ޝިޔާމު ސަރުކާރަށް: ރައްޔިތުންގެ ލޯބި ބޭނުންވާ ނަމަ ފުލެޓު އަޅުއްވާ
މި ސަރުކާރުން ރައްޔިތުންގެ ލޯބި ބޭނުންވާ ނަމަ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމު ގޮވާލައްވައިފިއެވެ.
ހިޔާ މަޝްރޫޢުގެ ތެރެއިން ބިނާކޮށްފައިވާ ހައުސިން ޔުނިޓަކީ ޖަރީމާއެއް ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހަށް މިއަދު މައްސަލައެއް ހުށަހެޅުމާ ގުޅިގެން ޝިޔާމް ވިދާޅުވީ ބޯހިޔާވަހިކަމެއް ދިނުމުން ރުޅިގަދަވެގެން އުޅޭ ސަރުކާރެއް މިނޫނީ ނުދެކޭ ކަމަށެވެ. އަދި މި ސަރުކާރުގެ ބާކީ 2 އަހަރު އަދި އެބަ އޮތް ކަމަށާއި ރައްޔިތުން އަދުވެސް ކަންތައްތަކަށް އުންމީދުކުރާ ކަމަށެވެ.
" މިއަދު މުޅި ގައުމު ރާއީސް ޔާމިން މިނިވަންކުރުމަށް މި ގޮވަނީ ކަންތައްތަކެއް ކޮށްދެއްވައިފަ އެމަނިކުފާނު ވަޑައިގަތީމަ. ރައްޔިތުން އުންމީދުތަކެއް އެބަ ކުރޭ އަދިވެސް. 5 އަހަރަށް އައި ސަރުކާރެއް މީ. އަދި ބާކީ 2 އަހަރު އެބަ އޮތް. ރައްޔިތުން އެބަ އުންމީދު ކުރެޔޭ ގާކޮޅެއް ހިސާބުވެސް އަޅައިދިނުމަށް. މާލެ ރައްޔިތުންނަށް ޓަކައި, ދިވެހި ރައްޔިތުންނަށް ޓަކައި ބޯހިޔާވަހިކަމެއް ފޯރުކޮށްދިނުމަށް ޓަކައި ގާކޮޅެއް ބާއްވާލާނެ ކަމުގެ އުންމީދު އަދިވެސް އެބަ ކުރެޔޭ" ޝިޔާމް ވިދާޅުވިއެވެ.
ޝިޔާމް އިތުރަށް ވިދާޅުވީ ރައްޔިތަކަށް ކަމެއް ކޮށްދޭން ހޭދަކުރަންޖެހުމުން ކަންބޮޑުވެގެން އުޅޭއިރު ސަރުކާރުގެ ސިޔާސީ މަޤާމުތަކަށް ބޮޑެތި ހޭދަތައް ކުރަމުންދާ ކަމަށާއި އެކަމަށް އެމްޑީޕީގެ މެންބަރުން ކަންބޮޑުނުވާ ކަމަށެވެ. އަދި މިހާރު މުޅި ޤައުމު އެދެނީ ރައީސް ޔާމީން މިނިވަންކުރުމަށާއި އެކަމުގެ ސަބަބަކީ ރައްޔިތުންނަށް ކަންތައްތަކެއް ކޮށްދެއްވާފައިވާތީ ކަމަށް ޝިޔާމް ވިދާޅުވިއެވެ.