ވާހަކަ

އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ތޭރަވަނަ ބައި)

ނައުފާ ، ދެން އޮންލައިން
▾ މި ވާހަކައިގެ ޢަދަދުތައް
އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ (ޓްރެއިލާ) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ..(ފުރަތަމަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ދެވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ތިންވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ހަތަރުވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ފަސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ..(ހަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ (ހަތްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ..(އަށްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ނުވަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ދިހަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (އެގާރަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ބާރަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ތޭރަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ސާދަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ފަނަރަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ސޯޅަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ސަތާރަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (އަށާރަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ނަވާރަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ވިހިވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (އެކާވިސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ބާވީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ދިފާވުން އެދޭނީ... (ތޭވީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ސައުވީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ފަންސަވީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ސައްބީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ހަތާވީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (އަށާވީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ނަވާވީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ތިރީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (އެއްތިރީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ބައްތިރީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ތެއްތިރީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ސައުރަތިރީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ފަންސަތިރީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ފަހުބައި)

ދަތްކުނޑި ވިކައިލުމާއެކު ތުނިކޮށް ފަޅައިފައިހުރި ތުނބުޅީގައި ލުހާމަށް އަތްހިންގައިލެވުނެވެ. "އިޒް ދިސް ފޯ ރިއަލް..؟" އަމިއްލަ ނަފުސާއި އޭނާއަށް ސުވާލުކޮށްލެވުނީ ފެނުނު މަންޒަރުން އެހިތަށް ކުރެވުނު އުނދަގޫ އިހުސާސެއްގެ ސަބަބުންނެވެ. ކީއްވެކަން ނޭނގުނަސް އެކަމުން ލުހާމްގެ ހިތަށް ތަދުވެއްޖެކަން ގައިމެވެ. އޭނާ ނޫން މީހަކު މުސްކާނާ ގާތްވެއްޖެކަން އެނގުނު ހިނދު ނޭނގޭ ރުޅިވެރިކަމެއް މުޅި ނަފުސަށް ވެރިވެގަތެވެ. އަޖައިބެކެވެ. އޭނާއަށް މިވަނީ ކިހިނެއްހެއްޔެވެ؟

Ads by STELCO

ދެއަތް މުށްކެވުމާއެކު އެއްވެސް އެއްޗެއް ބުނުމެއްނެތި ލުހާމް ގޮސް އޭނާގެ ކޮޓަރިއަށް ވަނެވެ. އެތަން ބަލަން ނުލަފާގޮތަކަށް ހިނިއައިސްފައި ދީމް ހުއްޓެވެ. އޭނާގެ މަގުސަދު ކާމިޔާބުވުމުން ހިތްހަމަޖެހިފައެވެ. ދެން މުސްކާންގެ ފަހަތުން ލުހާމް ނޫޅޭނޭ ދީމްގެ ހިތް ބުނެލިއެވެ. އޭނާ ބޭނުންވަނީވެސް އެގޮތެވެ. ހިތްހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލަމުން ދީމް ހިނގައިގަތީ ސިޑިން ތިރިއަށް ފޭބުމަށެވެ. ކުދިފިޔަވަޅުތަކެއްގައި އައިސް ގޭގެ މައިދޮރު ތަޅުލަމުން އެނބުރި އައިސް އޭނާގެ ކޮޓަރިއަށް ވަނެވެ. އަދި އެނދުގައި އޮށޯވެ ހަމަޖެހިލަމުން އަތުގައި އޮތް ފޯނުން ޔާވިންއަށް ގުޅައިލިއެވެ.

"ގްރޭޓް ވޯރކް ޑާރލިންގް.." ނުލަފާ ހިނިގަނޑެއް ޖަހައިލަމުން ދީމް ބުނެލިއެވެ.

