ލައިފްސްޓައިލް ލުއި ޚަބަރު

ގިނަ ބަޔަކު ތައުރީފު ކޮށްގެން ލިބޭ އުފަލަށް ވުރެ، ތިމާ އެންމެ ހިތް އެދޭ މީހާ ތައުރީފު ކުރުމުން ލިބޭ އުފާ ހާސް ގުނަ ބޮޑެވެ.

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ތައުރީފެއް ލިބެން ބޭނުން ނުވާނީ ކާކު ހެއްޔެވެ؟ ތައުރީފެއް ކުރުމުން އެ ލިބޭ އުފަލާ ހިތްހަމަ ޖެހުމަކީ، ކޮންމެ މީހަކަށް ވެސް އިތުރަށް ލިބޭ ހިތްވަރެއްކަމާ މެދު އެއްވެސް ޝައްކެއް ވަސްވާހެއް ނެތެވެ.

Ads by MWSC

އާންމުކޮށް މީހުން ތައުރީފުކޮށް އުޅެނީ ތިމާގެ ރީތިކަމަށް އިތުރު ފުރިހަމަކަމެއް ގެނެސްފައި ހުރުމުންނާއި ތިމާއަށް ކުރެވޭ ރަނގަޅު ކަމަކުންނެވެ. އެފަދައިން ކުރާ ރަނގަޅު ކަންކަމަކީ ކޮންމެހެން ތައުރީފާއި ސަނާ ހޯދުމަށް ކުރާ ކަންކަން ނޫން ކަމުގައިވިޔަސް، އެކަންކަން އެހެން މީހުންނަށް ފާހަގަވުމަކީ ހަމަ ކޮންމެ މީހަކަށް ވެސް ލިބޭ އުފަލެކެވެ. ލިބޭ އިތުރު ހިތްވަރެކެވެ.

ނަމަވެސް، ކޮންމެ ކޮންމެ މީހަކު ތައުރީފު ކުރުމުން ލިބޭ އުފާވެރިކަމުގެ މިންގަނޑު ތަފާތެވެ. މިސާލަކަށް ބުނާނަމަ، ތިމާގެ ރީތިކަމަށް ހުޝާމަތުކޮށް ދުރު މީހަކު (ތިމާ ރަނގަޅަށް ނުވެސް ދަންނަ މީހަކު) ތައުރީފު ކުރުމުން، އުފާވުމުގެ ބަދަލުގައި އެމީހެއްގެ ނިޔަތާ މެދު ޝައްކު ކުރެވެއެވެ. އެއީ ގޯސް ވިސްނުންތަކެކޭ ވެސް ބުނެވޭކަށް ނެތެވެ. ޒަމާން މިހާ ގޯސް އިރު، ރައްކާތެރިވެ ތިބުމަކީ ރަނގަޅު ކަމެކެވެ.

ތައުރީފު ކުރުމަށް ބަލާއިރު، ތިމާ ވަރަށް ރީތި ވެގެން ނުކުތުމުން ނުވަތަ ވަރަށް ތަފާތު މޮޅު ކަމެއް ކުރުމުން، ތިމާއަށް މީހުން ތައުރީފު ކޮށްފި ނަމަ ލިބޭ ހިތްހަމަ ޖެހުން ވަރަށް ބޮޑު ކަމާމެދު އެއްވެސް ޝައްކެއް ނެތެވެ.

ނަމަވެސް 100 މީހުން ތިމާއަށް ތައުރީފު ކޮށްގެން އެ ލިބޭ ހިތްހަމަޖެހުމަށް ވުރެ، ތިމާ ހިތް އެދޭ އެކަކު ތައުރީފު ކުރުމުން ލިބޭ އުފާވެރިކަން އެތައް ހާސްކަން ބޮޑެވެ.

މިސާލަކަށް ބުނާ ނަމަ، ތިމާގެ އަނބިމީހާ ގޭތެރޭގައި ކިތަންމެ ބުރަކޮށް އުޅެފައި ވެސް ތިމާ ގެއަށް އަންނަ ގަޑިއަށް ފެންވަރާ ރީތި ވެގެން ހުރުމުން، އެކަން ފިރިމީހާއަށް ފާހަގަވެއްޖެ ނަމަ އަނބިމީހާ ވަރަށް އުފާވާނެއެވެ. މީގެ އިތުރުން އަނބިން ކުރާ ކަންކަން ދެނެގަނެ، އޭނާ އުޅެނީ ވަރަށް ބުރަކޮށްކަން އެނގޭ ކަމަށާއި ހިތްވަރަށް ސާބަސްދީ، ކަންކަމުގައި އޭނާއަށް އެހީވެދިނުމުން ވެސް އަނބިންނަށް ހީވާނީ މުޅި ދުނިޔެ ލިބުން ފަދަ ހެންނެވެ. އަދި އެއީ ފިރިންގެ އަގު ވެއްޓޭ ކަމެއް ވެސް ނޫނެވެ.

ތައުރީފު ކުރުމަކީ ހަމައެކަނި ފިރިން އެކަނި ކުރަން ޖެހޭ ކަމެއް ވެސް ނޫނެވެ. ފިރިން ކޮށްދޭ ކަންކަމުގެ އަގު ވަޒަންކޮށް އަނބިން ވެސް އެމީހުންނަށް ތައުރީފު ކުރަން ވާނެއެވެ. ބައެއް ފިރިހެނުންނަށް އެމީހުންގެ އިހުސާސްތައް ބުނެދޭން ނޭނގުނަސް އަނބިމީހާ ތައުރީފު ކުރުމުން ހަމަ ޔަގީނުން ވެސް ހިތްހަމަ ޖެހޭނެއެވެ.

އާއިލާ ތެރޭގައި ވެސް އެކަކު އަނެކަކު ކުރާ މަސައްކަތަށް ތައުރީފު ކުރުމަކީ، ކުރިއަށް ދިޔުމަށް އިތުރަށް ލިބޭ ވަރަށް ބޮޑު ހިތްވަރެކެވެ. އަދި އެއީ އާއިލީ ގުޅުން ވެސް ވަރުގަދަވާ ކަމެކެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!