ދޯސްތާނާ 2 ގައި ކާރްތިކްގެ ބަދަލުގައި އަކްޝޭ ފެނިދާނެ
ބޮލީވުޑްގެ މަޝްހޫރު ޕްރޮޑަކްޝަން ހައުސް "ދަރްމާ"އިން މިދިޔަ 2019 ވަނަ އަހަރު އިއުލާންކުރި "ދޯސްތާނާ 2"ގެ ލީޑް ރޯލުން ފެނިގެންދާނެކަމަށް އިއުލާންކުރި ކާރްތިކް އާރްޔާންގެ ބަދަލުގައި އެ ރޯލުން މަޝްހޫރު އެކްޓަރު އަކްޝޭ ކުމާރު ފެނިދާނެކަމަށް ރިޕޯޓުތައް ބުނެފިއެވެ.
މަޝްހޫރު ޕްރޮޑިއުސަރު ކަރަން ޖޯހަރު އުފައްދާ މި ފިލްމުން ކާރްތިކް ބޭރުކުރީ ޝޫޓިންގެ 20 އިންސައްތަ ވެސް ނިމިފައި ވަނިކޮށެވެ. މައުލޫމާތު ލިބޭ ގޮތުގައި ކާރްތިކް ބޭރު ކުރީ ކަރަންއާ ޖެހުނު މައްސަލައެއްގައެވެ. ސީދާ ސަބަބު މިހާތަނަށް ހާމަވެފައި ނުވި ނަމަވެސް "ދޯސްތާނާ 2"އަށް ކާރްތިކް ސޮއިކުރި އުޖޫރަ ބޮޑުކުރަން ކާރްތިކް ޑިމާންޑު ކުރިކަމަށް ވެއެވެ. އެހެން ނަމަވެސް ކަރަން އެ އަގަށް ބަދަލުގެންނަން ދެކޮޅު ހެދުމުން ކާރްތިކް ޝޫޓިންތަކަށް ފަރުވާ ކުޑަކުރިކަމަށް ރިޕޯޓުތައް ބުނެއެވެ. ކަރަންއާއި ކާރްތިކްއާ ދެމެދު ޖެހުނީ މިމައްސަލަކަމަށް ބައެއް ރިޕޯޓުތައް ވަނީ ބުނެފައެވެ.
ކާރްތިކްގެ ބަދަލުގައި ފިލްމުން ދެން ފެންނާނީ ކޮން އެކްޓަރެއްތޯ ސުވާލު އުފެދުނެވެ. މީޑިއާތަކުން މީގެ ކުޑަ ދުވަސްކޮޅެއް ކުރިން ރިޕޯޓު ކުރި ގޮތުގައި އެރޯލު އަކްޝޭ ކުމާރަށް ހުށަހެޅިއެވެ. އެހެން ނަމަވެސް މިކަން މުޅިން ކަށަވަރުކޮށެއް ނުދެއެވެ.
މިކަމާ ގުޅިގެން ކަރަންއާ ސުވާލު ކުރުމުން އޭނާ ބުނީ މިވަގުތަށް އެސުވާލަށް ޖަވާބު ދެވެން ނެތްކަމަށެވެ. އަދި ދަރްމާއިން އެކަން ރަސްމީކޮށް އިއުލާން ކުރަންދެން ތުންފަތުގައި ތަޅުއަޅުވައިފައިވާކަމަށް އޭނާ ބުންޏެވެ.
ކާރްތިކް ފިލްމުން ބޭރުކުރުމަށް ފަހު އެކަން ދަރްމާއިން ރަސްމީކޮށް އިއުލާންކޮށް ބުނީ ކޮލިން ޑިޗޫނާ ޑައިރެކްޓު ކުރާ ދޯސްތާނާ 2 އަލުން ކާސްޓުކުރަން ނިންމައިފައިވާ ކަމަށެވެ. މި އިއުލާން ނެރުނުތާ ކުޑަ ދުވަސްކޮޅެއް ފަހުން ބައެއް މީޑިއާތަކުން ވަނީ އެފިލްމުގެ ލީޑް ރޯލުން ފެންނަ އަނެއް ދެ ތަރިން ވެސް ފިލްމުން ބޭރުކޮށްފައިވާކަމަށް ބުނެފައެވެ.
މިކަމާ ގުޅިގެން ކަރަންއާ ސުވާލުކުރުމުން ކަރަން ބުނީ ފިލްމުގެ ލީޑް ރޯލުން ޖާންވީ ކަޕޫރާއި ލަކްޝަޔަ ފެންނާނެ ކަމަށެވެ. އަދި އެ ދެތަރިން ބޭރުކުރުމުގެ ވިސްނުމެއް ނުގެންގުޅޭކަމަށް ވެސް ކަރަން ވަނީ ބުނެފައެވެ.