މަސްވެރިންގެ ދުވަހުގެ އެވޯޑުތަކަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި
މިއަހަރުގެ މަސްވެރިންގެ ދުވަހާ ގުޅިގެން ދޭ ހާއްސަ އެވޯޑުތަކަށް ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ 7 ވަނަ ދުވަހުގެ މެންދުރު 12:00 އާ ހަމައަށް މިނިސްޓްރީން އިތުރުކޮށްފިއެވެ.

ކޮންމެ އަހަރެއްގެ ޑިސެމްބަރު 10ވަނަ ދުވަހު ފާހަގަކުރާ މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ދޭ ޚާއްސަ އެވޯޑުތަކަށް ނަން ހުށަހެޅުމުގެ މުއްދަތު މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން އިތުރުކޮށްފިއެވެ.
އެ ވުޒާރާއިން ކުރި އިއުލާނެއްގައި ބުނީ، މަސްވެރިކަމުގެ ދާއިރާއިން ދޭ ހަތަރު އެވޯޑަކަށް ކުރިމަތިލުމުގެ މުއްދަތު މި މަހުގެ ހަތްވަނަ ދުވަހުގެ މެންދުރު 12:00އާ ހަމައަށް މިހާރު އިތުރުކޮށްފައިވާ ކަމަށެވެ. މިއަހަރުގެ މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައި ވަނީ މާލޭގައެވެ.
މިއަހަރު ދިނުމަށް ހަމަޖެހިފައިވާ އެވޯޑުތަކުގެ ތެރޭގައި ހިމެނެނީ އެންމެ ހިދުމަތްތެރި ޒުވާން ކެޔޮޅުގެ އެވޯޑާއި، އެންމެ ތަޖުރިބާކާރު ކެޔޮޅުގެ އެވޯޑުގެ އިތުރުން އެންމެ ހިދުމަތްތެރި ފަރުމަހު މަސްވެރިޔާގެ އެވޯޑާއި އެންމެ ޚިދުމަތްތެރި އަންހެން މަސްވެރިޔާގެ އެވޯޑެވެ. ޒުވާން ކެޔޮޅުންގެ އެވޯޑުތަކަށް ޝަރުތު ހަމަވަނީ އުމުރުން 35 އަހަރުން ދަށުގެ، މަސްވެރިކަން ނޫން އެހެން މަސައްކަތެއް އާމްދަނީ ހޯދުމަށް ނުކުރާ ފަރާތްތަކަށެވެ.
މި އެވޯޑުތަކަށް ކުރިމަތިލުމަށް ބޭނުންވާ ފޯމު މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ. ފޯމު ފުރިހަމަކުރުމަށް ފަހު [email protected] އަށް އީމެއިލް މެދުވެރިކޮށް ފޮނުވޭނެ ކަމަށް ވެސް އެ ވުޒާރާއިން ބުނެފައިވެއެވެ.




ކޮމެންޓް