ޚަބަރު

ބައިވެރިޔާ އަނިޔާ ކޮށްގެން މި އަހަރު 713 މައްސަލައެއް

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ބައިވެރިޔާ އަނިޔާ ކޮށްގެން ނުވަތަ ގެވެށި އަނިޔާގެ މައްސަ؛ލަތަކުގައި މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް 713 މައްސަލައެއް ހުށަހަޅައިފައިވާކަން ފެމެލީ ޕްރޮޓެކްޝަން އޮތޯރިޓީ (އެފްޕީއޭ) ގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

Ads by STELCO

ގެވެށި އަނިޔާކުރުން ހުއްޓުވުމުގެ ގާނޫނުގެ ދަށުން، ދެމަފިރިންނާއި މައިންބަފައިން އަދި އާއިލާގެ މީހަކު އެއްވެސް ބާވަތެއްގެ އަނިޔާއެއް ނުވަތަ ގޯނާއެއްކޮށްފި ނަމަ، އެއީ ގާނޫނީ ގޮތުން ކުށެކެވެ.

އެފްޕީއޭގެ ތަފާސް ހިސާބުތަކަށް ބަލާ އިރު މި އަހަރު އެންމެ ގިނައިން ހުށަހަޅައިފައި ވަނީ ކައިވެނިކޮށްގެން މިހާރު އުޅޭ، ނުވަތަ ކުރިން އިން މީހާގެ ފަރާތުން ލިބިފައިވާ ގެވެށި އަނިޔާގެ މައްސަލަތަކެވެ. އަނިޔާކުރީ، ފިރިމީހާ ކަމެއް ނުވަތަ އަނބިމީހާ ކަމެއް އެ ރިޕޯޓުން ސާފު ނުވި ނަމަވެސް މައްސަލަ ހުށަހަޅައިފައިވާ މީހުންނަށް ބަލާއިރު އަންހެނުންގެ އަދަދު ދެ ގުނަ އިތުރެވެ.

ހުށަހަޅައިފައިވާ މައްސަލަތަކަށް ބަލާއިރު ޖިސްމާނީ އަނިޔާގެ 141 މައްސަލައާއި ބިރު ދެއްކުމާއި ގޯނާ ކުރުމުގެ 186 މައްސަލަ ހިމެނެއެވެ. އަދި ބަހުގެ ހަމަލައާއި ނަފްސާނީ ގޮތުން ދިމާކުރުމުގެ 148 މައްސަލައިގެ އިތުރުން ޖިންސީ އަނިޔާގެ 17 މައްސަލަ ވެސް ހިމެނެއެވެ.

ބައިވެރިޔާގެ އިތުރުން ދެން އެންމެ ގިނައިން ރިޕޯޓު ކޮށްފައި ވަނީ މައިންބަފައިން ނުވަތަ ބެލެނިވެރިޔާގެ ފަރާތުން ލިބިފައިވާ އަނިޔާތަކުގެ މައްސަލައެވެ.އެ ފަދަ 454 މައްސަލަ ހުށަހަޅައިފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ ޖިސްމާނީ އަނިޔާގެ 67 މައްސަލައާއި ބަހުގެ ހަމަލައާއި ނަފްސާނީ ގޮތުން ދިމާކުރުމުގެ 118 މައްސަލައިގެ އިތުރުން މީހަކަށް ގެވެށި އަނިޔާ ކުރާތަން ގަސްތުގައި ކުއްޖާއަށް ދެއްކުން ނުވަތަ އެފަދަ މަންޒަރަކަށް ހުށަހެޅުމުގެ 88 މައްސަލައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!