ސަރުކާރު

ޞިއްހީ ދާއިރާގެ ބައެއް ފަރާތްތަކަށް މުސާރަ ލަސްވި ސަބަބު ފިނޭންސްއިން ހާމަކޮށްފި، ބުނީ މިރޭ ޖަމާވާނެ ކަމަށް!

މަރިޔަމް އިސްމާޢިލް ، ދެން އޮންލައިން

އަތޮޅު ތެރޭގައި މަސައްކަތް ކުރާ ސިއްހީ ދާއިރާގެ ބައެއް މުވައްޒަފުންގެ މުސާރަ ޖަމާވުން މި މަހު ލަސްވި ސަބަބު ހާމަކޮށް، މިރޭ ހުރިހާ މުވައްޒަފުންނަށް ވެސް މުސާރަ ޖަމާވާނެ ކަމަށް ފިނޭންސްއިން ބުނެފިއެވެ.

Ads by Sosun Fihaara

މިކަމާ ގުޅިގެން "ދެން"އަށް މައުލޫމާތު ދެއްވަމުން ފިނޭންސް މިނިސްޓްރީގެ މީޑިއާ އެގްޒެކިއުޓީވް މުޙައްމަދު ޝަނޫން ވިދާޅުވީ، ޞިއްޙީ ދާއިރާގެ ބައެއް މުވައްޒަފުންގެ މުސާރަ ޖަމާކުރުމުގައި ލަސްވެގެން ދިޔައީ މިދިޔަ މަހު ޑަބަލްކޮށް މުސާރަ ޖަމާވުން ކަހަލަ ކަމެއް ތަކުރާރު ވިޔަ ނުދިނުމަށް ވަކިން ޚާއްޞަ ޕޯޓަލްއަކަށް އަލުން މުުވައްޒަފުންގެ މަޢުލޫމާތު އެއްކޮށް އެ ޕޯޓަލް ނިންމަން މަސައްކަތް ކުރުން ކަމަށެވެ. އެގޮތުން މިހާރު އެ މަސައްކަތް ނިމިފައިވާ ކަމަށާއި އަދި މިރޭގެ ވަގުތެއްގައި ހުރިހާ މުވައްޒަފުންނަށް ވެސް މުސާރަ ޖަމާވެގެންދާނެ ކަމަށް ވެސް ޝަނޫނު ވިދާޅުވިއެވެ.

"މިހާރު މިރޭ ހުރިހާ މުވައްޒަފުންގެ މުސާރަ ޖަމާކުރެވޭނެ. މި ފަހަރު މި ލަސްވީ، މީގެ ކުރިން ހުރިހާ މުވައްޒަފުންގެ މުސާރަ ހަދަނީ އެކްސެލް ޝީޓުގައި. އެގޮތަށް ކުރިން ޞިއްޙި ދާއިރާއިން މުސާރަ ޝީޓު ފޮނުވަނީ، އެކަމަކު ކުރީ ފަހަރު އެ ދާއިރާގެ މުވައްޒަފުންނަށް މުސާރަ ދިނުމުގައި އެރި އޮޅުންތަކާ ގުޅިގެން ޚާއްސަގޮތެއްގައި ކޮންމެހެން ވެސް ފިނޭންސް މިނިސްޓްރީއިން ޔަޤީންކުރަން ބޭނުން ވަނީ އެއްވެސް މައްސަލައެއް ދިމާނުވެ މުވައްޒަފުންގެ މުސާރަ އެމީހުންނަށް ހަމައަށް ދެވޭނެކަން. އެކަން ޔަޤީން ކުރުމަށް ބަނޑޭރި ޕޯޓަލްގައި ޞިއްޙީ ދާއިރާއަށް ވަކިން ޕޯޓަލްއެއް ހަދައިފައި އެ ޕޯޓަލްއަށް މުވައްޒަފުންގެ މަޢުލޫމާތު އަޅާފައި މުސާރަ ހަދާގޮތަށް މިހާރު މިނިސްޓްރީން އިން މި ހަމަ ޖެއްސީ. އެހެންވީމާ އެކަން ކުރުމުގެ ތެރޭގައި ބައެއް މުއައްސަސާތަަކަށް ކުޑަކޮށް ލަސްވުމެއް އުޅުނީ." ޝަނޫން ވިދާޅުވިއެވެ.

ޝަނޫނު ވިދާޅުވީ ގެނެވުނު އިޞްލާޙާއި އެކު ކުރިން އެރި ފަދަ އޮޅުމެއް އެރުމުގެ އެއްވެސް ފުރުސަތެއް ދެން ނޯންނާނެ ކަމަށެވެ.

ޤާނޫނުގައިވާ ގޮތުން ކޮންމެ މަހެއްގައި ވެސް މުވައްޒަފުންނަށް މުސާރަ ދޭން އޮންނަ އެންމެ ފަހު މުއްދަތަކީ އެމަހެއްގެ އެންމެ ފަހު ދެ ދުވަހެވެ. އެހެންކަމުން މަސް ނިމުނުތާ މިހާރު ތިން ދުވަސް ވެފައިވާއިރު ވެސް ބައެއް މުވައްޒަފުންނަށް މުސާރަ ނުލިބޭތީ އެ ފަރާތްތަކުން ދަނީ އެކަމުގެ ޝަކުވާ ކުރަމުންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!