"ދީމްއަށް ޔަގީންތަ އެއްވެސް މީހަކަށް ހަގީގަތް ނޭނގޭނެކަން.." ޔާވިންގެ އަޑުގައިވީ ކަންބޮޑުވުމެވެ. ކުރެވުނުކަންތަކާމެދު އޭނާ ހާސްވެފައި ހުރިކަހަލައެވެ.

"އޮފްކޯރޒް.. އަހަންނާއި ޔާވް ފިޔަވައި މިކަން އެނގޭނެ އެއްވެސް މީހެއް ނުހުންނާނެ.. މީހަކަށް ޝައްކެތްވެސް ނުވާނެ.. ތިހައި ކަންބޮޑުނުވެބަލަ.."

"މުސްކާނާ ދިމާއަށް ދީމްގެ ދޮންބެ އެއްވެސް އެއްޗެއް ނުކިޔާނެތަ؟ އޭނާއަށް މިއިން އެއްވެސްކަމެއް ނޭނގޭނު.."

"ރިލެކްސް ޔާވް.. ދޮންބެ އެއްޗެއް ކިއްޔާ ކީއްތަވާނީ؟.. އަހަރެމެން ދެމީހުނަށް އެނގެއެއްނު މިއީ ހުސް އެކްޓެއްކަން.. ހަމައެކަނި މުސްކާންގެ ކޮޓަރިން ފިރިހެނަކު ނުކުންނަތަން ދޮންބެއަށް ދައްކާލަން ބޭނުންވީ.. އިޓް ޑަސަންޓް މީން ތިދެމެދުގަ ކަމެއް ހިނގިއްޔޭ.. އެހެންވީމަ ޔާވް ކަންބޮޑުވާންވީ އެއްވެސް ސަބަބެއް ނެތެއްނު.. ޕްލަސް ދޮންބެއަކަށް ނޭނގޭނެ ޔާވް ތީ ކާކު ކަމެއްވެސް.." ވިސްނައިދޭފަދަ ގޮތަކަށް ދީމް ބުންޏެވެ. ޔާވިން އުޅެމުންދިޔަ ގޮތުން އޭނާ ހިތްހަމަނުޖެހޭގޮތް ވިއެވެ. އެހެނަސް އެކަން ދައްކާކަށް ދީމް ބޭނުމެއްނުވިއެވެ. މިފަހަރު އޭނާގެ ވާހަކަތަކާއި ވިއްދައި ޔާވިން އެއްވެސް އެއްޗެއް ނުބުންޏެވެ. އެގޮތް ދީމްއަށް ކަމުދިޔައެވެ. އެވާހަކަ ބޭއްވުމަށްފަހު އެހެން ވާހަކައެއްދައްކަން ދީމް ފެށީ އެހެންވެއެވެ.

* * * * *

ނިތްމަތީގައި އަތް ބާއްވައިލައިގެން ފިކުރަކަށް ގެއްލިފައި ލުހާމް އޮތެވެ. ގާތުގައި ފުންނިންޖަކުން ނިދިފައިއޮތް އަންހެންކުއްޖާއަށް އޭނާ ބަލައިލިއެވެ. އެއްވެސް އަސަރެއް އެމޫނުމަތިން ފައުޅުނުވިއަސް ލުހާމްގެ ސިކުނޑިވަނީ ހަލަބޮލިވެފައެވެ. މީގެ ދެރޭކުރިން މުސްކާންގެ ކޮޓަރިން ނުކުތް ގޮތްނޭނގޭ މީހައާ މެދުގައި އޭނާއަށް ވިސްނެމުންދިޔައެވެ. އަދިވެސް އެއީ ހަގީގަތްކަން ގަބޫލުކުރަން އޭނާއަށް ދަތިވެފައިވިއެވެ. މުސްކާން އެފަދަ ގޮތަކަށް އުޅެފާނެކަމާއިމެދު އޭނާގެ ހިތުގައި ސުވާލު އުފެދެނީއެވެ. ދިމާވީއްސުރެ ލުހާމަށް އަބަދުވެސް ފެނުނީ މުސްކާންގެ ފުށުން ރަނގަޅު ސިފަތަކެވެ. ވީއިރު އެފަދަ ކަމެއް މުސްކާން ކޮށްފާނެކަމާއިމެދު އޭނާ ޝައްކުވަނީއެވެ.

