އާ ނަމާއެކު ފޭސްބުކް ރީބްރޭންޑް ކުރަން ނިންމައިފި
ސޯޝަލް މީޑިއާ ކުންފުނި ފޭސްބުކް އިންކްއިން އަންނަ ހަފުތާގައި އަމިއްލަ ނަން ރީބްރޭންޑް ކުރަން ރާވަމުންދާ ކަމަށް އެމެރިކާގެ ޓެކްނޮލޮޖީ ބްލޮގް ދަ ވާޖްއިން ރިޕޯޓްކޮށްފިއެވެ.
އެ ބްލޮގްއިން އެކަމުގެ މައުލޫމާތު އެނގޭ ފަރާތަކާ ހަވާލާދީ ބުނެފައި ވަނީ، ނަން ބަދަލުކޮށް ފޭސްބުކް ރީބްރޭޑް ކުރަން ނިންމައިފައިވާ ކަމަށެވެ.
އެ ބްލޮގްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި ފޭސްބުކްގެ ޗީފް އެގްޒެކެޓިވް އޮފިސަރު މާކް ޒަކަބަރގް ވަނީ އޮކްޓޯބަރު މަހުގެ 28ވަނަ ދުވަހު އެ ކުންފުނީގެ އަހަރީ ކަނެކްޓް ކޮންފަރެންސްގައި ނަން ބަދަލުކުރުމާ ބެހޭ ގޮތުން ވާހަކަ ދައްކަން ރާވައިފައެވެ.
މިކަމާ ގުޅޭގޮތުން ފޭސްބުކްއިން ބުނީ މިކަމާ ބެހޭ ގޮތުން ކޮމެންޓެއް ކުރަން ބޭނުންނުވާ ކަމަށެވެ. މި ޚަބަރު ފެންމަތިވެފައި މިވަނީ އެ ކުންފުނީގެ ވިޔަފާރީގެ އާދަކާދަތަކާ ގުޅިގެން އެމެރިކާގައި ސަރުކާރުގެ ތަހްގީގުތައް އިތުރުވެފައިވާ ދަނޑިވަޅެއްގައެވެ.
ސިލިކަން ވެލީގައި ކުންފުނިތަކުން ދޭ ހިދުމަތްތައް ފުޅާ ކުރަން ނަން ބަދަލު ކުރުމަކީ އާ ކަމެއް ނޫނެވެ.
މިގޮތުން، ގޫގުލްއިން 2015 ވަނަ އަހަރު އެލްފަބެޓް އިންކް ހޯލްޑިން ކުންފުނީގެ ގޮތުގައި ބާއްވައިގެން އުފެއްދި ގޫގަލް އެ ކުންފުނީގެ ސާޗް އެންޑް އެޑްވަޓައިޒިން ވިޔަފާރިތަކަށް ވުރެ ފުޅާކޮށް، އެ ކުންފުނީގެ އޮޓޮނޮމަސް ވެހިކަލް ޔުނިޓާއި ހެލްތު ޓެކްނޮލޮޖީއިން ފެށިގެން ދުރު ހިސާބުތަކުގައި އިންޓަނެޓްގެ ހިދުމަތް ފޯރުކޮށްދިނުމަށް ހިންގާ ތަފާތު އެހެން ވެންޗާތައް ބެލެހެއްޓުމަށް ނަން ބަދަލު ކުރެވިގެންދިޔައެވެ.
ފޭސްބުކްއިން ވަނީ ވާޗުއަލް ރިއަލިޓީ (ވީއާރް)އާއި އޮގްމެންޓެޑް ރިއަލިޓީ (އޭއާރް)އަށް ބޮޑު އިންވެސްޓްމަންޓެއްކޮށް، އެ ކުންފުނީގެ ތިން ބިލިއަނާ ގާތްކުރާ އަދަދަކަށް ޔޫޒަރުން އެކި ޑިވައިސްތަކާއި އެޕްތައް މެދުވެރިކޮށް ގުޅުވައިލާން ގަސްތުކޮށްފައެވެ. އަންގާރަ ދުވަހު އެ ކުންފުނިން ވަނީ މިޓަވާސް ބިނާކުރުމަށް އެހީތެރިވުމުގެ ގޮތުން ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ތެރޭގައި ޔޫރަޕިއަން ޔޫނިއަންގައި 10،000 ވަޒީފާ އުފެއްދުމަށް ނިންމާފައިވާކަން ހާމަކޮށްފައެވެ. ފޭސްބުކްގެ ނަން ރީބްރޭންޑް ކުރުން، މިވިޔަފާރި ފުޅާ ކުރުމާއި ގުޅުމެއް ވާކަމެއް ބައެއް ފަރާތްތަކުން ބުނެއެެވެ.