ސިވިލް ސާވަންޓަކީ އެމީހަކު ގަބޫލުކުރާ ސިޔާސީ ފިކުރެއްގައި ދެމި ހުރެވޭނެ މިނިވަނެއް: ރައީސް ޞާލިޙް
ސިވިލް ސާވަންޓުންނަކީ އެމީހަކު ގަބޫލުކުރާ ސިޔާސީ ފިކުރެއްގައި ދެމި ހުރެވޭނެ މިނިވަނެއްކަމަށާއި އެއީ ސިޔާސީ މަސައްކަތުގައި ވަކި ބަޔަކަށް ގުލާނު ކޮށްދިނުން މަޖުބޫރު ސިޔާސީ ބައެއް ނޫން ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.
ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ވަކި ސިޔާސީ ފިކުރަކުން މަޖުބޫރު ކުރެވޭ ސިވިލް ސާވަންޓެއް ރާއްޖޭގައި ހުންނަން އެމަނިކުފާނު ނޭދޭކަމަށާއި ސިޔާސީ ވަކި ކަމެއްގައި ނޫޅެގެން ސިވިލް ސާވަންޓުންނާ މެދު ފިޔަވަޅު އެޅި އެކަހެރި ކުރެވި މަގާމުން ވަކި ކުރެވިގެން ނުވާނެކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ ސިވިލް ސާވަންޓުން ދެއްވާ ހިދުމަތުގައި ސިޔާސީ ފިކުރެއް، ކުލައެއް، ވަހެއް އަދި ރަހައެއް އޮވެގެން ނުވާނެކަމަށާޢި ސިވިލްސާވަންޓުން ކުރައްވަން ޖެހޭނެހާ ވެެސް ކަމަކީ ސަރުކާރުގެ ވައުދުތަކާއި ސިޔާސަތުތައް ތަންފީޒު ކުރުމުގެ މަސައްކަތްކަމަށެވެ
"ސިވިލް ސާވަންޓުންނަކީ އެމީހުން ގަބޫލުކުރާ ސިޔާސީ ފިކުރެއްގައި ދެމި ހުރެވޭނެ މިނިވަނެއް އެއީ ސިޔާސީ މަސައްކަތުގައި ވަކި ބަޔަކަށް ގުލާނު ކޮށްދިނުން މަޖުބޫރު ސިޔާސީ ބައެއް ނޫން. ސިވިލް ސާވަންޓުން ދެއްވާ ހިދުމަތުގައި ސިޔާސީ ފިކުރެއް ކުލައެއް ވަހެއް އަދި ރަހައެއް އޮވެގެން ނުވާނެ. ކުރައްވަން ޖެހޭނެހައި ވެސް ކަމަކީ ސަރުކަރުގެ ވައުދުތަކާއި ސިޔާސަތުތައް ތަންފީޒު ކުރުމުގެ މަސައްކަތް އެއީ ރައްޔިތުންނަށް ހިދުމަތް ކުރަން ތިބި ގައުމީ ހިދުމަތުގެ ފައުޖު" ރައީސް ވިދާޅުވިއެވެ.
ރައީސުލް ޖުމްހޫރިއްޔާ މިހެން ވިދާޅުވި ނަމަވެސް ސިވިލް ސާވަންޓުންގެ އޮފީހުގެ ރަސްމީ ގަޑީގައި ސިޔާސީ ވާހަކަދެއްކުން ވަނީ ފުރަތަމަ ދަރަޖައިގެ ކުށެއްގެ ގޮތުގައި ކަނޑައަޅައި ސިވިލް ސާވަންޓުންގެ ގަވާއިދަށް އިސްލާހު ގެނެސްފައެވެ. އަދި ރަސްމީ ގަޑީގައި ސިޔާސީ ވާހަކަ ދެއްކުމާއި، ސިޔާސީ ބަހުސްކުރުން ވަނީ ދެވަނަ ދަރަޖައިގެ ކުށެއްގެ ގޮތުގައި ކަނޑައަޅައިފައެވެ.
މީގެ އިތުރުން މަސައްކަތުގެ ރަސްމީ ނުވަތަ ނުރަސްމީ ގަޑީގައި އަދި މަސައްކަތުގައި އުޅޭ އެއްވެސް ވަގުތެއްގައި، އެއްވެސް ސިޔާސީ ހަރަކާތެއްގައި ބައިވެރިވުމަކީ ވަޒީފާއިން ވަކިކުރެވޭ ފަދަ ކުށެއްގެ ގޮތުގައި ކަނޑައަޅައިފައެވެ.