އިރުކޮޅަކު ވިސްނަން އޮވެފައި ގައިމަތީގައި އޮތް ރަޖާގަނޑު ދުރަށް ޖައްސައިލަމުން އެނދުން ލުހާމް ތެދުވިއެވެ. އަނެއްފަރާތުގައި ނިދިފައިއޮތް އަންހެންކުއްޖާއަށް ބެލުމެއްނެތި ތިރީގައި އުކައިލައިފައިހުރި އޭނާގެ އަންނައުނުތައް ނަގަމުން ގޮސް ފާޚާނާއަށް ވަނެވެ. އަވަސް އަރުވައިލައިފައި ފާޚާނާއިން ނުކުންނަމުން އެއްފަރާތުގައިހުރި މޭޒުމަތީގައިއޮތް ފޯނާއި ސައިކަލުގެ ތަޅުދަނޑި ނަގައިގެން ކޮޓަރިން ނުކުންނަން ހިނގައިގަތެވެ.

ސައިކަލާއި އައިސް ލުހާމް ގެއާއި ކައިރިކޮށްލި ވަގުތަކީ ޑިއުޓީ ނިންމުމަށްފަހު މަޑު ހިނގުމެއްގައި މުސްކާންވެސް އައިސް ގެއާއި އަރައިހަމަކުރި ވަގުތެވެ. މުސްކާން ފެނުމާއެކު ލުހާމްގެ ދެބުމަގޮށްޖެހުނެވެ. ލުހާމް ބަލަންހުރި ގޮތުން ހިތްބިރުގަންނަ ގޮތްވެ، އިސްޖަހައިލަމުން އަވަސްއަރުވައިލައިފައި ގެއަށް ވަންނަން މުސްކާން އުޅުނެވެ. އެތަންފެނި ސައިކަލް ޕާރކް ކޮށްލުމަށްފަހު ދުވެފައިކަހަލަ ގޮތަކަށް އައިސް ލުހާމް މުސްކާންގެ ކުރި ބެއްދިއެވެ. އޭރުވެސް އެދެލޮލުން ފައުޅުވަމުންދިޔައީ ހިތްހަމަނުޖެހުމުގެ އަސަރުތަކެވެ. ހައިރާންވެފައި ލުހާމަށް ބަލަން މުސްކާން ހުއްޓައި އޭނާގެ ދެއަތުގައި ހިފައި ގަޔާއި ދިމާއަށް ލުހާމް ދަމައިގަތެވެ.

* * * * *

ސެލޫންއިން ކާއިލްއާ އެކުގައި ނުކުތް ރުހައިމްގެ ތުންފަތުގައިވީ މާނަފުން ހިނިތުންވުމެކެވެ. އަމިއްލަ ނަފުސަށް ގެނައި ބަދަލާއި މެދުގައި އޭނާ ހުރީ ނުހަނު ހިތްހަމަޖެހިފައެވެ. ރުހައިމް އެކޭ އެއްފަދައިން ކާއިލްވެސް ހުރީ ހިނިތުންވެލައިގެންނެވެ. ކޮއްކޮގެ ހިތްވަރާއި މެދުގައި އޭނާ ފަޚުރުވެރިވެއެވެ. އޭނާ ގާތުގައި އެވާހަކަތައް ދެއްކީއްސުރެ ރުހައިމްގެ އުޅުން ހީވެސްނުކުރާފަދަ ގޮތަކަށް ބަދަލުވެފައިވާކަން ކާއިލްއަށް ފާހަގަވިއެވެ. އަމިއްލަ ބަހުގައި ރުހައިމް ހިފަހައްޓަމުން އައިތީ ކާއިލްއަށް ލިބިފައިވީ ބަޔާންކުރަންދަތި އުފަލެކެވެ. އެތައްދުވަހެއް ވަންދެން އޭނާގެ ހިތުގައި އުފެދިފައިވީ އެދުން ފުރިހަމަވަނީއެވެ. އަމިއްލައަށް ފެނިގެން އެފަދަ ފިޔަވަޅެއް ރުހައިމް ނެގުމުން ކާއިލްވެސް ހައިރާންވާގޮތްވިއެވެ. މަސްތުގެ ދުނިޔެއާއި ދުރުވިއަސް އޭނާ ހީކުރީ ރުހައިމްގެ ސިފައަށް ބަދަލެއް ނުގެންނާނެ ކަމަށެވެ. ނަމަވެސް ކާއިލްއަށް ކުރެވުނީ ކިހައިބޮޑު ކުށްހީއެކަން ރުހައިމް ސާބިތުކޮށްދީފިއެވެ.

