ރިޕޯޓް

މަރަކަށް ފަހު މަރެއް ، 3 މަހުގެ ތުއްތު ކުއްޖާގެ މަރުގައި އިހުމާލު އޮތްކަމުގެ ތުހުމަތު!

ރައުފާ ރަޝީދު ، ދެން އޮންލައިން

މަރަކަށް ފަހު މަރެކެވެ. އިހުމާލަކަށް ފަހު އިހުމާލެކެވެ. ފާއިތުވެ ފަސް ދުވަހަކީ ރާއްޖޭގައި މޫސުން ވަރަށް ބޮޑަށް ގޯސްވެ، ކުއްލި މަރުތައް ގިނަވެ މުޅި ގައުމަށް ސިހުން ގެނައި ފަސް ދުވަހެވެ.

Ads by STELCO

ދަގެނތީގައި ގަސްތުގައި ވިޔަފާރިވެރިޔަކު މަރައިލައިފިއެވެ. މަރައިލައި ހަނޑޫ ހުސްކުރި ގޯންޏެއްގެ ތެރެއަށް ލުމަށް ފަހު ފަޅު ގެއެއްގެ ވަޅެއްގެ ތެރެއަށް މަހުމޫދު ވައްޓައިލައިފައި އޮއްވާ ފެނުނީ އޭނާ ނުފެނިގެން އާއިލާއިންނާއި ރަށު ކައުންސިލް ގުޅިގެން އޭނާ ހޯދަމުން ދަނިކޮށެވެ. މުޅި ރަށަށް ސިހުން ގެނުވައިފިއެވެ. ތެދެކެވެ. ދަނގެއްޗަކީ ދުވަހަކު ވެސް މިފަދަ ހާދިސާއެއްގައި މީޑިއާގެ ފަލަ ސުރުހީން ޖާގަ ހޯދި ރަށެއް ނޫނެވެ.

މަހުމޫދުގެ މަރުގެ ތަހުގީގު ހަލުވިކަމާ އެކު އަދިވެސް ކުރަމުންދާއިރު އޭނާގެ ހަނދާންތައް ތާޒާކަން މަތީ ހުއްޓާ ދެން އަނެއްކާ ވެސް މުޅި ގައުމު ސިއްސުވައިލީ އެހެން މަރެއްގެ އަޑާއެކުއެވެ.

މޫސުން ގޯސްވެ ކަނޑު ގަދަވުމުގެ ސަބަބުން ދަތުރު ކުރަމުން ދިޔަ ލޯންޗަކުން ވެއްޓުނު މަންމައެއް ކަނޑަށް ޣަރަޤުވެގެން ދިޔައެވެ. ލޯބިލޯބި ތުއްތު ދެ ދަރީންގެ މަންމަ ، އެ ކުދީންގެ ބައްޕަގެ ލޯ ކުރިމަތީގައި މި ދުނިޔެއާ ވަކިވެ ދިޔައީއެވެ. މިއީ އަޑު އަހަން އަހަރުމެންނަށް އެހާ ފަސޭހަ ވާހަކައެއް ނޫނެވެ. ދިވެހިންގެ ހިތްތައް އަނެއްކާ ވެސް ރޮއްވައިލިއެވެ. މިފަދަ ކަންތައްތަކުން ދިވެހިން އިބްރަތް ލިބިގަންނާނީ ފަހެ ކޮންދުވަހަކުން ހެއްޔެވެ.

ނިކަން ވިސްނައިލަމާ ހިނގާށެވެ. އެ ލޯބިލޯބި މަންމަ މި ދުނިޔެއާއި ވަކިވެގެން ދިޔައީ ކަނޑަށް ވެއްޓުނު ދަރިފުޅު ސަލާމަތްކުރަން މަސައްކަތް ކުރަނިކޮށެވެ. އެމަސައްކަތުގައި އެފަކީރު މަރުވެގެން ދިޔައީއެވެ. ކަނޑުވެ ގެއްލުނު ކުއްޖާ އަދިވެސް ނުފެނެއެވެ. އުންމީދަކީ އަދިވެސް އެ ތުއްތު ކުއްޖާ ސަލާމަތުން ފެނުމެވެ. މުޅި ގައުމު ވެސް އެދި ގޮވަނީ އެފަދައިންނެވެ.

