ބޮލީވުޑް ސްކްރީން: ޝިލްޕާ މާބޮޑަށް އުފާވުން އާންމުންނަށް ކަމަކު ނުދިޔަ، އާރްޔަންއަށް ކުރާ ތުހުމަތުތައް ސާބިތެއް ނުވި!

ބޮލީވުޑްގެ ޚަބަރުތަކަށް އަވަސް ނަޒަރެއް ހިންގައިލާއިރު އެންމެ ފާހަގަ ކޮށްލެވޭ އެއް ޚަބަރަކީ، އެކްޓްރެސް ޝިލްޕާ ޝެޓީ ކުންދްރާ އުފާވުން އާންމުންނަށް ކަމުނުދިޔުމެވެ.
މީގެ އިތުރުން އަދިވެސް އެންމެ ގިނަ ބަޔަކު ވާހަކަ ދައްކަމުންދާ ، ޝާހްރުކް ޚާންގެ ދަރި އާރްޔަން ޚާންގެ މައްޗަށް ކޮށްފައިވާ މަސްތުވާތަކެތީގެ އަދާހަމަ ވެސް ފާހަގަ ކޮށްލެވެއެވެ.
ޝިލްޕާ ހިނިތުންވާން ބައެއް މީހުން ބޭނުމެއް ނުވޭ
ބަރަހަނާ ފިލްމާއި ވީޑިއޯ ކްލިޕް އުފެއްދި ކަމުގެ ތުހުމަތުގައި ޝިލްޕާ ޝެޓީ ކުންދްރާގެ ފިރިމީހާ ރާޖް ކުންދްރާ ހައްޔަރު ކުރެވުނު ދުވަހުން ފެށިގެން، އެތައް ބަޔަކު ވަނީ ބޮލީވުޑްގެ މަޝްހޫރު އެކްޓްރެސް ޝިލްޕާ ޓްރޯލްކޮށް އެކި ގޮތް ގޮތަށް އޭނާއަށް ފުރައްސާރަ ކޮށްފައެވެ.
ގިނައިން އަންހެނުން ކުށްވެރި ކުރުމުގެ ސަޤާފަތު ގެންގުޅޭ އިންޑިއާގެ ގިނަ މީހުން ބުނަމުން ދިޔައީ، ރާޖް ކުންދްރާ އެފަދަ ވީޑިއޯތައް ހެދީ ޝިލްޕާގެ ވެސް އެއްބާރުލުމާ އެކުގައި ކަމަށާއި ޝިލްޕާ ބޭނުންވީ ކޮންމެ ގޮތަކުން ހޯދިޔަސް ފައިސާ ކަމަށެވެ.
ޖަލުގައި ދުވަސްތަކެއް ހޭދަ ކުރުމަށް ފަހު މިހާރު ރާޖް މިނިވަން ވެފައި ހުރި ނަމަވެސް، ޝިލްޕާއަށް މީހުން ކުރަމުންދާ ފުރައްސާރަ އަދިވެސް ނުހުއްޓެއެވެ. އެގޮތުން ރޭ ބޭއްވި "ސުޕާ ޑާންސަރ 4"ގެ ފިނާލޭގައި ޝިލްޕާ ވަރަށް އުފާވެރި މޫޑެއްގައި އިނދެ، ހީ ސަމާސާކޮށް ހެދުމުން އެތައް ބަޔަކު ވަނީ ޝިލްޕާއަށް ފާޑު ކިޔައިފައެވެ.
ފިރިމީހާ ކުރި ކަންތައް ހަނދާން ކޮށްދެމުން، ޝިލްޕާ ޓްރޯލު ކުރަމުން އެމީހުން ބުނީ ހެއުމުގެ އެއްވެސް ހައްޤެއް ޝިލްޕާއަށް ނެތް ކަމަށެވެ.
އާރްޔަންއަށް ކުރާ ތުހުމަތުތައް ސާބިތެއް ނުވި!
އަދިވެސް އެންމެ ހޫނުކަމާ އެކު ބޮލީވުޑްގައި ދެކެވެމުން އަންނަ ވާހަކައަކީ ސުޕާސްޓާ ޝާހްރުކް ޚާންގެ ދޮށީ ދަރި އާރްޔަން ޚާން ހައްޔަރު ކުރި ޚަބަރެވެ.
ކްރޫޒްލައިނަރެއްގައި ބޭއްވި ޕާޓީއެއްގެ ތެރެއިން މަސްތުވާތަކެތި ފެނުނު މައްސަލައިގައި އާރްޔަންއާ އެކު އިތުރު 7 މީހަކު ނާކޮޓިކްސް ކޮންްޓްރޯލް ބިއުރޯ (އެންސީބީ)އިން ވަނީ ހައްޔަރު ކޮށްފައެވެ.
ކަފާލާތުގެ ދަަށުން ދޫކޮށް ދިނުމަށް ދެ ފަހަރު އެދުމުން ވެސް އެކަން ކޮށްދެވެން ނެތް ކަމަށް ނިންމައި އާތަރ ރޯޑް ޖަލަށް އާރްޔަން ބަދަލު ކުރުމަށް ފަހު، މި ވޭދަނައާ ގުޅޭގޮތުން އެންމެ ފަހުގެ ޚަބަރަކަށް އެންސީބީން ބުނެފައި ވަނީ އާރްޔަންގެ އަތުންނާއި އޭނާ ގެންގުޅޭ އެއްވެސް މުދަލަކުން، އަދި ދިރިއުޅޭ ތަނަކުން ވެސް އަދި މިހާތަނަށް މަސްތުވާތަކެތި ފެނިފައި ނުވާ ކަމަށެވެ.
އާރްޔަންގެ ވަކީލު ސަތީޝް މަނޭޝިންޑޭ ބުނެފައި ވަނީ މިއީ ޝާހްރުކް ޚާންއާ ދެކޮޅަށް ބަޔަކު ރާވައިފައިވާ ރޭވުމެއް ކަމަށް ޤަބޫލު ކުރެވޭ ކަމަށެވެ.