ޚަބަރު

ކޮޕް26 ކޮންފަަރެންސަށް ފަހު ޝާހިދު ނިއުޔޯކަށް ވަޑައިގެންފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

އދ ގެ 76 ވަނަ އާންމު މަޖިލީހުގެ ރައީސް، ފޮރިން މިނިސްޓަރ ޢަބްދުالله ޝާހިދު ގްލާސްގޯގައި ބޭއްވި ކޮޕް-26 ކްލައިމެޓް ކޮންފަރެންސަށް ކުރެއްވި 4 ދުވަހުގެ ރަސްމީ ދަތުރުފުޅު ނިންމަވައިލެއްވުމަށް ފަހު އެނބުރި ނިއުޔޯކަށް ވަޑައިގެންފިއެވެ.

Ads by Hajj Corporation

ކޮޕް26 ރަސްމީކޮށް ހުޅުވުމުގެ ރަސްމިއްޔާތުގައި މިނިސްޓަރ ޢަބްދުﷲ ޝާހިދު ތަޤްރީރު ކުރައްވަމުން، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ މައްސަލަތައް ޙައްލުކުރުމުގެ ޤާބިލުކަން އިންސާނިއްޔަތަށް ލިބިފައިވާކަން ފާހަގަކުރެއްވިއެވެ.

ޝާހިދު ވަނީ މިދިޔަ އޮކްޓޯބަރު މަހުގެ 26 ވަނަ ދުވަހު ބޭއްވި ޖެނެރަލް އެސެމްބްލީ ހައި-ލެވެލް ޑައިލޮގް އޮން ޑެލިވަރިންގ ކްލައިމެޓް އެކްޝަންގެ ބައްދަލުވުމުގައި ކުރެވުނު މަޝްވަރާތަކާއި ދެކެވުނު ވާހަކަތައް ވެސް ކޮޕް-26ގެ ބައިވެރިންނާ ހިއްސާކުރައްވައިފައެވެ.

މި ބައްދަލުވުމުގައި މާލީ އެހީތެރިކަން ހޯދުމާއި، ޓެކްނޯލޮޖީ ބަދަލުކުރުމާއި، އެޑަޕްޓޭޝަނަށް އިތުބާރުހުރި ވަޞީލަތްތައް ހޯދުމަށް މެންބަރު ޤައުމުތަކުން ގޮވައިލެއްވިއެވެ.

ކޮޕް26 ގެ ދެވަނަ ދުވަހު މިނިސްޓަރ ޝާހިދު ވަނީ ވޯލްޑް ލީޑަރސް ސަމިޓްގައި ދުނިޔޭގެ އެހެނިހެން ގައުމުތަކުގެ ވެރިންނާ ބައްދަލުކުރައްވައިފައެވެ. ޝާހިދު ވަނީ އެންޓީގުއާ އެންޑް ބާބިއުޑާ، ބަނގްލަދޭޝް، ބަލްގޭރިއާ، ބާބެޑޯސް، ބްރޫނާއީ، ކެނެޑާ، ކޮމޮރޯސް، މިސްރު، ފިޖީ، ގިނީ ބިސާއު، އިންޑިއާ، ކުވައިތު، މަލާވީ، ދިވެހިރާއްޖެ، ނެމީބިއާ، ޕަލާއު، ސައޮ ޓޯމެ އެންޑް ޕްރިންސިޕޭ، ސީޝެލްސް، ސްރީލަންކާ، ޓެންޒޭނިއާ، ތައިލެންޑް، ޓްރިނިޑާޑް އެންޑް ޓޮބޭގޯ، ޓުވާލޫ، ޔޫ.އޭ.އީ އަދި ޔޫރަޕިއަން ކޮމިޝަންގެ އިސްވެރިންނާއި މިނިސްޓަރުންނާ ބައްދަލުކުރައްވައިފައެވެ.