"ހާދަ ވަރަކަށޭ ދޮންބެ ތިބަލަނީ.." ހިނިތުންވެލަމުން ކާރު ދުއްވަން އިން ކާއިލްއަށް ރުހައިމް ބަލައިލިއެވެ.

"ކުރީގެ ހަނދާންތައް މާބޮޑަށް އާވަންފެށީ.. މިހާރު ދޮންބެ ކުރިމަތީ ތިއިނީ އޭރުގެ ހައިމް.. އެއްވެސް ތަފާތެއް ނެތް.. މިހާރު ހައިމް ފެންނަ ކޮންމެ އަންހެންކުއްޖެއްގެ ހިތް ކަތިލެވޭނެކަން ޔަގީން.." ފުޅާ ހިނިތުންވުމަކާއެކު ރުހައިމްއަށް ބަލައިލަމުން ކާއިލް ބުންޏެވެ. އެއާއެކު ރުހައިމްގެ އަނގައިން ނުކުތީ މަޑު ހުނުމެއްގެ އަޑެވެ. ސިކުނޑިއަށް ވެރިވެގަތް ޚިޔާލުތަކާއެކު އޭނާއަށް އިސްޖަހައިލެވުނެވެ. އައިޝްވެސް އޭނާގެ މިސިފައާ ގަޔާވާނެ ހެއްޔެވެ؟ އެހިތުން ރުހައިމްއަށްޓަކައި ދުވަހަކުވެސް ޖާގައެއް ހުސްވެދާނެ ހެއްޔެވެ؟ އޭނާ ލޯބިވާ ވަރަށް އައިޝްގެ ހިތުގައި އޭނާއަށްޓަކައިވެސް ލޯބި އުފެދިދާނެ ބާއެވެ؟ ދެފަރާތަށް ބޯހޫރުވައިލަމުން ސީޓުގައި ރުހައިމް ލެގިލިއެވެ. ކޮއްކޮގެ އަމަލުތަކަށް ފަރުވާތެރިވެ ބަލަންއިން ކާއިލްއަށް ކޮންމެވެސް އެއްޗެއް ވިސްނުނީ ކަންނޭނގެއެވެ. ރުހައިމްގެ ކޮނޑުގައި ޖަހައިލަމުން ކާރުގެ ދުވެލި އޭނާ ބާރުކޮށްލިއެވެ.

ފާއިތުވެދިޔަ ދުވަސްތަކު ދެމެދުގައިވި ގުޅުން ކުރިއަށްވުރެ ބަދަހިވެފައިވިއަސް އަދިވެސް ޒާތީ ބައެއްކަންކަން ކާއިލްއާ ހިއްސާކުރަން ރުހައިމް ފަސްޖެހޭކަން އޭނާއަށް އެނގެއެވެ. އެފަދަ ކަންކަމާއި ގުޅުވައި ކާއިލް އެއްވެސް ސުވާލެއް ރުހައިމްއާ ނުކުރެއެވެ. ބަދަހިވަމުންއައި ގުޅުން އޭނާއަށް ކުރެވޭ ކަމެއްގެ ސަބަބުން ހީނަރުވެދާން ކާއިލް ނޭދެއެވެ. ރުހައިމް ބޭނުންވާވަރަށް ވަގުތު ދޭން އޭނާ ނިންމީވެސް އެހެންވެއެވެ.

