ރިޕޯޓް

މިނިމަމް ވޭޖުގެ ބަހުސް ކޮޅެއްގައި ނުޖެހުނު

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
މިނިމަމް ވޭޖެއް ކަނޑައަޅައި ސަރުކާރުން ނިންމީ ތާރީހީ ނިންމުމެއް

މިނިމަމް ވޭޖުގެ ބަހުސް ކުރެވެމުން އަންނަތާ ދުވަސްތަކެއް ވެއްޖެއެވެ. އެއީ ކުރެވިދާނެ ކަމެއްތޯ ނޫންތޯ އިއްޔެއާ ހަމައަށް ވެސް އޮތީ ސުވާލު އުފެދިފައެވެ. ދުނިޔޭގެ ބޮޑެތި ބައެއް ގައުމުތަކުގައި އެންމެ ކުޑަ އުޖޫރަ ކަނޑައަޅައި ވިޔަފާރިތަކަށް އެކަން ތަންފީޒުކުރަން މަޖުބޫރު ކުރުވައިފައި އޮތެއްކަމަކު ރާއްޖޭގައި އެއީ "ފީޒިބަލް" ކަމެއްތޯ ކަނޑައެޅުން ވަނީ އުނދަގުލަކަށް ވެފައެވެ.

Ads by STELCO

އިއްޔެއަކީ ރާއްޖޭގައި މުޅިން އަލަށް މިނިމަމް ވޭޖު ނުވަތަ އެންމެ ކުޑަ އުޖޫރަ ކަނޑައެޅި ތާރީހީ ދުވަހެވެ. މިނިމަމް ވޭޖާ މެދު އެކި މީހުންގެ ހިޔާލު ތަފާތެވެ. ޖުމްލަ ގޮތެއްގައި ވިޔަފާރިވެރިން މިކަމާ ވަރަށް ދެކޮޅެވެ. ހާއްސަކޮށް ކޮވިޑް-19 ގެ ހާލަތަށް ފަހު މިނިމަމް ވޭޖެއް އުފަން ކުރުމަކީ އޭގެ ސަބަބުން ވިޔަފާރިތަކަށް ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާންޖެހިދާނެ ކަމެކެވެ. އެންމެ ފުރަތަމަ މިނިމަމް ވޭޖު ކަނޑައެޅި ގޮތަށް އަލިއަޅުވާލަން އެބަ ޖެހެއެވެ.

  • ކުދި ވިޔަފާރިތަކަށް، މަހަކު 4500 ރުފިޔާ
  • މެދު ފަންތީގެ ވިޔަފާރިތަކަށް، މަހަކު 7000 ރުފިޔާ
  • ބޮޑެތި ވިޔަފާރިތަކަށް، މަހަކު 8000 ރުފިޔާ
  • ސިވިލް ސާވިސް (ޕަބްލިކް ސެކްޓަރ) ، މަހަކު 7000 ރުފިޔާ

މި އަދަދުތަކަކީ މިނިމަމް ވޭޖު ކަނޑައަޅަން އެކުލަވައިލި ހާއްސަ ބޯޑަކުން ލަފާ އަރުވައި އިކޮނޮމިކް މިނިސްޓްރީން ފާސްކުރި އަދަދުތަކެކެވެ. އެހެން ނަމަވެސް ބޯޑުން ކަނޑައެޅި އަދަދުތަކަށް ކޮންމެވެސް ވަރެއްގެ ބަދަލުތަކެއް ފަހުން ވަނީ ގެނެސްފައެވެ.

ކުދި ވިޔަފާރިތަކަށް މިނިމަމް ވޭޖުގެ ގޮތުގައި ބޯޑުން ކަނޑައެޅީ ގަޑިއަކަށް 24.4 ރުފިޔާއެވެ. އެހެން ނަމަވެސް ފާސްކުރީ ގަޑިއަކަށް 21 ރުފިޔާއެވެ. މެދު ފަންތީގެ ވިޔަފާރިތަކުގެ މިނިމަމް ވޭޖު ކަނޑައެޅީ ބޯޑުން ނިންމި އަދަދަށެވެ. އެހެން ނަމަވެސް ބޮޑެތި ވިޔަފާރިތަކަށް ބޯޑުން ކަނޑައެޅީ ގަޑިއަކަށް 42.72 ރުފިޔާއެވެ. ފާސްކުރީ 38.90 ރުފިޔާއެވެ. ބޮޑެތި ވިޔަފާރި މިން ކުރަނީ އެންމެ މަދުވެގެން 100 މުވައްޒަފުން ގެންގުޅޭ ނަމައެވެ. އަދި 20 މިލިއަނަށްވުރެ ގިނަ ރުފިޔާގެ އާމްދަނީއެއް ލިބޭނަމައެވެ. މައިގަނޑު ގޮތެއްގައި މި ފަންތީގައި ހިމެނެނީ ރިޒޯޓުތަކެވެ.

