ހޮލީވުޑް މުނިފޫހިފިލުވުން

"ފްރެންޑްސް"ގެ "ގަންތަރ" ކެންސަރު ބަލީގައި މަރުވެއްޖެ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

އެތައް ބައެއްގެ ތަރުހީބު ލިބުނު ހޮލީވުޑްގެ މަޝްހޫރު ޑްރާމާ ސީރީޒް "ފްރެންޑްސް"ގައި ހަރަކާތްތެރިވި ޖޭމްސް މައިކަލް ޓައިލަރ މަރުވެއްޖެއެވެ.

Ads by STELCO

ޖޭމްސް އެ ޝޯގައި ކުޅެފައިވަނީ "ގަންތަރ"ގެ ރޯލެވެ. އެ ރޯލު ކުޅެގެން އޭނާއަށް ވަނީ އެތައް ބައެއްގެ ތަރުހީބު ވެސް ލިބިފައެވެ.

ރިޕޯޓުތަކުން ބުނާ ގޮތުގައި ޖޭމްސް މަރުވީ އޭނާ ދިރިއުޅޭ ގޭގައި، އިއްޔެގެ ވަގުތެއްގައެވެ. މަރުވީ ޕްރޮސްޓޭޓް ކެންސަރު ބަލީގައި ކަމަށް ވެސް ރިޕޯޓުތަކުން ބުނެއެވެ.

އުމުރުން 59 އަހަރުގެ ޖޭމްސް މަޝްހޫރުވެފައި ވަނީ، "ފްރެންޑްސް" ސީރީޒްގެ ހަތް ވަނަ އެކުވެރިޔާ ކަމުގައެވެ. ޝޯގެ ލީޑުން ފެންނަ ހަ އެކްޓަރުންގެ އިތުރުން އެ ޝޯއިން އެންމެ ގިނައިން ފެންނަ އެއް ކެރެކްޓާއަކީ ވެސް "ގަންތަރ"ގެ ކެރެކްޓަރެވެ.

ޖޭމްސް މަރުވުމުގެ ހިތާމައިގައި ފްރެންޑްސް ގެ މުޅި ޓީމުން ވެސް ވަނީ ހިތާމަފާޅުކޮށް އާއިލާއަށް ތަޢުޒިޔާ ކިޔައިފައެވެ.

"ފްރެންޑްސް"އަކީ 1994ވަނަ އަހަރު ރިލީޒްވި ކޮމެޑީ ސީރީޒެކެވެ. ތަފާތު މިޒާޖުގެ ހަ އެކުވެރިންގެ ހަޔާތުގައި ދިމާވާ އެކި ކަންކަން ދައްކުވައިދޭ މި ސީރީޒް ދައްކުވައިދީފައި ވަނީ 10 ސީޒަނަކަށެވެ. މި ސީރީޒްގައި "ގަންތަރ" ގިނައިން ފެންނަނީ އާންމުކޮށް އެ ހަ އެކުވެރިން ދާ ކޮފީ ހައުސްގައި މަސައްކަތް ކުރާ މީހެއްގެ ގޮތުގައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!