ގެއަށް ވަދެވުމާއެކު ރުހައިމް މިސްރާބުޖެހީ އޭނާގެ ކޮޓަރިއާ ދިމާއަށެވެ. ދޮރުލައްޕައި ތަޅުލުމާއެކު ލަސްހިނގުމެއްގައި އައިސް އިސްކޮޅުވަރުގެ ބޮޑު ލޯގަނޑު ކުރިމަތީގައި އޭނާ ހުއްޓިލިއެވެ. އަމިއްލަ ސޫރައަށް ނަޒަރު ހުއްޓުމާއެކު ރުހައިމްއަށް ހިންދިރުވައިލެވުނެވެ. އެއީ ހަގީގަތުގައިވެސް އޭނާތޯ ޟަމީރު ސުވާލުކޮށްލިއެވެ. ކުރީގައި ކޮނޑާއި ހަމައަށް އޮންނަ އޭނާގެ ފަންއިސްތަށިގަނޑު ވަނީ ކުރުކޮށް ކޮށައިލައިފައެވެ. ދިގުވެފައިހުރި ތުނބުޅި މަތިމަސް ޓްރިމްކޮށް ރީތިގޮތަކަށް ސްޓައިލް ކޮށްފައިހުރުމުން އެފިރިހެންވަންތަ މޫނަށް އިތުރު ފުރިހަމަކަމެއް ލިބިފައިވެއެވެ. ލައިގެންހުރި ގަޔަށް ހިފައިފައިހުރި ޓީޝާޓާއި ޖިންސުން އެހަށިގަނޑުގެ ވަރުގަދަކަން ފައުޅުވާން ހުއްޓެވެ. ފެންނަމުންދިޔައީ އަމިއްލަ ސޫރަކަމާއި މެދު ރުހައިމް ސުވާލުއުފެދޭގޮތްވިއެވެ. މީގެކުރިން އޭނާ ހުރިގޮތާއި އެތައްހާސްބައި މިހާރު ތަފާތެވެ. އެސިފަ އައިޝްއަށް ފެނިއްޖެނަމަ އެއީ އޭނާކަން ދެނެގަންނަންވެސް ދަތިވާނެކަން ޔަގީނެވެ. ލުއި ހިނިތުންވުމެއް ތުންފަތުގައި ކުޅެލުމާއެކު އިސްތަށިގަނޑުގައި އަތްފުނައަޅައިލަމުން ހަށިފުރާ ނޭވާއެއް ރުހައިމްއަށް ދޫކޮށްލެވުނެވެ. އައިޝްގެ ކުރިމައްޗަށް އޭނާ ދާނީ ކުރަން ހިތުއެޅި ހުރިހައިކަމެއް ފުރިހަމަ ކުރުމަށްފަހުއެވެ. އަމިއްލަ ނަފުސަށްވީ ވައުދު އޭނާ ފުއްދާނެއެވެ.