ރިޒޯޓު މުވައްޒަފުންގެ ހިތްހަމަނުޖެހުން

ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ވެރިކަމަށް ވަޑައިގެންނެވި އިރު ރިޒޯޓު މުވައްޒަފުންނަށް ވި އެންމެ ބޮޑު ވައުދަކީ އެންމެ ކުޑަ އުޖޫރައިގެ ގޮތުގައި 10،000 ރުފިޔާ ކަނޑައެޅުމެވެ. އެހެންކަމުން އެންމެ ބޮޑު ފާޑުކިޔުމެއް އާންމުންގެ ފަރާތުން އަމާޒުވީ ބޮޑެތި ވިޔަފާރިތަކުގެ މިނިމަމް ވޭޖަށެވެ. 8000 ރުފިޔާގެ މިނިމަމް ވޭޖާ އެކު ރިޒޯޓު މުވައްޒަފުންނަށް އޭގެ ނޭދެވޭ އަސަރު ކުރާނެކަމުގެ ބިރު އޮތީ ހީވެފައެވެ.

ރިޒޯޓު މުވައްޒަފުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ މިނިމަމް ވޭޖުގެ ތެރޭގައި ސާވިސް ޗާޖު ހިމެނުމެވެ. އެހެން ނަމަވެސް މިނިމަމް ވޭޖަކީ މުސާރައިގެ އިތުރުން ދެވޭ އެހެނިހެން ވެސް ފިކްސްޑް އެލެވެންސްތަކެވެ. އެކި މަސްމަހު އެކި ވަރަށް ދޭ އެލެވެންސްތަކާއި އިތުރުގަޑީގެ ފައިސާ މިނިމަމް ވޭޖުގެ ތެރޭގައި ނުހިމެނޭނެއެވެ. ހާއްސަކޮށް ކަސްޓަމާ ސާވިސް މުވައްޒަފުންގެ މިނިމަމް ވޭޖުގެ ތެރެއަށް ސާވިސް ޗާޖު ނުލެވޭނެކަމަށް ވަނީ ކަނޑައަޅައިފައެވެ.

އިކޮނޮމިކް މިނިސްޓްރީން ދެކޭ ގޮތުގައި މިނިމަމް ވޭޖު ކަނޑައެޅުމާ އެކު ރިޒޯޓު މުވައްޒަފުންގެ މުސާރައަށް ހެޔޮ ބަދަލެއް އަންނާނެއެވެ. އެގޮތުން ގިންތިތައް އެއް ހަމައަކަށް ގެނެވި ގާތްގަނޑަކަށް 12،000 ރުފިޔާގެ މުސާރައެއް އެވަރެޖްކޮށް ލިބޭނެއެވެ. ދެން އޮތީ ސާވިސް ޗާޖު ކުޑަކުރުމުގެ ބިރެވެ. ނުވަތަ އެހެންވެސް އެލެވެންސްތައް ކުޑަކޮށް ހަމައެކަނި މިނިމަމް ވޭޖު ދީފާނެކަމުގެ ބިރެވެ. މުސާރަ އެއް ހަމައަކަށް ގެނައުމުން ރިޒޯޓުތަކުގައި މަސައްކަތްކުރާ ކުޑަ މުސާރަ ލިބޭ އެތައް މުވައްޒަފުންނެއްގެ މުސާރަ ބޮޑުވުމުގެ ނަތީޖާއަކަށް ވާނީ މީގެ ކުރިން ރަނގަޅު މުސާރަ ލިބެމުންދިޔަ މުވައްޒަފުންގެ މުސާރައަށް އޭގެ ނޭދެވޭ އަސަރު ކުރުންކަމަށް ގިނަ ބަޔަކު ދެކެއެވެ.

