ކޮންގޯއިން ކޮވިޑް-19 ނައްތައިލެވިފައިވާކަން އިއުލާނުކުރިތާ 5 މަސް ފަހުން ނުރައްކާތެރި އެބޯލާ ވައިރަސްގެ ވޭދަނައެއް ފެނިއްޖެއެވެ.
ކޮންގޯގެ ސިއްހަތާ ބެހޭ ވަޒީރުކަމުގައިވާ ޖީން ޖްއަކްސް ނެރުއްވި ބަޔާނެއްގައި ބުނެފައި ވަނީ ކޮންގޯގެ އިރުމަތީ ސަރަހައްދުގެ ސިޓީއެއް ކަމުގައިވާ ބެނީއިން އުމުރުން އެންމެ 3 އަހަރުގެ ކުއްޖަކަށް އެބޯލާ ޖެހިފައިވާކަމަށެވެ.
އެ ބަޔާނުގައި އިތުރަށް ބުނެފައިވާ ގޮތުގައި ފަސޭހަކަމާއެކު ފެތުރޭ ނުރައްކާތެރި އެބޯލާ ޖެހިފައިވާ ކުޑަ ކުއްޖާގެ ފަރާތުން 100 ވަރަކަށް މީހުން ބައްޔަށް ހުށައެޅިފައިވާ ކަމަށެވެ. އަދި އެމީހުންގެ ކިބައިން ބަލީގެ އެއްވެސް އަލާމާތެއް ފެނޭތޯ މޮނިޓަރ ކުރަމުން އަންނަކަމަށް ވެސް ކޮންގޯގެ ސިއްހަތާ ބެހޭ ވަޒީރު ނެރުއްވި ބަޔާނުގައި ބުނެފައިވެއެވެ.
ރިޕޯޓްތައް ބުނާގޮތުގައި އެބޯލާ ޖެހުނު ކުއްޖާ ދިރިއުޅޭ ސިޓީއާ ކައިރި ސިޓީއެއް ކަމުގައިވާ ބުޓްސިލީން މިދިޔަ މަހު އެބޯލާގެ އަލާމާތްތައް ފެނުނު 3 މީހަކު ވަނީ މަރުވެފައެވެ. އެހެން ނަމަވެސް މިއިން އެއްވެސް މީހަކު އެބޯލާއަށް ޓެސްޓްކޮށްފައި ނުވާ ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ.
ކޮންގޯއިން އެބޯލާގެ ވޭދަނައެއް ފެނުމާ އެކު އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމުގެ މަަސައްކަތް ކުރަމުން އަންނަ ކަމަށް ޑަބްލިއުއެޗްއޯއިން ވެސް ވަނީ ބުނެފައެވެ.
1976 ވަނަ އަހަރު އެންމެ ފުރަތަމަ އެބޯލާ ފެނުނު ފަހުން ކޮންގޯގައި މިހާތަނަށް 12 ފަހަރު ވަނީ އެބޯލާ ފެތުރިފައެވެ.
ބޭރަށް ހިންގުމާއި ހޮޑުލެވޭ މިބަލި ގައިންގަޔަށް ފެތުރެނީ ހަށިގަނޑުން އެކި ގޮތްގޮތުން ބޭރުވާ ދިޔައިންކަމަށް ސިއްހީ މާހިރުން ބުނެއެވެ.
ކޮންގޯގައި އެންމެފަހުން މިބަލި ފެތުރިފައި ވަނީ 2018 ވަނަ އަހަރުގެ އޯގަސްޓް މަހުން ފެށިގެން 2020 ވަނަ އަހަރުގެ ޖޫން މަހާ ހަމައަށެވެ. އެއީ ކޮންގޯގެ ތާރީހުގައި ވެސް އެބޯލާ އެންމެ ބޮޑަށް ފެތުރުނު ފަހަރެވެ. އެފަހަރު އެގައުމުގެ 3،470 މީހަކަށް މިބަލި ޖެހުނު އިރު 2،287 މީހަކު ވަނީ ބަލީގައި މަރުވެފައެވެ.