ޚަބަރު ސަރުކާރު

ޖުމްހޫރީ ދުވަހު ރައީސް ވިދާޅުވެދެއްވީ ތިން އަހަރުގެ ކާމިޔާބީ

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
ރައީސް އިބްރާހިމް މުހައްމަދު ޞާލިހު

ވޭތުވެދިޔަ ތިން އަހަރު ރާއްޖޭގައި ހިންގުނު މަޝްރޫއުތަކާ އެކު ރައްޔިތުންނަށް ބޭނުންވާ އަސާސީ ހައްގުތަށް ކާމިޔާބުކަމާ އެކު ކަށަވަރުކޮށްދެވިއްޖެކަމަށް ވިދާޅުވެ އެކަންކަމުގެ ތަފްސީލު ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ހިއްސާކޮށްދެއްވައިފިއެވެ.

Ads by Hajj Corporation

ރާއްޖޭގެ 54ވަނަ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބުދަ ދުވަހުގެރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޞާލިހު ވަނީ ޖުމްހޫރިއްޔަތެއް ކާމިޔާބު ކަމާ އެކު ކުރިއަށް ގެންދެވޭނީ ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމަތްތައް ފޯރުކޮށްދެވިގެންކަމަށް ވިދާޅުވެފައެވެ. އަދި ސަރުކާރުގެ ތިލަފަތް އަބަދުވެސް ބުރަވާނީ ރައްޔިތުންގެ ކޮޅަށްކަމަށް ރައީސް ވިދާޅުވިއެވެ.

ސަރުކާރުން މިވޭތުވެދިޔަ 3 އަހަރު ދުވަހުގެ ތެރޭގައި ފޯރުކޮށްދިން ހިދުމަތްތަކުގެ ތަފްސީލު ރައީސް ދެއްވިއެވެ.

ލާމަރުކަޒީ ނިޒާމު ހަރުދަނާކުރުން

ޖުމްހޫރީ ވެރިކަމުން ވޭތުވެދިޔަ 54 އަހަރުގެ ތެރެއިން މިދިޔަ ތިން އަހަރު އެންމެ ބޮޑު އިސްކަމެއް ދިން އެއް ކަމަކީ ލާމަރުކަޒީ ނިޒާމުކަމަށް ރައީސް ވިދާޅުވިއެވެ. ޒަމާނުއްސުރެ ހިފެހެއްޓިފައި އޮތް މަރުކަޒީ ބާރުތަކަކީ ރާއްޖޭގައި ޖުމްހޫރީ ވެރިކަން ހިންގުމަށް އެޅިފައި އޮތް އެންމެ ބޮޑު ހުރަސްކަމަށާއި އެއީ އަތޮޅުތަކުގެ ތަރައްގީއަށާއި ކުރިއެރުމަށް ވެސް އޮތް އެންމެ ބޮޑު ގޮންޖެހުންކަމަށް ރައީސް ވިދާޅުވިއެވެ.

"އަމިއްލަ ކަންކަމުގައި ބަސް ބުނެ ރައްޔިތުންނަށް ގޮތް ނިންމެންޖެހޭ. އެކަމަށް އެޅޭ ކޮންމެ ހުރަހަކީ ޖުމްހޫރިއްޔަތު ފައްކާވުމަށް ކުރިމަތިވާނެ ގޮންޖެހުމެއް" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މި ސަރުކާރުން ވަނީ ރަށު ކައުންސިލްތަކަށް ބޮޑެތި ބާރުތަކަކާއި އިހްތިޔާރާއި އިމްތިޔާޒުތަކެއް ދީފައިކަމަށެވެ. ޖަޒީރާ ހޮޅުއަށިތަކާއި ކައުންސިލް ބައްދަލުވުންތަކުގައި މަޝްވަރާކުރެވޭ ކަންކަމަށް ސަރުކާރުގެ ބޮޑެތި ނިންމުންތައް ނިންމާއިރު ރިއާޔަތް ކުރެވޭކަމަށާއި މިއީ ޖުމްހޫރިއްޔަތުގެ ހަގީގީ ވެރިކަން ހިންގުމުގެ ތެރެއަށް ފޭދިގެންދާ ކަމެއްކަމަށް ރައީސް ވިދާޅުވިއެވެ.