ސިވިލް ސާވިސް މުވައްޒަފުންގެ ހިތްހަމަނުޖެހުން

ދެން އޮތީ މިނިމަމް ވޭޖުގައި ޕަބްލިކް ސެކްޓާއަށް ކަނޑައެޅި އަދަދެވެ. ސަރުކާރު އޮފީސްތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް މިނިމަމް ވޭޖުގެ ގޮތުގައި ކަނޑައެޅީ 7000 ރުފިޔާއެވެ. އެއީ ގަޑިއަކަށް ގާތްގަނޑަކަށް 33 ރުފިޔާގެ މަގުންނެވެ. މިއާ އެކު ސިވިލް ސާވިސްގައި މަސައްކަތްކުރާ މުވައްޒަފުންނަށް އިތުރު ބުރައެއް އުފުލަންޖެހިދާނެކަމުގެ ބިރު އެބައޮތެވެ.

ސިވިލް ސާވިސް މުވައްޒަފުން މިހާރު ވަޒީފާއަށް ނިކުންނަނީ 6 ގަޑިއިރަށެވެ. އެހެން ނަމަވެސް މިނިމަމް ވޭޖާ އެކު 8 ގަޑިއިރަށް މަސައްކަތު ގަޑި ދަންމައިލަން ސަރުކާރުން ދަނީ ވިސްނަމުންނެވެ. މިއީ މުސާރައަށް ވެސް އޭގެ ނޭދެވޭ އަސަރު ކޮށްފާނެ ކަމެކެވެ. މިހާރު ވެސް ސިވިލް ސާވިސްގެ ގިނަ މުވައްޒަފުން އިތުރު ގަޑީގައި މަސައްކަތް ކުރެއެވެ. އެއަށް އިތުރު ފައިސާ ވެސް ލިބެއެވެ. އެހެން ނަމަވެސް 8 ގަޑިއިރަށް މަސައްކަތު ވަގުތު ދަންމައިލައިފި ނަމަ އިތުރުގަޑީގެ ފައިސާ ނުލިބިދާނެއެވެ. ނުވަތަ ކުޑަވެދާނެއެވެ. އިތުރު ގަޑީގައި މަސައްކަތް ކުރާ ނަމަ އެއީ ވެސް ބޮޑު ބުރައެކެވެ.

މިހާރު 5000 ރުފިޔާގެ މުސާރައެއް ލިބޭ ދަށް ގްރޭޑުތަކުގެ ސިވިލް ސާވިސް މުވައްޒަފުންނަށް މިނިމަމް ވޭޖާ އެކު އޭގެ ރަނގަޅު އަސަރު ކޮށްފާނެއެވެ. އެހެން ނަމަވެސް އެވަރޭޖުކޮށް ގިނަ މުވައްޒަފުންނަށް މިއީ އެންމެ ކަމުދިޔަ ނިންމުމަކަށް ނުވިއެވެ.

ސަރުކާރަށް ގޮންޖެހުން ބޮޑު

މިނިމަމް ވޭޖު ކަނޑައެޅުމުގައި ބޮޑެތި ގޮންޖެހުންތަކެއް ސަރުކާރަށް ވެސް އެބަ އޮތެވެ. ކޮވިޑުގެ ހާލަތުން އަރައިގަންނަން މަސައްކަތް ކުރަމުންދާ މި ދަނޑިވަޅުގައި މިނިމަމް ވޭޖެއް ކަނޑައެޅިއިރު ކުދި ވިޔަފާރިތައް ބަނގުރޫޓު ނުވާނެ ގޮތަކަށް ގޮތް ނިންމަން ސަރުކާރަށް ޖެހެއެވެ. އަނެއްކޮޅުން މުވައްޒަފުންގެ އުއްމީދުތަކުގައި ވެސް ކޮޅުފައިން ޖެހޭކަށް ނެތެވެ.

މިނިމަމް ވޭޖު ކަނޑައެޅުމުގައި ސަރުކާރުން ރިއާޔަތް ކުރީ ކައިޓްސް އިންޑެކްސް ނުވަތަ އެހެން ގައުމުތަކުގައި މިކަމުގައި ބޭނުންކުރާ އާންމު މިންގަނޑަށެވެ. ބޮޑެތި ވިޔަފާރިތަކުގެ އެވަރެޖް މުސާރައަށް އިތުރުކުރީ ތިން އިންސައްތައެވެ. އެއީ އަސާސީ މުސާރައިގެ ގޮތުގައި މިނިމަމް ވޭޖުގެ 44 އިންސައްތަ ހިއްސާކުރާ ގޮތަށެވެ. މިއާއެކު ދައުލަތުގެ ބަޖެޓުން އިތުރަށް 610 މިލިއަން ރުފިޔާ ހަމައެކަނި މުސާރަ ދިނުމަށް ހަރަދު ކުރަން ޖެހޭނެއެވެ.

