ބޯކޮށް ވާރޭވެހޭނެ ކަމުގެ އިންޒާރާއެކު ރީނދޫ ސަމާލު ނެރެފި
މިދުވަސްކޮޅު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގެ ސަބަބުން ބައެއް ސަރަޙައްދުތަކަށް ރީނދޫ ސަމާލު ނެރެފިއެވެ.
މޫސުމާބެހޭ ޤައުމީ އިދާރާ (މެޓް އޮފީހުން) ރީނދޫ ސަމާލު ނެރެފައި ވަނީ ކ. އަތޮޅުން ފެށިގެން ލ. އަތޮޅާ ދެމެދުގެ ރަށްތަކަށެވެ.
މެޓް އޮފީހުން ބުނެފައި ވަނީ މި ސަރަޙައްދުތަކުގައި ހިމެނޭ ރަށްތަކަށް ގުގުރުމާ އެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.
ރީނދޫ ސަމާލު ނެރެފައި ވަނީ މިއަދު ހެނދުނު 8:45އިން 12:00އަށެވެ.
ރީނދޫ ސަމާލު ނެރެފައިވާއިރު ރައްކާތެރިވުމުގެ ގޮތުން އެޅިދާނެ ބައެއް ފިޔަވަޅުތައް:
▪︎ ދަތުރަށް ފެށުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދައި އުޅަނދުގައި މުއާސަލާތީ ވަސީލަތްތައް ހަމަކުރުން.
▪︎ ކޮޅިގަނޑުގައި އަންނަ ގަދަ ވަޔަށް ސަމާލުވެ، ޚާއްސަކޮށް ދެރަކޮށް ހެދިފައި ހުންނަ އިމާރާތްތަކާއި ގެދޮރުގައި ހުންނަ ފުރާޅު ފަަދަ ތަންތަނުގެ ރައްކާތެރިކަން ބެލެހެއްޓުން.
▪︎ ބޯކޮށް ވާރޭ ވެހި ފެންބޮޑުވެދާނެ ފަދަ ހާލަތްތަކަށް ތައްޔާރުވުން.
▪︎ ގެއަށް ފެން ވަދެފާނެ ކަމުގައިވާ ނަމަ ގޭ ބޭރުގައި ވެލިބަސްތާ ފަދަ ތަކެތި ޖައްސައިގެން ގެއަށް ފެން ނުވަންނާނެ ފިޔަވަޅުތައް އެޅުން.
▪︎ ފެންޖެހި ހަލާކުވާނެ ފަދަ މުދަލާއި ތަކެތި ފެނުގެ އަސަރު ނުފޯރާނެ ފަދަ ތަންތަނަށް ބަދަލުކުރުން.
▪︎ އަލަށް އިމާރާތް ކުރަން ފަށައިފައިވާ ތަންތަނުގެ ރައްކާތެރިކަން ބެލެހެއްޓުން.
▪︎ މޫސުމާ ގުޅޭ ގޮތުން ޚަބަރު ފަތުރާ ވަސީލަތްތައް މެދުވެރިކޮށް ސަރުކާރުން ފޯރުކޮށްދޭ މައުލޫމާތަށް ރައްޔިތުން ސަމާލުވުން.