އެހެން ނަމަވެސް ރައީސް ވިދާޅުވީ ލާމަރުކަޒީ ނިޒާމަކީ ވަކިވަކިވެ ބައިބައިވުމަށް ހުޅުވޭ ދޮރަކަށް ވެގެން ނުވާނެ ކަމަށެވެ. މި ނިޒާމަކީ ކުރިއަށް އޮތްތަނުގައި ފައްކާވެ ފުރިހަމަވަމުންދާނެ ނިޒާމެއްކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

ތައުލީމީ ކުރިއެރުން

ރައީސް ސޯލިހުގެ ވާހަކަފުޅުގައި ޖުމްހޫރިއްޔަތު ގުޅެނީ ސީދާ ރައްޔިތުންނާކަމަށް ވިދާޅުވިއެވެ. އަދި ޖުމްހޫރިއްޔަތު ބިނާ ކުރެވޭނީ ރައްޔިތުން ބިނާ ކުރެވިގެންކަމަށް ވެސް ވިދާޅުވިއެވެ. އަދި ވިދާޅުވީ ތައުލީމާއި ތަމްރީނާއި ސިއްހަތަކީ ފުރިހަމަ ރައްޔިތުން ބިނާ ކުރުމުގެ ނާރެސްކަމަށެވެ. ދިރުން ހުރި މުޖުތަމަޢަކާއި ޖޯރު ހުރި އިގްތިސޯދެއްގެ ފެށުމަކީ ތައުލީމާއި ހުނަރުކަމަށް ރައީސް ވިދާޅުވިއެވެ.

"ރާއްޖޭގެ ކޮންމެ އަތޮޅެއްގައި މިހާރު އޭލެވެލްއަށް ކިޔަވައިދެވޭނެ. ހިލޭ ޑިގްރީއަށް ކިޔަވައިދޭން ފެށިއްޖެ. ސްޓޫޑެންޓް ލޯން ސްކީމް ފުޅާ ކުރެވިއްޖެ. އެއް ދަންފަޅީގެ ތައުލީމީ ނިޒާމަށް ޓަކައި 1،000އަށް ވުރެ ގިނަ ކްލާސްރޫމުގެ މަސައްކަތް ކުރިއަށް އެބަދޭ" ތައުލީމީ ނިޒާމަށް ލިބުނު ކުރިއެރުންތަކާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ރައީސް ޞާލިހު ވިދާޅުވިއެވެ.

މީގެ އިތުރުން ވިދާޅުވީ ކޮވިޑް-19 އަށްފަހު ސްކޫލުތައް ހުޅުވި އެންމެ ފުރަތަމަ 10 ގައުމުގެ ތެރޭގައި ރާއްޖެ ހިމެނުމަކީ ވެސް ކާމިޔާބީއެއް ކަމަށެވެ.

ސިއްހީ ހިދުމަތް ފުޅާކުރުން

ސިއްހީ ހިދުމަތުގެ ކުރިއެރުމާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ރައީސް ޞާލިހު ވިދާޅުވީ ޖުމްހޫރީ ތަރައްގީގެ ދެވަނަ ފަށަލައަކީ ސަރަހައްދީ ތަރައްގީ ކަމަށާއި ސަރަހައްދީ ގޮތުން ރަނގަޅު ސިއްހީ ހިދުމަތެއް ދެވުމަކީ އެ ފަށަލައިގެ ފެށުން ކަމަށެވެ. އެގޮތުން ރާއްޖޭގެ ފަސް ސަރަހައްދެއްގައި ފެންވަރު ރަނގަޅު ޓާޝަރީ ހޮސްޕިޓަލްތަކެއް ތަރައްގީކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތާ ގުޅިގެން ކުރަންޖެހޭ މަސައްކަތާއި ހޭދައަށް ހުއްޓުމެއް ނާންނަކަމަށް ރައީސް ވިދާޅުވިއެވެ.

