ރައްޔިތުންގެ މަޖިލިސް

ސަރުކާރުން ކަންތައް ކޮށްދެނީ ނުފޫޒު ގަދަ މެންބަރުންގެ ދާއިރާތަކަށް: ޝަހީމް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ބައެއް ދާއިރާތަކުގައި އަސާސީ ޚިދުމަތްތައް ވެސް ފޯރުކޮށް ނުދެވޭއިރު، އަނެއްބައި ދާއިރާތަކަށް ބޮޑެތި ޚަރަދުތައް ކުރާ ކަމަށާއި ސަރުކާރުން ކަންތައް ކޮށްދެނީ ނުފޫޒު ގަދަ މެންބަރުންގެ ދާއިރާތަކަށް ކަމަށް ވިދާޅުވެ، ކަނޑިތީމު ދައިރާގެ މަޖިލިސް މެމްބަރު ޢަބްދުﷲ ޝަހީމް ޢަބްދުލްޙަކީމް ސަރުކާރަށް ފާޑު ވިދާޅުވެއްޖެއެވެ.

Ads by MWSC

މިއަދު އޮތް މަޖިލީހުގެ ޖަލްސާގައި، އަންނަ އަހަރުގެ ބަޖެޓަށް ބަހުސް ކުރައްވަމުން ޝަހީމް ވަނީ ސަރުކާރު ހިންގާ ނިޒާމު ނިޒާމު ބަދަލުކުރައްވަން ޖެހޭ ކަމަށް ވިދާޅުވިއެވެ. ޝަހީމް ވިދާޅުވީ، ބައެއް ދާއިރާތަކުގައި އަސާސީ ޚިދުމަތްތަކަށް އާދޭސް ކުރާއިރު، ވަޒީރުންނާ މި ކަންކަމާ ބެހޭ ގޮތުން ސުވާލު ކުރައްވަން ގުޅުއްވުމުން ފޯނު ނުނަންގަވާ ކަމަށެވެ. އަދި ސަރުކާރުގެ ވަޒީރުން މިފަދަ ގޮތަކަށް ކަންތައް ކުރައްވާތީ، މިއަދުގެ ވެރިކަމުގެ ނިޒާމް ބަދަލު ކުރަން ޖެހޭ ކަމަށް ޝަހީމް ވިދާޅުވިއެވެ.

"މިއަދު އަޅުގަނޑުމެންނަށް އެބަ ފެނޭ، ބާރާއި ނުފޫޒުގައި ތިއްބެވި ބޭފުޅުން އެ ބޭފުޅުންގެ ދާއިރާގައި އިންތިހާއަށް ކަންކަން އެބަ ކުރޭ. މަގުގައި ތާރު އަޅާ، މިފަދަ ކަންކަން ކުރަމުންދާއިރުގައި، އަސާސީ ޙައްޤު ކަށަވަރު ނުވާ ދާއިރާތަކުގައި އެ ބޭފުޅުންގެ އަސާސީ ޙައްޤުތައް ކަށަވަރު ކުރުމަށް ޓަކައި މިއަދުގެ ސަރުކާރުގެ މިނިސްޓަރުން މަސައްކަތް ނުކުރާ ކަމީ، އަޅުގަނޑުމެން ހިތާމަ ކުރަން ޖެހޭ ކަމެއް" ޝަހީމް ވިދާޅުވިއެވެ.

"ބަރުލަމާނީ ނިޒާމަށް އަޅުގަނޑުމެން ދާން ޖެހޭ ސަބަބު މިއަދު އަޅުގަނޑުމެންނަށް ބަޖެޓުން ވަރަށް ރަނގަޅަށް އެނގިގެން އެބަދޭ."

ޝަހީމް ވިދާޅުވީ، ރައްޔިތުންނާ އެންމެ ގާތުން މަސައްކަތް ކުރާ ބަޔަކީ މަޖިލިސް މެންބަރުން ކަމަށާއި، ހަމަހަމަކަން ނެތް ބަޖެޓެއް މިއަދު ހުށަހެޅިފައި ވަނީ ރައްޔިތުންނަށް ޖަވާބު ދާރީވާން ނުޖެހޭ ބަޔަކު އެކަން ކުރުމުން ކަމަށެވެ.

"ރައްޔިތުންނާ އެންމެ ގާތުން މަސައްކަތް ކުރާ ބަޔަކީ، އަދި ރައްޔިތުން އެންމެ ލޯބިވާ ބަޔަކީ މި އިއްޒަތްތެރި މަޖިލީހުގެ މެންބަރުން. މި މަޖިލީހުގެ މެންބަރުންނަށް ބާރެއް ނެތުމުގެ ނަތީޖާ މިއަދު ފެނިގެން މިދަނީ."  ޝަހީމް ވިދާޅުވީ، ބަޖެޓުން ފެނިގެންދަނީ އޭނާގެ ދާއިރާއަށް ފާއިތުވެދިޔަ 3 އަހަރު ވެސް އެއްކަމެއް އެއް އަދަދުތަކެއް އޮތް ތަންކަމަށެވެ. އަދި މިކަން ބަދަލު ކުރަން ޖެހޭ ކަމަށް ވެސް ވިދާޅުވިއެވެ.

ޝަހީމް އިތުރަށް ވިދާޅުވީ، އެއް ވަޒީރުން ސަރުކާރުން ދާއިރާތަކަށް ކުރަންޖެހޭ ކަންކަން ކޮށްދެއްވުމުގައި ފަރުވާ ކުޑަ ކުރަމުންދާކަމީ ފެންނަ ކަމަށާއި ފާޑު ކިޔަން ޖެހޭ ހާލަތެއްގައި އެކަން ކުރައްވަން ފަސްޖެހިވަޑައިނުގަންނަވާނެ ކަމަށެވެ.

Ads by Allied Insurance
  1. ހަވާސާ އިބޫ

    ތެދުފުޅެއް މޮޔައިން ނަކަށް ކަމެއްނުވާނެ