މިނިސްޓަރ ޝާހިދު ވަނީ އެލް.ޑީ.ސީ. ގްރޫޕް (ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތަކުގެ ގްރޫޕް)ގެ ޗެއަރ، މަލާވީގެ ރައީސް ލަޒަރޫސް ޗަކްވެރާއާއި، ޖަރުމަނުގެ ސްޓޭޓް ސެކްރެޓަރީ ޖޯހެން ފްލަސްބާތުއާއި، ޔޫ.އޭ.އީ.ގެ މިނިސްޓަރ އޮފް އިންޑަސްޓްރީ އެންޑް އެޑްވާންސް ޓެކްނޮލޮޖީ އެންޑް ސްޕެޝަލް އެންވޯއީ އޮފް ކްލައިމެޓް ޑރ. ސުލްތާން އަލް ޖާބިރުއާއި، ޔުނިވާސިޓީ އޮފް ބަރމިންހަމްގެ ޗާންސެލާ ލޯޑް ކަރަން ބިލިމޮރާއާއި، އިގިރޭސިވިލާތުގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ސައުތު އޭޝިއާ، ޔުނައިޓެޑް ނޭޝަންސް އެންޑް ދި ކޮމޮންވެލްތު ލޯޑް އަހްމަދް އޮފް ވިމްބްލެޑަންއާއި، ޓުވާލޫގެ މިނިސްޓަރ އޮފް ފިނޭންސް އެންޑް ކްލައިމެޓް ޗޭންޖް ސީވް ޕެނިއުއާއި، ޕެސިފިކް އައިލެންޑް ފޯރަމްގެ ސެކްރެޓަރީ ޖެނެރަލް ހެންރީ ޕޫނާއާއި، ޔޫ.އެން.އެފް.ސީ.ސީ.ސީގެ އެގްޒެކެޓިވް ސެކްރެޓަރީ ޕެޓްރީޝިއާ އެސްޕިނޯޒާއާއި، ކެނެޑާގެ ޕްރިމިއަރ އޮފް ނިއުފައުންޑްލެންޑް އެންޑް ލެބްރަޑޯ އެންޑްރޫ ފޫރޭއާ ބައްދަލުކުރައްވައިފައެވެ.

މީގެ އިތުރުން، މިނިސްޓަރ ޝާހިދު ވަނީ މޫސުމީ ބަދަލުތަކާ ގުޅޭ ގޮތުން ޒުވާނުންނާ އެކު ރައުންޑްޓޭބަލް ޑިސްކަޝަންއެއް ބާއްވަވައިފައެވެ. އަދި ޝާހިދު ވަނީ ޔޫ.އޭ.އީއާއި ދިވެހިރާއްޖޭގެ ޒުވާނުންގެ މަންދޫބުންނާ ބައްދަލުކުރައްވައިފައެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ ބައިނަލްއަޤްވާމީ ޕެނަލްގެ އަންހެން ސައިންޓިސްޓުންނާ އެކު ބައްދަލުކުރައްވައި މޫސުމީ ސައިންސާއި ސިޔާސަތުތައް ކަނޑައެޅުމުގައި އަންހެނުންނާއި އަންހެން ކުދިންގެ ބައިވެރިވުން އިތުރުކުރުމަށް ހުރި ހުރަސްތަކާ ބެހޭ ގޮތުން މަޝްވަރާކުރައްވާފައެވެ.

ތިންވަނަ ދުވަހު މިނިސްޓަރ ޝާހިދު ވަނީ އެއޯސިސް ލީޑާސް ޑައިލޮގްގައި ވާހަކަފުޅު ދައްކަވައިފައެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް މަސައްކަތްކުރުމަށް ޓަކައި އިތުބާރު ހުރި އަދި އެކަށީގެންވާ މާލީ އެހީތެރިކަން ބޭނުންވާކަން މިނިސްޓަރ ޝާހިދު ފާހަގަކުރެއްވިއެވެ.

މިނިސްޓަރ ޝާހިދު ވަނީ 2030 ވަނަ އަހަރު އަންނަންވާއިރަށް ޖަންގަލިތަކުން ބޮޑެތި ގަސް ކެނޑުން ނިމުމަކަށް ގެނައުމަށް އިއުލާނު ކުރުމުން އެކަމަށް މަރުހަބާ ދަންނަވައިފައެވެ. ހަމަ އެފަދައިން 2030 ވަނަ އަހަރު އަންނަންވާ އިރަށް މީތެން ގޭސް ބޭރުކުރާ މިންވަރު 30 އިންސައްތައަށް ދަށްކުރުމަށް ވެފައިވާ ވަޢުދަށް މަރުޙަބާ ވިދާޅުވެ، މިއީ 1.5 ލަނޑުދަނޑި ދެމެހެއްޓުމަށް ޓަކައި ބިނާކުރަނިވި އަދި ހަރުދަނާ ފިޔަވަޅުތަކެއްކަން ޝާހިދު ފާހަގަކުރެއްވިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!