޤައުމަށް ހިދުމަތް ކޮށްދޭނެ ކަމުގެ ފޮނި ހުވަފެންތައް ދެކެމުން ދަނިކޮށެވެ. އޭނާއަކީ ޤައުމުދެކެ ނުހަނު ލޯބިވާ ބަޠަލެއްކަން ވެސް އޭނާ ދަންނަ މީހުން ފާހަގަ ކޮށްފައިވެއެވެ.

ސުލްތާނަށް ތައުރީފު ނުކުރާ އޭނާގެ އެކުވެރިއަކު ނެތެވެ. އެންމެން ވެސް ބުނާ ގޮތުގައި ސުލްތާނަކީ އެންމެންގެ މޫނު މައްޗަށް ވެސް އުފާވެރިކަން ގެނެސްދިން ޒުވާނެކެވެ. އެތަކެއް ހިތެއް ރޮއްވައިލައިފައި މިއަދު ސުލްތާން އަހަރުމެންނާ ވަކިވިޔަސް، ހަމަ ޔަގީނުން ވެސް އެ ހަނދާންތައް އެކަކުގެ ހިތަކުން ވެސް ނުފިލާނެއެވެ.

މާތް ﷲ އެމައްޔިތާގެ ފުރާނައަށް ހެޔޮ ރަޙްމަތް ލައްވަވައި ފާފަ ފުއްސަވައި ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކޮށްދެއްވާށިއެވެ. އާމީން! އަދި މިހިތްދަތި ވަގުތުގައި ޢާއިލާއަށް ކެތްތެރިކަން ދެއްވާށިއެވެ. އާމީން!

إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُون

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!