މިއަދު އިރު އަރައިގެން އައީ ކޮވިޑްގެ ނުރައްކާތެރި ބަލީގައި އުމުރުން އެންމެ ތިން މަހުގެ ކުއްޖަކު މަރުވި ޚަބަރާ އެކީގައެވެ. އުމުރުން އެންމެ ތިން މަހެވެ. ކިހާ އަސަރެއް ކުރާނެތޯއެވެ. އެ ތިން މަހުގެ ތުއްތު ކުއްޖާ މަރުވެގެން ދިޔައީ ތިނަދޫގައި ހުންނަ ޑރ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ އިހުމާލުން ކަމަށް އާއިލާއިން ގަބޫލުކުރެއެވެ. ނަމަވެސް އެއާ ހިލާފަށް ހޮސްޕިޓަލުން ވިދާޅުވީ އެ ކުއްޖާ މަރުވެ ދިޔުމުގައި ހޮސްޕިޓަލްގެ އިހުމާލެއް އޮތްތޯ ޖެހޭނީ ބަލަން ކަމަށެވެ.

3 މަހުގެ ތުއްތު ކުއްޖާއަށް ވީ ކިހިނެއް؟

ނަން ހާމަ ނުކުރުމަށް އެދި އެ ކުއްޖާގެ އާއިލާގެ ފަރާތުން "ދެން"އަށް މަޢުލޫމާތު ދިން މީހަކު ބުނީ އެ ކުއްޖާ ކޮވިޑް-19އަށް ފައްސިވީ މީގެ 15 ވަރަކަށް ދުވަސް ކުރިން ކަމަށެވެ. އަދި ގޭގެ އިތުރު މީހުން ވެސް ކޮވިޑް-19އަށް ފައްސިވުމާ ގުޅިގެން ކަރަންޓީނުވީ ގޭގައި ކަމަށެވެ. އޭނާ ބުނި ގޮތުގައި ކުއްޖާ ތިން ދުވަސް ކުރިން ބޭރަށް ހިނގަން ފެށި ކަމަށާއި ރޭ ހާލު ދެރަވާން ފެށި ކަމަށެވެ. ކުއްޖާއަކީ އެންމެ 3 މަހުގެ ކުއްޖެއް ކަމުން ގާތުން ދިނުން ފިޔަވައި އިތުރު އެއްޗެއް އެ ކުއްޖާއަކަށް ނުދެއެވެ. ގާތުން ދިން ނަމަވެސް އެތެރެވާ އެއްވެސް އެއްޗެއް ، ބޭރަށް ހިންގާތީ ހަށިގަނޑުގައި ނުހިފެހެއްޓޭކަމަށް އޭނާ ބުންޏެވެ. އަދި ހޮސްޕިޓަލަށް އެކަން އެނގުމުން ލޮނު ޕެކެޓް ދޭން ބުނި ކަމަށް އޭނާ ބުންޏެވެ.

"ބޭބީ ކޮވިޑަށް ޕޮޒިޓިވްވެގެން މިއަދަށް 15 ވަރަކަށް ޑޭސް ވާނީ. އަޅުގަނޑަށް ހީވަނީ ޕޮޒިޓިވް ވެގެން ގޭގަ ހުއްޓަކަސް ހޮސްޕިޓަލުން ވެސް ޖެހޭނެ ކަންނޭނގެ ހާލަތު ހުރި ގޮތް ބަލަން. ބޭބީ ބޭރަން ހިނގަން ފެށީ މީގެ ދެ ތިން ދުވަސް ކުރިން. ހޮސްޕިޓަލަށް ގުޅާފަ މިމައްސަލަ ދިމާވެއްޖެއޭ ބުނުމުން ބޭބީއަށް ލޮނު ޕެކެޓްދޭން ހޮސްޕިޓަލުން އެންގީ. ބަރާބަރަށް ގާތުން ދެމުން އައި ކުއްޖެއް. ލޮނު ޕެކެޓް ނުދެވުނު އެހާ ރަނގަޅަކަށް ތުއްތުތުއްތު ކުއްޖެއް ވީމަ, އަނެއްކާ ގާތުން ބޯ ކުއްޖެއް, އިތުރު އެއްވެސް އެއްޗެއް ނުދޭ ކުއްޖަކަށް ލޮނު ޕެކެޓް ދޭންވީމަ ވަރަށް އުނދަގޫ ވާނެ ކަން އެމީހުންނަށް ވެސް އެނގެން ޖެހޭނެ ނޫންތޯ" ނިޔާވި ކުއްޖާގެ އާއިލާގެ ފަރާތުން "ދެން"އަށް މައުލޫމާތު ދެއްވިއެވެ.