* * * * *

"ލުހާމް.." ހިތްހަމަނުޖެހިފައި މުސްކާނަށް ގޮވައިލެވުނެވެ. ގަދަކަމުން މުސްކާންގެ އަތުގައި ހިފައިގެންގޮސް އޭނާ ހުއްޓުނީ ގޯތީގެ ބިތްދޮށުގައި އަނދިރިކޮށް އޮތް ތަންކޮޅެއްގައެވެ. ރޭގަނޑުގެ އެހަމަހިމޭންވަގުތު އެދެމީހުން ފިޔަވައި އިތުރުބައެއްގެ ހިލަމެއް އެތަނުގައި ނުވެއެވެ. ހާސްވެ ކަންބޮޑުވެފައި މުސްކާން މަސައްކަތް ކުރަމުންދިޔައީ ލުހާމްގެ އަތްދަށުން ސަލާމަތްވުމަށެވެ. އެހެނަސް މުސްކާންގެ ފަހަތުގައިހުރި ފާރުގައި އޭނާ ޖައްސައި ފިއްތައިލަމުން، ބޯމަތިން މުސްކާންގެ ދެއަތް މައްޗަށްނަގައި އިހުނަށްވުރެ ބާރަށް ލުހާމް ހިފަހައްޓައިލިއެވެ. ރުޅިއައިސްގެން ކުރެވޭ ނުކުރެވޭކަމެއް އޭނާއަށް އިހުސާސުވެސް ނުވެއެވެ. ހިނދެއް ހިނދަކަށް ލުހާމް މުސްކާނާއި ގާތްވަން ފެށުމުން މުސްކާންގެ ހަށިގަނޑު ރޫރޫއަޅައިލީ ގަތް ބިރެއްގެ ސަބަބުންނެވެ. ލުހާމްގެ ނަމުން ތަކުރާރުކޮށް ގޮވަމުން އޭނާ ދޫކޮށްލުމަށްއެދި މުސްކާން އާދޭސްކުރަން ފެށިއެވެ. ގަނެފައިވި ބިރާއެކު އެދެލޮލުން އެއްވެސް ހިފެހެއްޓުމެއްނެތި ކަރުނަ ނީރާލިއެވެ. ހިތްނެގި ނެގިފައި ޖެހެމުންދިޔައިރު ނިތްކުރިމަތީގައި ކުދި ދައުތިކިތައް ބަބުޅަންފެށިއެވެ.

"އަހަރެން ގާތްވީމަދޯ މުސްކާން ބިރުގަންނަނީ؟ ކޮބާ މައްސަލައަކީ؟ އަހަރެންދެކެ ހިތްހަމަނުޖެހެނީތަ؟ އެހެން ފިރިހެނުން މުސްކާންގެ ހަށިގަނޑުން ހިތްހަމަޖެހުން ހޯދިއަސް އެންމެ ރަނގަޅު ދޯ.. އަމިއްލައަށް ބޭނުންވެގެން ހިލޭ ފިރިހެނުން ކޮޓަރިއަށް ވައްދާއިރު މުސްކާނަށް އެކަން އެއްވެސް މައްސަލައަކަށް ނުވޭ.. އެކަމަކު އަހަރެން މިހަށިގަނޑުގަ އިނގިލި ކުރި ޖައްސައިލިއަސް މީހާ ހީވަނީ ބިރުން ވިރިދާނެހެން.. ކީއްވެ..؟ އަހަރެން މިއަހަނީ ކީއްވެހޭ؟ އަހަރެންގެ ވަކި ކޮންކަމެއްތަ މަދީ؟ ބުނެބަލަ.. އެހެން ފިރިހެނުންގެ ކިބައިގަހުރި ކޮން ސިފައެއްހޭ އަހަރެންގެ ގައިގަ ނެތީ؟..." ދަތްކުނޑި ވިކައިލަމުން ލުހާމް ހަޅޭއްލަވައިގަތެވެ. ލުހާމްގެ ވާހަކަތައް ގަބޫލުކުރަން ދަތިވެފައި މުސްކާން ހުރީ އެފަދަ ނުބައި ތުހުމަތެއް އޭނާގެ ބޮލުގައި ލުހާމް އަޅުވަންޖެހުނު ސަބަބަކާއި މެދުގައި ސުވާލުއުފެދިފައެވެ. އެބުނާފަދަ ގޮތަކަށް ދުވަހަކުވެސް އޭނާގެ އަމަލުތައް ނުހުންނާނެކަން މުސްކާނަށް ޔަގީންވެއެވެ. ދުވަހަކުވެސް ފިރިހެނަކު އެބީދައިން އޭނާގެ ގައިގައި ބީހިފައެއް ނެތެވެ. ވީއިރު އެވަރުގެ ދޮގު އިލްޒާމެއް އޭނާގެ ބޮލުގައި އަޅުވަން ލުހާމަށް ކެރުނީ ކިހިނަކުން ހެއްޔެވެ؟

