80 މިލިއަން ރުފިޔާ ހޯދަން މެޑްޓެކް މޯލްޑިވްސް މާކެޓަށް

މާލޭގައި ސިއްހީ ފެސިލިޓީއަކާއި އޮފީސް އިމާރާތެއް ތަރައްގީކުރުމަށް މެޑްޓެކް މޯލްޑިވްސް އިން 80 މިލިއަން ރުފިޔާގެ ސުކޫކެއް ވިއްކަން ތައްޔާރު ވެއްޖެއެވެ.
މެޑްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން އިސްލާމީ ޝަރީއާގެ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ވިއްކާ މި ސުކޫކުން ހޯދާ ފައިސާ ހަރަދުކުރުމަށް ހަމަޖެހިފައި ވަނީ މާލޭގެ މޫދާ ކައިރީގައި ހަދާ އާ އިމާރާތެއް ތަރައްގީ ކުރުމަށެވެ. މި އިމާރާތުގައި ކްލިނިކްތަކާއި، ސިއްހީ އެކި ފެސިލިޓީތަކުގެ އިތުރުން އޮފީސް ޖާގަތައް ހިމެނޭނެއެވެ. އަދި އުޅަނދުތައް ޕާކުކުރާނެ ޖާގައަކާއި ޓެރަސް ރެސްޓޯރެންޓެއް ވެސް މި ޕްރޮޖެކްޓުގެ ދަށުން ތަރައްގީކުރާނެއެވެ.
"ޕެރެލަލް އިސްތިސްނާ ސުކޫކު"ގެ ނަމުގައި ވިއްކާ މި ސުކޫކުގައި މޫނުމަތީ އަގުގެ ގޮތުގައި 1،000 ރުފިޔާ ކަނޑައަޅާފައިވާ 80،000 ސެޓްފިކެޓް ހިމެނެއެވެ. މި ސުކޫކު ވިއްކުމަށް ހަމަޖެހިފައި ވަނީ ދެ ސީރީޒް އަކަށް ބަހާލައިގެންނެވެ
ފުރަތަމަ ސީރީޒް: 32 މިލިއަން ރުފިޔާގެ މި ސީރީޒްގެ މުއްދަތަކީ 7 އަހަރެވެ. މީގެ އަންދާޒާކުރެވޭ އަހަރީ ފައިދާގެ ނިސްބަތަކީ 9.00 އިންސައްތައެވެ.
ދެވަނަ ސީރީޒް: 48 މިލިއަން ރުފިޔާގެ މި ސީރީޒްގެ މުއްދަތަކީ 9 އަހަރެވެ. މީގެ އަންދާޒާކުރެވޭ އަހަރީ ފައިދާގެ ނިސްބަތަކީ 9.50 އިންސައްތައެވެ.
މި ސުކޫކުގެ ފައިދާ ބަހަން ހަމަޖެހިފައި ވަނީ އަހަރަކު އެއްފަހަރުއެވެ. އަދި އިންވެސްޓްކުރާ އަސްލު ފައިސާ އަނބުރާ ދައްކާނީ ޕްރޮސްޕެކްޓަސްގައިވާ ގޮތުގެ މަތިން ސުކޫކުގެ މުއްދަތު ހަމަވުމުންނެވެ. މިއިން ކޮންމެ ސީރީޒްއަކުން ވެސް އެންމެ މަދުވެގެން ގަނެވޭނީ 10،000 ރުފިޔާގެ ސުކޫކެވެ.
މެޑްޓެކް މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު މުބާހު ރަފީއު ވިދާޅުވީ، މި ސުކޫކުގެ އެހީގައި ފަންޑުކުރާނީ ކުންފުނީގެ ކުރިމަގުގެ ސްޓްރެޓީޖިކް ކުރިއެރުމަށް މަގުފަހިކޮށްދޭނެ ޒަމާނީ، އޮފީސް އަދި ސިއްހީ ފެސިލިޓީތައް ހިމެނޭ އުސް އިމާރާތެއް ތަރައްގީކުރުމަށް ކަމަށެވެ.
"ފުރިހަމަ އިންތިޒާމެއްގެ ތެރެއިން އަގުހުރި މަސައްކަތްތަކެއް ކޮށް، އިންވެސްޓަރުންގެ އިތުބާރު ހޯދުމަށް އަޅުގަނޑުމެން މިތިބީ ތައްޔާރަށް،" މުބާހު ވިދާޅުވިއެވެ.
މި ސުކޫކު އިޝޫކުރުމުގެ ލީޑް އެރޭންޖަރަކީ ފަސްޓް ނޭޝަނަލް ފައިނޭންސް ކޯޕަރޭޝަނެވެ.
ފަސްޓް ނޭޝަނަލް ފައިނޭންސް ކޯޕަރޭޝަންގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) ހަސަން ޒިޔަތު ވިދާޅުވީ، ލީޑް އެރޭންޖަރުގެ ހައިސިއްޔަތުން މެޑްޓެކްގެ މި މުހިންމު ޕްރޮޖެކްޓަށް އެހީތެރިވެދިނުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އަދި މީގެ ސަބަބުން އިސްލާމީ އުސޫލުތަކާ އެއްގޮތަށް އިންވެސްޓްކުރުމުގެ ފުރުސަތުތައް ފުޅާވެ، އިންވެސްޓަރުންނާ މެޑްޓެކް ގުޅުވާލަދެވޭނެކަން އޭނާ ފާހަގަކުރެއްވިއެވެ.





ކޮމެންޓް