ނޭޕާލްގެ ކޯޗަށް އުފާވެރި ވަގުތުކޮޅެއް: ތާރީޚީ މޮޅު ޚާއްސަ ކުރީ މަރުވި ބޭބެއަށް
ރޭ ޤައުމީ ދަނޑުގައި ކުޅުނު ސާފް ޗެންޕިއަންޝިޕްގެ ދެވަނަ މެޗްގައި ރާއްޖޭގެ މައްޗަށް ނޭޕާލަށް ލިބުނު މޮޅު، ނޭޕާލުގެ ކޯޗް އަބްދުﷲ އަލްމުތައިރީ، އިއްޔެ ނޫން ކުރީ ދުވަހު މަރުވި އޭނާގެ ބޭބެއަށް ޚާއްސަކޮށްފިއެވެ.
ރޭގެ މެޗަކީ ސާފް ޗެންޕިއަންޝިޕްގެ ތާރީޚުގައިވެ ސް ރާއްޖެ އަތުން ނޭޕާލަށް ލިބުނު ފުރަތަމަ މޮޅެވެ. މީގެ ކުރިން ނޭޕާލާއި ރާއްޖެ ބައްދަލު ކުރި ހަތް މެޗުގެ ތެރެއިން ފަސް މެޗުން ރާއްޖެ ވަނީ ކުރި ހޯދައިފައެވެ. އަދި ދެމެޗް ވަނީ އެއްވަރުވެފައެވެ. ރޭ ނޭޕާލުން ރާއްޖޭގެ މައްޗަށް ކުރި ހޯދީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި މެޗްގެ ދެވަނަ ހާފްގައި އެރި މާނިޝް ޑަންގީ ކައުންޓަރ އެޓޭކެއްގައި ޖެހި ގޯލުންނެވެ.
މެޗަށް ފަހު ނޫސްވެރިންނާ ބައްދަލުކޮށް ވާހަކަ ދައްކަމުން ކުވައިތަށް ނިސްބަތްވާ، ނޭޕާލުގެ ކޯޗް ބުނެފައި ވަނީ މެޗްގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމަށް އޭނާ ހާޒިރު ނުވެވުނީ، އޭނާގެ ބޮޑު ބޭބެ އިއްޔެ ނޫން ކުރީ ދުވަހު މަރުވުމާ ގުޅިގެން އެކަމުގެ ހިތާމައިގައި ހުރުމުން ކަމަށެވެ. އަދި އެކަމަށް މާފަށް އެދެމުން ބުނެފައި ވަނީ، މިއަދުގެ މެޗުން ލިބުނު ކާމިޔާބީއާއެކު ވަރަށް އުފާވި ކަމަށެވެ. އަދި މި މޮޅަކީ ނޭޕާލަށް މުހިންމު މޮޅެއް ކަމަށާއި މި މޮޅު އޭނާގެ ބޭބެއަށް ޚާއްސަ ކުރަން ބޭނުންވާ ކަމަށް ބުންޏެވެ.
"މިއީ ވަރަށް މުހިންމު މޮޅެއް. ތާރީޚުގައި ފުރަތަމަ ފަހަރަށް ރާއްޖެއާ ދެކޮޅަށް ނޭޕާލަށް ލިބުނު މޮޅު. ހިތާމައިގައި އިންދާ ލިބުނު ބޮޑު އުފަލެއް" ކޯޗް ބުންޏެވެ.
ކޯޗް އިތުރަށް ބުނީ، އޭނާގެ ސިއްހީ ހާލަތު ވެސް އެހާ ރަނގަޅު ނޫން ކަމަށާއި ޤައުމީ ޓީމަށް ވަގުތު ދިނުމަށް ސާޖަރީއެއް ވެސް ލަސްކޮށްފައިވާ ކަމަށެވެ. އަދި އޭނާ ބޭނުން ވަނީ ނޭޕާލްގެ މި ފަހަރުގެ ޓީމާ އެކު އެރެން އޮތް އެންމެ އުހަކަށް އެރުމަށް ކަމަށް ވެސް ކޯޗް ބުންޏެވެ. އެހެން ނަމަވެސް، މި މޮޅު ލިބުނު ނަމަވެސް، ހިތްތިރިކޮށްގެން، ރަނގަޅަށް ވިސްނައިގެން ކުރިޔަށް އޮތް މެޗަށް ތައްޔާރުވާން ޖެހޭ ކަމަށް އޭނާ ބުންޏެވެ.
"މިއީ އެންމެނަށް ދޭ މެސެޖެއް. އަހަރެމެންނަކަށް އަދި ތައްޓެއް ނުލިބޭ. މިރޭ އުފާކޮށްލާ، އެކަމަކު މާދަމާ ހޭލައިފައި ހަމަޖެހިގެން ދެން އޮތް މެޗަށް ތައްޔާރުވާންވީ" ކޯޗް ބުންޏެވެ.
ނޭޕާލުން ދެން ނިކުންނާނީ ބަނގްލަދޭޝްއާ ދެކޮޅަށެެވެ. އެއީ މި އަންނަ ހޯމަ ދުވަހުއެވެ.