ލައިފްސްޓައިލް ސިއްޙަތު

ބަރުދަން ލުއިކުރަން އެންމެ ރަނގަޅު 5 މޭވާ

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
މޭވާއަކީ ބަރުދަން ލުއިކުރުމުގައި މުހިންމު ދައުރެއް އަދާކުރާ އެއްޗެއް

މޭވާއަކީ ގިނަ އަދަދަކަށް ވިޓަމިންސްއާއި މިނަރަލްސް އަދި ފައިބާ ހިމެނޭ އެއްޗެކެވެ. ސިއްހަތަށް ފައިދާކުރުވަނިވި އެތައް މާއްދާތަކެއް މޭވާގައި ހިމެނުނު ނަމަވެސް މިއީ ދުވަހުގެ ކެއުމުގެ ތެރޭގައި އެންމެ މަދުން ހިމެނޭ ބާވަތެވެ. ދިވެހިންގެ ސުފުރާމަތިން ތެލާއި ހަކުރު ހިމެނޭ އެތައް ބާވަތެއް އާންމުކޮށް ވެސް ފެނެއެވެ. އެހެން ނަމަވެސް މޭވާގެ ބާވަތްތައް ފެންނަނީ މަދު ސުފުރާއަކުންނެވެ.

Ads by STELCO

ހިކެން ބޭނުންވާ މީހާގެ އެންމެ ވަރުގަދަ ކްރޭވިންގް ނުވަތަ އެންމެ ބޮޑަށް ކަވައިގަންނަ ބާވަތަކީ ފޮނި ކާއެއްޗެހީގެ ބާވަތްތަކެވެ. ޗޮކުލެޓާއި، އައިސްކްރީމާއި މިހެން ގޮސް ހަށިގަނޑަށް އޭގެ ސަބަބުން ގެއްލުންތަކެއް ލިބިދާނެ އަދި ހިކެން އުނދަގޫ ބާވަތްތައް އެލިސްޓުގައި ހިމެނެއެވެ.

މޭވާއަކީ މިދެންނެވި ކްރޭވިންގްސް ފިލުވައިލަން ރަނގަޅު ބާވަތެކެވެ. ހިކެން ބޭނުންވާ މީހާ އެކަންޏެއް ނޫނެވެ. ހަމަ ކޮންމެ މީހަކު ވެސް ދުވަހުގެ ކެއުމުގެ ތެރެއިން ހިމަނައިލުން މުހިންމު މޭވާތަކެއް އެބަ ހުއްޓެވެ. އެފަދަ ފަސް މޭވާއެއް ހިމަނައިލާނަމެވެ.

ދޮންކެޔޮ

އެކި ޒާތުގެ ފޮނި ބާވަތްތަކުގެ ބަދަލުގައި ދޮންކޭލެއް ކެއުން ކިހިނެއް ވާނެ ހެއްޔެވެ؟ ދޮންކޭލަކީ އޭގައި ފައިބަރ ހިމެނޭ މޭވާއެކެވެ. މި މޭވާގައި ހަކުރު ހިމެނުނު ނަމަވެސް އެއިން ހަށިގަނޑަށް އެއްވެސް ވަރަކަށް ގެއްލުމެއް ނުލިބޭނެއެވެ. ޑައިބެޓީސް ފަދަ ބަލިތައް ހުންނަ ފަރާތްތަކަށް ވެސް މިއީ އެއްވަނައިގެ މޭވާއެކެވެ.

ކަސްރަތު ކުރަން ފެށުމުގެ ކުރިން ދޮންކެޔޮ ކެއުމަށް ވެސް އާދަކުރެވިދާނެއެވެ. މިސާލަކަށް ކަސްރަތުގެ ގަޑިއެއްހާއިރު ކުރިން ދޮންކޭލުގައި ޕީނަޓް ބަޓާކޮޅެއް ހާކައިލައި ކައިލެވިދާނެއެވެ. ދޮންކޭލަކީ ވަރަށް ފަސޭހައިން ބަނޑު ފުރޭ އެއްޗެއްކަމުން މާ ގިނައިން ކެއުމުން ވެސް ދޮންކޭލުން ދުރުކޮށްދެއެވެ.

ފޭރު

ފޭރަކީ ބަރުދަން ލުއިކުރުމަށް އެންމެ ރަނގަޅު އެއް މޭވާއެވެ. މިމޭވާގައި އެންޓިއޮކްސިޑެންޓްސް، ވިޓަމިން ސީ، ޕޮޓޭސިއަމް އަދި ފައިބާ ހިމެނެއެވެ. އެހެންކަމުން މީހާގެ މެޓަބޮލިޒަމް އެއްވަރެއްގައި ހިފަހައްޓައިދީ ހަކުރު ހުންނަ މިންވަރު ވެސް ކޮންޓްރޯލް ކޮށްދެއެވެ. އަނެއްކޮޅުން ގިނަ ވަގުތު ބަނޑުހައިވިޔަ ނުދީ ހިފަހައްޓައިދެއެވެ.

