30 ދުވަހަށް އަމީން ޖަލަށް ލާން ހުކުމް ކޮށްފި

އައިއެސް ޖަމާއަތުގެ ރާއްޖޭގެ ލީޑަރު ކަމަށް ތުހުމަތުކޮށްފައިވާ ޏ. ފުވައްމުލަކު މާދަނޑު/ ކަރިއްޔާވިލާ މުހައްމަދު އަމީން 30 ދުވަހުގެ މުއްދަތަށް ޖަލުގައި ބަންދުކުރުމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމް ކޮށްފިއެވެ.
އަމީން ބަންދުކުރުމަށް އަމުރެއް ނެރެފައި ވަނީ އޭނާގެ މައްޗަށް ކޮށްފައިވާ ޓެރަރިޒަމްގެ ދައުވާތައް ބާތިލްކޮށް، އޭނާ މިނިވަން ކުރުމަށް ހައިކޯޓުން ކުރި ހުކުމް ސުޕްރީމް ކޯޓުން ބާތިލްކުރުމަށް ފަހުއެވެ. ހައި ކޯޓުގެ އެ އަމުރާ ގުޅިގެން އަނެއްކާ ވެސް އަމީން ބަންދުކުރުމުގެ އަމުރަކަށް ޕްރޮސިކިއުޓާ ޖެނަރަލް (ޕީޖީ)ގެ ފަރާތުން ކްރިމިނަލް ކޯޓުގައި ވެސް ވަނީ އެދިފައެވެ.
ސަލްޓަން ޕާކުގައި 2007ވަނަ އަހަރު ބޮން ގޮއްވި މައްސަލައިގައި އަމީންގެ މައްޗަށް ތުހުމަތު ކުރިއެވެ. ނަމަވެސް އެ މައްސަލައިގައި ހައްޔަރު ކުރަން އުޅުމުން އަމީން ވަނީ ފިލައިގެން ލަންކާއަށް ގޮސްފައެވެ.
އަމީން ހޯދަން އެއިރު ރެޑް ނޯޓިސް ނެރެ، އޭނާ ލަންކާއިން ހައްޔަރު ކުރުމަށް ފަހު 2012ވަނަ އަހަރު ދޫކޮށްލިއެވެ.