ރައީސްގެ އެދުމަށް ދިވެހީންނަށް ވިއްކާ ޓިކެޓްގެ އަގު ހެޔޮކޮށްފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ އެދިވަޑައިގަތުމަށް ، މަހިންދަ ރާޖަޕަކްސަ ޓްރޮފީ ފޯ ނޭޝަންސް ކަޕްގައި ލަންކާއާ ދެކޮޅަށް ރާއްޖެ ކުޅޭ މެޗަށް ދިވެހި ސަޕޯޓަރުންނަށް ވިއްކާ ޓިކެޓްގެ އަގު ހެޔޮކޮށްފިއެވެ.
ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް ދެންމެ ވިދާޅުވީ ރައީސްގެ އެދުމުގެ މަތިން މިހާރު ޓިކެޓެއްގެ އަގު 3000 ލަންކާ ރުޕީސް (231 ރުފިޔާ)އަށް ބަދަލުކޮށްފައިވާ ކަމަށެވެ. މީގެ ކުރިން ޓިކެޓެއް ވިއްކަން ހަމަޖެހިފައި ވަނީ 5000 ލަންކާ ރުޕީސް (385 ރުފިޔާ)އަށެވެ.
މާދަމާ ކުޅޭ މެޗުގައި ދިވެހިންނަށް ޚާއްޞަކޮށްފައިވާ ޓިކެޓު ވިއްކުމަށް ހަމަޖެހިފައި ވަނީ ލަންކާގައި ހުންނަ ދިވެހި އެމްބަސީއާއި ކޮލަމްބޯގައި ހުންނަ ދިވެހި އިޖުތިމާޢީ މަރުކަޒުންނެވެ.
ސްރީލަންކާގައި މިމަހުގެ 8 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ ފޯ ނޭޝަންސް ކަޕްގައި ބައިވެރި ވަނީ ސްރީލަންކާ ދިވެހިރާއްޖޭގެ އިތުރުން ބަނގްލަދޭޝްއާއި ސީޝެލްސްއެވެ.