Sunday, 15 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ޔޫއޭއީގެ ފުޖައިރާގައި ހިނގި އެކްސިޑެންޓާ ގުޅިގެން ރައީސްގެ ތައުޒިޔާ

ޔޫއޭއީގެ ފުޖައިރާގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ގިނަ ބަޔަކު މަރުވުމާ ގުޅިގެން، އެ ގައުމުގެ ރައީސަށް ރައީސުލްޖުމްހޫރިއްޔާ ތައުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.

ފޮޓޯ: ގަލްފު ނިއުސް
ފޮޓޯ: ގަލްފު ނިއުސް

ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ ފުޖައިރާގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ގިނަ ބަޔަކު މަރުވެ، ބޮޑެތި ގެއްލުންތަކެއް ލިބުމާ ގުޅިގެން، އެ ގައުމުގެ ރައީސް ޝައިޚް މުޙައްމަދު ބިން ޒާއިދު އަލް ނަޙްޔާނަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތައުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.

ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ރައީސް ފޮނުއްވި މި މެސެޖުގައި، މި ހިތާމަވެރި ހާދިސާގެ ޚަބަރު އެއްސެވީ ފުން ހިތާމައާ އެކު ކަމަށް ވިދާޅުވެފައިވެއެވެ. އަދި މި ދަނޑިވަޅުގައި ދިވެހިރާއްޖެ އޮތީ ޔޫއޭއީގެ ސަރުކާރާއި ރައްޔިތުންނާ އެކު ސާބިތުކަންމަތީގައިކަން ކަށަވަރުކޮށްދެއްވައި، ހާދިސާގެ އަސަރުކުރި އެންމެހައި ފަރާތްތަކަށް ރައީސް ހަމްދަރުދީ ފާޅުކުރެއްވިއެވެ.

ރައީސްގެ މެސެޖުގައި، މި ހާދިސާގައި ވަކިވެދިޔަ ފަރާތްތަކުގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރުކުރެއްވުން އެދި ދުއާކުރެއްވިއެވެ. އަދި އެ އާއިލާތަކަށް ކެތްތެރިކަން ދެއްވުމަށާއި، އަނިޔާވި މީހުންނަށް އަވަސް ޝިފާއެއް މިންވަރުކުރެއްވުމަށް އެދިވަޑައިގަންނަވާ ކަމަށްވެސް އެމަނިކުފާނުގެ މެސެޖުގައި ވިދާޅުވެފައިވެއެވެ.

ފުޖައިރާގައި ހިނގި މި އެކްސިޑެންޓުގައި 14 މީހަކު މަރުވެ، 30 މީހަކު ވަނީ ޒަހަމްވެފައެވެ. ބާރު ސްޕީޑުގައި ދުއްވި ޓްރަކެއް ކޮންޓްރޯލުން ނެއްޓި ކާރެއްގައި ޖެހި ހިނގި މި ހާދިސާގައި ޖުމްލަ 18 ކާރަކާއި 5 ޓްރަކް މުޑިއަރާފައިވެއެވެ. މި ހާދިސާގައި މަރުވި މީހުންގެ ތެރޭގައި ޔޫއޭއީގެ އިތުރުން އިންޑިއާ، ޕާކިސްތާން، އުރުދުން، މިސްރު، އޮމާން އަދި ބްރެޒިލްގެ ރައްޔިތުން ހިމެނޭ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް

މި ލިޔުމަށް ކޮމެންޓް ކުރުން ވަނީ ބަންދުކޮށްފައެވެ.