އެމެރިކާ ދުނިޔެ

އެލް ޗާޕޯގެ ބޭބެ އުޅޭތަނެއް ބުނެދޭ މީހަކަށް 5 މިލިޔަން ޑޮލަރު

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
އެމެރިކާއިންވަނީ މެކްސިކޯގައި ހިންގާ ޑްރަގް ހަނގުރާމައިގައި މިހާތަނަށް 30،000 މީހުން މަރާފައި

މަޝްހޫރު ޑްރަގް ލޯޑް ޖޯކީން ގުޒްމަން (އެލް ޗާޕޯ)ގެ ބޭބެއާ އެކު މެކްސިކޯގެ ޑްރަގް ކާޓެލްގައި ހަރަކާތްތެރިވާ ހަތަރު މީހަކު ހޯދުމަށް އެމެރިކާއިން މަސައްކަތް ފަށައިފިއެވެ.

Ads by Sosun Fihaara

އެމެރިކާގެ ޚާރިޖިއްޔާއިން ބުނެފައި ވަނީ އެމީހުންގެ ހައްޔަރު ކުރުމަށް ވާގި ލިބޭ ފަދަ މައުލޫމާތެއް ނުވަތަ އެމީހުންގެ މައްޗަށް ކުށް ސާބިތު ކުރެވޭ ފަދަ މައުލޫމާތު ހޯދައިދޭ ފަރާތްތަކަށް 5 މިލިޔަން ޑޮލަރުދޭ ގޮތަށް ނިންމައިފައިވާ ކަމަށެވެ.

އެމެރިކާއިން ހޯދަމުންދަނީ، އެލް ޗާޕޯގެ ބޭބެ އައުރެލިއާނޯ ގުޒްމަން-ލޯރާގެ އިތުރުން، ބޭބެރުޓޯ ސަލްގުއެރޯ-ނެވަރޭޒް، ހޯސޭ ސަލްގުއެރޯ-ނެވަރޭޒް އަދި ހެރިބަޓޯ ސަލްގުއެރޯ-ނެވަރޭޒްއެވެ.

އެމެރިކާގެ ޚާރިޖިއްޔާގެ ތަރުޖަމާނު ނެޑް ޕްރައިސް ހުކުރު ދުވަހު ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައި ވަނީ، "އެމެރިކާގެ މަސްތުވާތަކެއްޗާ ބެހޭ ގާނޫނުތަކާ ޚިލާފްވުމުގެ ކުށާއި، މެރުއާނާ، ކޮކެއިން، މެތަމްފެޓަމިން، އަދި ފެނާންޓަލް އެމެރިކާއަށް އެތެރެކުރުމުގެ ކުށުގައި މިހަތަރު މީހުންގެ މައްޗަށް ދައުވާކުރަން ނިންމައިފައިވާ ކަމަށެވެ.

އެމެރިކާގައި އެކަނި 2020 ވަނަ އަހަރުގެ މާޗް މަހާއި 2021 ވަނަ އަހަރާ ދެމެދު އެމެރިކާގައި ޑްރަގް އޯވަޑޯޒްވެގެން 96،779 މީހުން ވަނީ މަރުވެފައެވެ. މީގެ ތެރެއިން 63 ޕަސެންޓަށް ވުރެ ގިނަ މަރުވެފައި ވަނީ، ފެނާންޓަލް ނަމަކަށް ކިޔާ ޑްރަގް ބޭނުންކުރި ފަރާތްތަކެވެ.

އެމެރިކާއިން ވަނީ އެޤައުމަށް އެތެރެ ކުރާ ޑްރަގްގެ މިންވަރު 2016ވަނަ އަހަރު ވަރަށް ބޮޑަށް ކޮންޓްރޯލްކޮށްފައެވެ. އެއީ އެއަހަރު ޑްރަގް ލޯޑް އެލް ޗާޕޯ، މެކްސިކޯއިން ހައްޔަރުކޮށް އެމެރިކާއަށް އަރުވާލުމާ ގުޅިގެންނެވެ. އެލްޗާޕޯ ވަނީ މެކްސިކޯގެ ޖަލުން ދެ ފަހަރު ފިލައިފައެވެ.

އެލް ޗާޕޯ ހައްޔަރު ކުރިތާ އަހަރެއްހާ ދުވަސް ފަހުން އޭނާ އެމެރިކާއާ ހަވާލުކުރި އިރު، އޭގެ ފަހުން އޭނާގެ މައްޗަށް ވަނީ އުމުރު ދުވަހުގެ ޖަލު ހުކުމެއް އިއްވައިފައެވެ. މިދިޔަ ފެބްރުއަރީ މަހު އޭނާގެ އަންހެނުން އެމެރިކާއިން ވަނީ ހައްޔަރުކޮށްފައެވެ. އަދި އޭނާގެ މައްޗަށް ވަނީ ޑްރަގް ޓްރެފިކިންގ، މަނީ ލޯންޑަރިންނާއި، އެލް ޗާޕޯގެ ޑްރަގް ކާޓެލް، ސިނަލޯއާ ޑްރަގް ކާޓެލްއާ އެކު މާލީ މުއާމަލާތްތައް ހިންގުމުގައި ބައިވެރިވުމުގެ ތިން ދައުވާއެއްކޮށްފައެވެ. މި ތިން ދައުވާއަށް ވެސް އޭނާ ވަނީ އިޢުތިރާފްވެފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!