ރޭ ކުއްޖާގެ ހާލު ދެރަވި, ހޮސްޕިޓަލުގެ އިހުމާލު ބޮޑު

އެމީހާ ކިޔައިދިން ގޮތުގައި އެ ކުއްޖާގެ ހާލު ދެރަވާން ފެށީ ރޭގެ ވަގުތެއްގައިކަމަށެވެ. އަދި ވަގުތުން އެމްބިއުލާންސަށް ގުޅި ކަމަށާއި އެމްބިއުލާންސަށް އާދެވޭ ވަރުވީ ގާތްގަޑަކަށް ދެ ގަޑިއިރު ފަހުން ކަމަށް ބުންޏެވެ. ހޮސްޕިޓަލަށް ދިޔައިރު ވެސް ކުއްޖާ ވަރަށް ބޮޑަށް ޑީހައިޑްރޭޓް ވެފައިވާކަމަށް އެމީހާ ބުންޏެވެ. ހޮސްޕިޓަލަށް ގެންދިޔަ ނަމަވެސް އައިވީ ވެސް ނުގުޅާ ކަމަށް އެމީހާ ކިޔައިދިނެވެ. އަދި ކުއްޖާ އެހެން ބާއްވާފައި އޮއްވާ ހަރަކާތް ނެތެން ފެށި ކަމަށާއި އެހިސާބުން އޮކްސިޖަން ދޭން ފެށިކަމަށް ބުންޏެވެ. އެހެން ނަމަވެސް އޭރު ވަގުތު ފާއިތުވެފައިވާ ކަމަށް އޭނާ ބުންޏެވެ.

"ރޭގަ ދަރިފުޅު ވަރަށް ބޮޑަށް ބަލިވެގެން ، ނުހުއްޓާ ބޭރަށް ހިނގަން ފެށުމުން ދަރިފުޅުގެ ގައި ވަރުދެރަވާން ފެށުމުން އެމްބިއުލާންސަށް ގުޅީ. އަޅުގަނޑު ހަނދާންވާ ގޮތުން ދެ ގަޑި އިރު ފަހުން އެމްބިއުލާންސް އައީ. ހޮސްޕިޓަލަށް ދިޔައިރު ދަރިފުޅު އޮތީ ވަރަށް ބޮޑަށް ޑީހައިޑްރޭޓް ވެފަ. އެވަރުން ވެސް އައިވީއެއް ނުގުޅާ، ހޮސްޕިޓަލުން މައުލޫމާތު ދިނީ އައިވީ ނުގުޅުނުއީއޭ! އެހެން އޮއްވާ ދަރިފުޅު ރެސްޕޮންޑް ނުކުރަން ފެށީމަ ހެނދުނު އޮކްސިޖަން ދޭން ފެއްޓީ. އެހާލަތަށް ދިޔައިމަ އަޅުގަނޑު ގަބޫލު ކުރަނީ ހޮސްޕިޓަލުގެ އިހުމާލު މިކަމުގައި އޮތްކަމަށް. ކުއްޖާ މަރުވުމުން ހޮސްޕިޓަލުން ބުނީ ލޮނު ޕެކެޓް ނުދިނީމަޔޯ އެހެން އެވީ" އޭނާ ކިޔައިދިނެވެ.