 

މިނިމަމް ވޭޖުގެ ސަބަބުން ނޭދެވޭ އަސަރުތަކެއް ކުރާނެއެވެ. ވިޔަފާރިވެރިންގެ ކަންބޮޑުވުން މިކަމުގައި ފާޅުކުރަނީ މި ސަބަބަށް ޓަކައެވެ. އެހެން ނަމަވެސް ޖުމްލަގޮތެއްގައި އޭގެ ފައިދާ ބޮޑެވެ. ހާއްސަކޮށް 4000 ނުވަތަ 5000 ރުފިޔާއަށް މަސައްކަތް ކުރަމުން އައި އެންމެ ދަށް ގްރޭޑުގެ މުވައްޒަފުންނަށް މިއީ އުފާވެރި ޚަބަރެކެވެ. ސަރުކާރުން ދެކޭ ގޮތުގައި ކުޑަ އުޖޫރައެއް ކަނޑައެޅުމުގެ އެންމެ ބޮޑު ބޭނުމަކީ މުސާރަތައް އެއް ހަމައަކަށް ގެނައުމެވެ.

ދެން އޮތީ ސިޔާސީ ވާހަކައެވެ. މިނިމަމް ވޭޖު ކަނޑައެޅިއިރު ސިޔާސީ މަގާމުތަކުގައި ތިއްބެވި ފަރާތްތަކުގެ މުސާރަ އެއްހަމައަކަށް ގެނައުމަށް އޮތީ ނުކުޅެދިފައެވެ. މިހާރުވެސް ދައުލަތުގެ ބަޖެޓުން ބޮޑު ހޭދައެއް ކުރާ މިފަދަ މުވައްޒަފުންނަށް މަހަކު 20،000 ރުފިޔާ މުސާރައިގެ ގޮތުގައި އެބަ ލިބެއެވެ. ބައެއް މުވައްޒަފުންނަށް 30،000 ރުފިޔާއާ ހަމައަށެވެ. މިއީ އެއްވެސް ތައުލީމީ ސަނަދެއް ނެތި ޑިރެކްޓަރުންގެ ލެވެލްއަށް އައްޔަން ކުރެވޭ މުވައްޒަފުންނެވެ. ތިލަކޮށް ދަންނަވާ ނަމަ "ތަބަކަށް ލާފައި" ދޭ މަގާމުތަކެވެ. ގިނައީ "ޕަންޗް އިން – ޕަންޗް އައުޓް" މުވައްޒަފުންނެވެ. އެހެން ނަމަވެސް މިމައުޟޫގައި މާދިގު ބަހުސެއް ކުރެވޭކަށް ވެސް ނެތެވެ. އެއީ ސިޔާސީ މަގާމުތަކަކީ ފަސް އަހަރުން ބަދަލުވާ މަގާމުތަކެވެ.

މިނިމަމް ވޭޖާ ގުޅޭ ގޮތުން އާންމުންގެ ހިޔާލު ޖުމްލަ ގޮތެއްގައި ރަނގަޅޭ ދެންނެވޭކަށް ނެތެވެ. ކަންބޮޑުވުންތައް އިންތިހާއެވެ. އެހެން ނަމަވެސް މިއީ އަލަށް ކަމެއް ކުރާއިރު އާންމުކޮށް ވެސް ކުރިމަތިލާން ޖެހޭ ކަމެކެވެ. އަލަށް ޖީއެސްޓީ ތައާރަފު ކުރިއިރު ވެސް މިހާ ފުޅާކޮށް ބަހުސް ކުރެވުނެވެ. މިނިމަމް ވޭޖަކީ ސީދާ ގޮތެއްގައި ރައްޔިތުންނަށް އޭގެ އަސަރު ކުރާ ކަމެއްކަމުން މި ދަންނަވާ ކަންބޮޑުވުން އެތައް ގުނައެއް އިތުރުވާނެކަން ވެސް ގަބޫލުކުރަން އެބަޖެހެއެވެ.

Ads by HDC
  1. ތި މިނިމަމް ވޭޖް ކަނޑަނޭޅިޔަސް މާ ރަނގަޅު…އާނ މިނިމަމް ވޭޖޭ ކިޔާފަ މުޅި ދުވަހު އޮފީހުގަ މީހުން ބައިތިއްބަން ތި އުޅެނީ…މަކަރުވެރި ސަރުކާރު.