ބޮޑެތި ބައެއް އޮޕަރޭޝަން ކުރުމަށާއި ސްޕެޝަލިސްޓުންގެ ހިދުމަތް ހޯދަން މާލެ ނައިސް ލިބޭ އިންތިޒާމު ހަމަޖެއްސިއްޖެކަމަށް ރައީސް ވިދާޅުވިއެވެ. އަދި ވިދާޅުވީ މޮބައިލް ލެބޯޓްރީގެ ހިދުމަތާއި ނަފްސާނީ ދުޅަހެޔޮކަން އިތުރުކޮށް އެފަދަ ބަލިތަކަށް އާސަންދައިން ހޭދަކުރެވޭ ގޮތް ވެސް ހެދިއްޖެކަމަށެވެ.

"އަންނަ އަހަރު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޕްރައިމަރީ ހެލްތު ކެއާގެ ނިޒާމު ހަރުދަނާކުރުމުގެ މަސައްކަތް ތަންފީޒުވާން ފަށާނެ" ސިއްހީ ހިދުމަތުގެ ކުރިއެރުމާ ގުޅޭގޮތުން ރައީސް ވިދާޅުވިއެވެ.

ފެނާއި ނަރުދަމާގެ ހިދުމަތް

ފެނާއި ނަރުދަމާގެ ހިދުމަތް ރައްޔިތުންނަށް ފޯރުކޮށްދެއްވުމުގެ ވާހަކަފުޅު ދައްކަވަން ރައީސް ފެއްޓެވީ މީގެ ތިން އަހަރު ކުރިން ވިދާޅުވި ޖުމްލައަކުންނެވެ. "ތަރައްގީގެ ވާހަކަ ދައްކަން ފެށޭނީ ގައިން ތާހިރުވެ ތިބެގެން" ކަމަށް ވިދާޅުވަމުން ރައީސް ވަނީ ވޭތުވެދިޔަ ތިން އަހަރުގެ އެންމެ ބޮޑު އެއް އަމާޒަކީ ހުރިހާ ރަށެއްގައި ސާފު ފެނާއި ނަރުދަމާގެ ނިޒާމެއް ހިންގުންކަން ފާހަގަކުރައްވައިފައެވެ.

"އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ދެ އަހަރާ އެކު ދިވެހި ޖުމްހޫރިއްޔާއަށް މިހާތަނަށް އަންނާނެ އެންމެ ސާފު ތާހިރު 5 އަހަރުކަމުގައި މި 5 އަހަރު ވެގެންދާނެ" ފެނާއި ނަރުދަމާގެ މަޝްރޫއުތަކާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވިއެވެ.

އިގްތިޞާދީ ހަރަކާތް

ރައީސް ވިދާޅުވީ ރައްޔިތުންގެ ހެލިފެލިވުމާ ގުޅިފައި ވަނީ އިގްތިޞާދީ ހަރަކާތް ކަމަށެވެ. އަދި އެ ހަރަކާތް ގުޅެނީ ފުދުންތެރި މުޖުތަމައުއަކާއި ކަމަށާއި އެފަދަ މުޖުތަމައުއަކުން އުފެދެނީ އަރަފޯދިގެންވާ ޖުމްހޫރިއްޔަތެއްގެ ވެރި މުސްތަގިއްލު ގައުމެއްކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރާއްޖެ މިދަނީ އެ މިސްރާބަށްކަމަށާއި އެކަމަށް ޓަކައި ކުރެވޭ މަސައްކަތުގެ ތެރެއިން މުޅި ރާއްޖެ ވައިގެ މަގުން ގުޅައިލެވޭނެ ކަމަށެވެ. އެއާޕޯޓުތައް ތަރައްގީކުރުމާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ރައީސް ވަނީ އެމަނިކުފާނުގެ ވައުދު ތަކުރާރު ކުރައްވައިފައެވެ. އެގޮތުން ވިދާޅުވީ ވިހި ނުވަތަ ތިރީސް މިނެޓުގެ ކަނޑު ދަތުރަކަށް ފަހު ކޮންމެ ރަށެއްގައި ހުރި ކޮންމެ ރައްޔިތަކަށް ވެސް އުދުއްސައިގަނެވޭނެކަމަށެވެ.

