ޚަބަރު ރައްޔިތުންގެ މަޖިލިސް

ރާއްޖެ އެތެރެވާ ޑޮލަރުން ބިދޭސީން ފައިދާ ނަގާތީ މެމްބަރުން ކަންބޮޑުވުން ފާޅުކޮށްފި

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
ބިދޭސި ބައެއް ކުންފުނިތަކުން ޑޮލަރުގެ ވަގުފާރި ކުރާކަމުގެ ތުހުމަތު މެމްބަރުން ވަނީ ކުރައްވާފައި

ރާއްޖެއަށް އެތެރެވާ ޑޮލަރުން ބިދޭސީންނާއި، ބިދޭސީ ކުންފުނިތަކުން ނާޖާއިޒު ފައިދާ ނަގާކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

Ads by STELCO

އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ގާނޫނަށް އިސްލާހު ގެނައުމަށް ސަރުކާރުން ހުށަހެޅި ބިލުގެ ބަހުސް މަރުހަލައިގައި ވާހަކަ ދައްކަވަމުން ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސަނީފް މިއަދު ވިދާޅުވީ ބިދޭސީ ކުންފުނިތަކުން ޑޮލަރު ހޯދަނީ ރާއްޖެއަށް މުދާ އެތެރެކުރުމަށްކަމަށް ބުނެ ބޭންކު މެދުވެރިކޮށް ޓީޓީ ހަދައިގެން ކަމަށެވެ. އެ ފަރާތްތަކުން ބޭންކު ރޭޓުގައި 30 އިންސައްތަ ޑޮލަރު ހޯދާ ކަމަށް ސަނީފް ވިދާޅުވިއެވެ، ސަނީފް ވިދާޅުވީ މުދާ ގެންނަން ބުނާ އަދަދަށް މުދާ ނުގެނެސް އެފަދަ ކުންފުނިތަކުން ބޭންކު ރޭޓުގައި ލިބުނު ޑޮލަރުން ނާޖާއިޒު ފައިދާ ހޯދަމުން ދާކަމަށެވެ.

ސަނީފް ވިދާޅުވި ގޮތުގައި މި މުއާމަލާތުގެ ތެރޭގައި ދިވެހިން ވެސް އިހުމާލުވެއެވެ. އެގޮތުން ދިވެހިންގެ ނަމުގައި މަނީ ޓްރާންސްފާގެ ވިޔަފާރި ހުޅުވައިގެން ފައިދާ ނަގަމުން ދަނީ ބިދޭސީންކަން އޭނާ ފާހަގަކުރެއްވި އެވެ.

މި މޭރުމުން ވާހަކަ ދައްކަވަމުން ތުލުސްދޫ ދާއިރާގެ މެމްބަރު އަހުމަދު ނަސީމް ވިދާޅުވީ ޑޮލަރުން ނާޖާއިޒު ފައިދާ ނަގާކަމުގެ އެންމެ ބޮޑު ހެއްކަކީ ކަޅު ބާޒާރުގައި ޑޮލަރުގެ އަގު އެއްވަރެއްގައި ހިފެހެއްޓިފައި އޮތް އޮތުން ކަމަށެވެ. އެގޮތުން ރާއްޖޭގެ ފަތުރުވެރިކަން ރަނގަޅުވެ ޑޮލަރު އިތުރުވާ މިންވަރު މައްޗަށް ދިޔައިރު ޑޮލަރުގެ އަގު ކަޅު ބާޒާރުގައި ދަށަށް ދިޔަ ކަމަށާއި އެހެން ނަމަވެސް ކުއްލިއަކަށް އެ އަގު ހިފެހެއްޓުނުކަން އޭނާ ފާހަގަކުރެއްވިއެވެ. މިކަން ނަސީމް މަތިކުރެއްވީ ލަންކާގެ ބައެއް ކުންފުނިތަކާއެވެ.

ނަސީމް ވިދާޅުވި ގޮތުގައި ރާއްޖެއިން ހަމަ އަގުގައި ޑޮލަރު ގަނެ ލަންކާގެ ކުންފުނިތަކުން އެމީހުންގެ ގައުމަށް ފޮނުވައި އެ ޑޮލަރުން ނާޖާއިޒު ފައިދާ ނަގާކަމަށެވެ.

"އެއްކަލަ ޑޮލަރުން މަންފާ މި ނަގަނީ ދިވެހި ރާއްޖެއިން ނަގަން ޖެހޭ މަންފާއެއް އެހެން ގައުމަކުން ނަގަނީ. އެކަމަކު ސިސްޓަމްގެ ތެރެއިން ހުއްޓުވޭނެ އެއްވެސް ގޮތެއް ނެތް" ސަނީފް ވިދާޅުވިއެވެ.

ކޮވިޑް-19ގެ ސަބަބުން ރާއްޖޭގެ އިގްތިސޯދަށް އަސަރުކޮށް ގައުމަށް ވަންނަ އާމްދަނީ ދަށަށް ދިޔުމުގެ ސަބަބުން ކަޅު ބާޒާރުގައި 21 ރުފިޔާއަށް ވެސް ޑޮލަރުގެ އަގު މައްޗަށް ދިޔައެވެ. އެހެން ނަމަވެސް ފަތުރުވެރިން އައިސް ޑޮލަރު ވަންނަ އަދަދު އިތުރުވުމާ އެކު އެ އަގު ދަށަށް ދިޔައެވެ. އަދިވެސް ކަޅު ބާޒާރުގައި ޑޮލަރުގެ އަގު، ބޭންކު ރޭޓަށް ވުރެ ބޮޑެވެ. މިހާރު އަގު އުޅެނީ 16 ރުފިޔާއާއި 17.75އާ ދެމެދުއެވެ.

Ads by Ooredoo
  1. ދިވެއްސާ

    ތިޔަ ހަމަ އެންމެ ޤާނޫނަކުން ވާންއޮތް ކަމެއް އަޅެ ނިކަން ރާއްޖޭގައި ޤާއިމުކޮށްފައިވާ ބިދޭސީ އިންވެސްޓްމަންޓް ތަކުން ލިބޭ ފައިސާ ރާއްޖޭގެ ބޭންކެއްގައި 48 ގަޑިއިރު ބެހެއްޓުމަށްފަހު ނޫނީ އެފައިސާ ގެންދެވޭނެ އަދި ޓްރާންސްފަރ ނުކުރެވޭ ގޮތަށް ޤާނޫނެއް ހަދާބަަލ ނިކަން އޭރުން އިސާހިތަކު ޤައުމު މުއްސަނދި ވެގެން އަންނާނެ.