ފޭރުގައި ހިމެނޭ ލޯ ކެލޮރިންގެ ސަބަބުން މިއީ ޑައިބެޓީސް ހުންނަ މީހުންނަށް ރަނގަޅު މޭވާއެކެވެ. ހަމައެކަނި ގޯވާ ކާން ފޫހިވާ ނަމަ ކުޑަ މިންޓުކޮޅެއް އަޅާލައިގެން ފަނި ތައްޓެއް ވެސް ގިރައިލެވިދާނެއެވެ. އެކަމަކު ފަނިތައްޓަށް ހަކުރު ނާޅާށެވެ.

އާފަލު

އާފަލަކީ އަހަރުމެން ދިވެހިންނަށް އެންމެ އާންމު އެއް މޭވާއެވެ. މިއީ ބަރުދަން ލުއިކުރަން ބޭނުންނަމަ ކެއުން އެއްވަނައިގެ މޭވާއެކެވެ. ސެލެޑެއް ހަދާލައިގެން ނުވަތަ ފަނިތައްޓެއް ގިރާލައިގެން ވެސް އާފަލު ދުވަހުގެ ކެއުމުގެ ތެރޭގައި ހިމެނިދާނެއެވެ. އާފަލުގައި ގިނަ އަދަދަކަށް ފައިބާ، އެންޓިއޮކްސިޑެންޓްސް ހިމެނެއެވެ.

އޮރެންޖު

އޮރެންޖަކީ ވެސް ދިވެހިންގެ ސުފުރާމަތިން ފެންނަ ބާވަތެކެވެ. އޮރެންޖު އެންމެ ބޮޑަށް އެހީވެދެނީ ކެލެރީ އެންދުމަށެވެ. އެހެންކަމުން މިއީ ބަރުދަން ލުއިކުރަން ދެވަނައެއް ނެތް މޭވާއެކެވެ. އަނެއްކޮޅުން އޮރެންޖު ފަނިތައްޓަކުން ކަރުހިއްކުމުން ދުރުކޮށްދީ ފްރެޝްކަންމަތީ ހަށިގަނޑު ބަހައްޓައިދެއެވެ. އޮރެންޖުގައި ހިމެނެނީ ވިޓަމިން ސީ، ފައިބާ އަދި އެންޓިއޮކްސިޑެންޓެވެ.

ގޯލްޑެން ކިވީ

މެންދުރާއި ރޭގަނޑުގެ ކެއުމަށް ފަހު ފޮނި އެއްޗެއް ކަވައިގަންނަ ނަމަ ގޯލްޑެން ކިވީއަކީ އެންމެ ރަނގަޅު މޭވާއެވެ. ނިއުޓްރިޝަންތަކުން މުއްސަނދި މި މޭވާގައި ވިޓަމިން ސީ، އެންޓިއޮކްސިޑެންޓްސް، ފޮލޭޓް އަދި ފައިބާ ހިމެނެއެވެ. އަނެއްކޮޅުން މީހާ ހައިޑްރޭޓްކޮށްދިނުމަށް ވެސް މިއީ ރަނގަޅު މޭވާއެކެވެ. ކިވީގައި ސްމޫތީއެއް ނުވަތަ އެހެން މޭވާތަކާ އެއްކޮށްގެން ސެލެޑެއް ވެސް ހެދިދާނެއެވެ.

ހަށިގަނޑުގެ ބަރުދަން ލުއިކުރަން މަސައްކަތް ކުރާއިރު މުޅިން ކެއުން ހުއްޓައިލާކަށް ނުޖެހެއެވެ. ނުކައި ހުރެ ހަމައެކަނި ކޮފީ ބުއިމަކީ ފަސޭހައިން ހިކޭނެ ކަމެކެވެ. އެހެން ނަމަވެސް އެއީ ހަށިގަނޑަށް އޭގެ ގެއްލުން އިންތިހާއަށް ކުރާނެ ކަމެކެވެ. އެކި ބާވަތްތަކުގެ ޑިޓޮކްސް ވޯޓާއަކީ ވެސް ވަކި ގޮތަކަށް ބޭނުންކުރަން ޖެހޭ އެއްޗެއްސެވެ. އެހެންކަމުން ބަރުދަން ލުއިކުރަން ކުރާ މަސައްކަތުގައި ދުވަހުގެ ކެއުމުގެ ތެރޭގައި ހަށިގަނޑަށް ފައިދާހުރި ބާވަތްތައް ހިމެނުން ވަރަށް މުހިންމެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!