"ވައިގެ އެ ވިއުގަ އެދަނީ އެމުނެމުން. ގެތި ތަރުތީބުވަމުން. ތިލަމާލެ ކަނެކްޓިވިޓީގެ މަސައްކަތް މާތްﷲގެ ވާގިފުޅާއެކު ހުއްޓުމެއްނެތި ހިނގާނެ." މިސަރުކާރުގެ އެންމެ ބޮޑު އުމްރާނީ ތަރައްގީގެ މަޝްރޫއާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ ދަތުރުފަތުރުގެ އަގު ރައްޔިތުންނަށް ލާހިކު ކުރުމަށް ޓަކައި އެކަށީގެންވާ ސަބްސިޑީ ސަރުކާރުން ދެމުންދާނެ ކަމަށެވެ.

އެހެނިހެން މަސައްކަތްތަކާއި ކާމިޔާބީތައް

ކުރު ގޮތަކަށް ރައީސް ވަނީ އެހެން ބައެއް ހިދުމަތްތައް ތަރައްގީކުރަން ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތަކަށްވެސް އަލިއަޅުއްވާލައްވައިފައެވެ. އެގޮތުން ވިދާޅުވީ ލަފާފުރުމުގެ ދަތިކަން ޙައްލުކުރުމަށް، 100 އަށްވުރެ ގިނަ ބަނދަރުގެ މަސައްކަތް، އެކި މަރުޙަލާގައި ހިނގާނެ ކަމަށާއި އިޢާދަކުރަނިވި ހަކަތައާއެކުއެކީ، ކަރަންޓުގެ އިތުބާރު ބޮޑުކުރުމުގެ މަސައްކަތް ބާރަށް، ކުރިއަށްދާކަމަށެވެ.

އަދި މަސްތުވާތަކެއްޗަށް ހުޅުވިފައިވާ ދޮރުތައް ބަންދުކުރުމުގެ މަސައްކަތާއި ވިޔަފާރިވެރިންނާއި މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވި ނަތީޖާވެސް ރަނގަޅުކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވަނީ މިނިމަމް ވޭޖަކީ ޖުމްހޫރީ ދުވަހު ދެވުނު ހަދިޔާއެއްކަމަށް ވިދާޅުވެފައެވެ.

"މިނިމަމް ވޭޖް ތަންފީޛުވުމުން، އޭގެ ހެޔޮ ބަދަލު، ވަޒީފާ އަދާކުރާ ފަރާތްތަކަށް ފެނިގެންދާނެ. އެންމެ ބޮޑު ބަދަލެއް، ނުވަތަ ރަނގަޅެއް ފެނިގެންދާނީ، ފަތުރުވެރިކަމުގެ ޞިނާޢަތުގައި މަސައްކަތްކުރާ ދިވެހި މުވައްޒަފުންނަށް. މިއާއެކު، ސަރުކާރުގެ އިދާރާތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ، ގިނަ ޢަދަދެއްގެ މުވައްޒަފުންނަށް މި ހެޔޮ ބަދަލު އަންނާނެ." ރައީސް ވިދާޅުވިއެވެ.

  1. މުހަންމަދު

    ހެހެހެހެހެ……