އާއިލާގެ ވާހަކަތަކަށް ފަހު "ދެން"އިން ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ މީޑިއާ އޮފިސަރ ސާލިމް އަލީއަށް ގުޅައިލުމުން އޭނާ ބުނީ ކުއްޖާގެ މަރާ ގުޅިގެން ހޮސްޕިޓަލުގެ އިހުމާލެއް އުޅޭކަމުގެ މަޢުލޫމާތު ލިބިފައި ނުވާ ކަމަށާއި ފައްސި ވެގެން ކަރަންޓީނު ކުރެވިފައިވާ ނަމަ ބަލިމީހަކު އެކަހަލަ މައްސަލައެއްގައި ހޮސްޕިޓަލަށް ގުޅައިފިނަމަ ޑޮކްޓަރާ ހިއްސާ ކުރައްވާނެ ކަމަށެވެ. އަދި ފެސިލިޓީއަށް ގެންދެވޭނީ ޑޮކްްޓަރު އެގޮތަށް އަމަލު ކުރުމަށް އިރުޝާދުދިނުމުން ކަމަށް ސާލިމް ބުންޏެވެ. ސާލިމް އިތުރަށް ވިދާޅުވީ އެ ފޯނު ކޯލު އައިސްފައި ވަނީ ކުއްޖާ ބޭރަށް ހިންގާތީ ކަމަށެވެ. އެކަން ހިނގައިދިޔަ ގޮތް ބަލާނެ ކަމަށް ވެސް ސާލިމް ވިދާޅުވިއެވެ.

"އަޅުގަނޑަށް މަޢުލޫމާތު ލިބިފައެއް ނުވޭ ކުއްޖާގެ މަރާ ގުޅިގެން ހޮސްޕިޓަލުގެ އިހުމާލެއް ވާކަމަކަށް. އެހެން ނަމަވެސް އެކަން އެހެން ވެފަ އޮތްތޯ އަޅުގަނޑު ޖެހޭނީ ބަލާލަން. ޕޮޒިޓިވް ކޭސްތަކުގަ ޕްރޮސެސް އޮންނަ ގޮތުން ބަލިމީހާ ހޮސްޕިޓަލަށް ފަރުވާއަށް ގުޅުމުން އެކަން ހޮސްޕިޓަލުގެ ފަރާތުން ޑޮކްޓަރާ ހިއްސާ ކުރާނެ. އަދި ގޭގައި ކަރަންޓީނުގައި ހުރި ބަލި މީހަކު ފެސިލިޓީއަށް ގެންދާނީ ޑޮކްޓަރު އެގޮތަށް އިރުޝާދު ދިނީމަ. އެ ފޯނު ކޯލު އައިސްފައި ވަނީ ކުއްޖާ ބޭރަށް ހިންގާތީ.  މިކޮޅުން ބަލާލަން ޖެހޭނީ އެގްޒެކްޓްލީ ކަންތައް ވި ގޮތް" ސާލިމް ވިދާޅުވިއެވެ.

އާއިލާ އަދި ހޮސްޕިޓަލުން މިދެއްކި ވާހަކަތަކަށް ބިނާކޮށް މިއީ އިހުމާލެއްތޯ ނުވަތަ ނޫންތޯ އެނގޭނީ ސާފު ތަހުގީގަކުންނެވެ. ނަމަވެސް މިއަހަރު ނިޔާވި އުމުރުން 9އަހަރުގެ މިޝްކާގެ މަރުގައި އިހުމާލު އޮތް ކަމަށް އިއުތިރާފް އޮތް ނަމަވެސް އެކަމުގައި ވެސް އެޅުނު ފިޔަވަޅެއް ނެތެވެ. 

މާތް ﷲ އެ ތުއްތު ކުއްޖާގެ ފުރާނައަށް ހެޔޮ ރަޙްމަތް ލައްވަވައި މިފަދަ ހިތްދަތި ވަގުތުގައި އެ ތުއްތު ކުއްޖާގެ މައިންބަފައިންނާއި އާއިލާއަށް ކެތްތެރިކަން ދެއްވާށިއެވެ. އާމީން!

  1. محمد

    ކުއްލި މަރު ގިނަވުން، ގިޔާމަތުގެ އަލާމާތެއް

  2. ށަވިޔަނި

    ކިޔާނިމުނުއިރު ރޮވިއްޖެ. ހިތްހަލާކުވަނީ އަޅުގަނޑުމެންނާ ވަކިވެގެންދިޔަ ފުރާނަޔަށް ސުވަރުގެ މިންވަރު ކުރައްވާށި ޢާއިލާތަކަށް ކެތްތެރިކަން ދެއްވާށި އާމީން