"ލުހާމަށް ތިކިޔޭ އެއްޗެއް އެބަ އެނގޭތަ؟ އަހަންނަކަށް ނުވިސްނުނު ލުހާމް ބުނަން ބޭނުންވެގެން ތިއުޅޭ އެއްޗެއް.. އަހަންނަށް އެނގޭ އެއްޗަކީ އެއްވެސް ފިރިހެނަކު ތިގޮތަށް އަހަރެންގެ ހަށިގަނޑުގައި ބީހުމަކީ އަހަރެން ރުހޭކަމެއްނޫންކަން.. އަދި އެއްވެސް މީހަކަށް ތިބުނާފަދަ ފުރުސަތެއްވެސް ދީފައެއް ނޯންނާނެކަން.. ލުހާމް ތިމާނަ ކުރާގޮތަށް ކޮޓަރިއަށް ހިލޭ ފިރިހެނަކު ވެއްދުމަކީ އަހަރެންގެ ޚިޔާލުގަވެސް ނެތްކަމެއް.." ލުހާމްގެ ދެއަތް ފޮޅުވައިލަން ގަދަހަދައިލަމުން މުސްކާން ބުނެލީ ރުޅިވެރިކަމާއެކުއެވެ. އޭނާއަށް ލޯބި މިވެވުނީ ކޮންފަދަ ރަހުމުކުޑަ އިންސާނެއްދެކެ ހެއްޔެވެ؟ ދުވަހަކު ހިތަށްވެސް ނާރާފަދަ ބަސްތަކެއް ލުހާމްގެ ދުލުން އޭނާއަށް ނިސްބަތްކޮށް ބޭރުވުމުން މުސްކާންގެ ހިތުގައި ޖެހުނެވެ. ކުޑަވެސް ޤަދަރެއް އެހިތުގައި މުސްކާންގެ މައްޗަށް އޮތްނަމަ އެފަދައިން އޭނާ ވާހަކަ ނުދެއްކީސްކަން ކަށަވަރެވެ.

"އަދިވެސް އަހަންނަށް އޮޅުވައިލަންތަ ބޭނުންވަނީ..؟ އަހަރެންގެ މިދެލޮލުންނޭ އެ ހުރިހައި މަންޒަރެއް ދުށީ.. ދެން ތިބުނަނީ މިދެލޯވެސް އަހަންނަށް ކެހިދީ އޮޅުވައިލީއޭތަ؟" މުސްކާންގެ ދެއަތްތިލައަށް ބާރުކޮށްލައި ފާރާއި އޭނާގެ ހަށިގަނޑާއި ދެމެދު ހައްޔަރުކޮށްލަމުން ލުހާމް ބުންޏެވެ. ދެލޯކުރިމަތީގައި ހުއްޓުމެއްނެތި އެމަންޒަރު ސިފަވަމުންދިޔައީ ލުހާމްއަށް ކެތްކުރަން ދަތިވާ ވަރަށެވެ. ބުނެދޭން ނޭނގޭފަދަ ވޭނެއް ހިތުގައި އަޅަމުންދިޔައެވެ. އަމިއްލަ ހައްގަކަށް އެހެންމީހަކު އަރައިގަތުމުން ކުރެވޭނެފަދަ އިހުސާސެއް ލުހާމަށް ކުރެވެމުންދިޔައީ ކީއްވެކަން ބުނެދޭން ޚުދު އޭނާވެސް ނުކުޅެދުނެވެ.

"ލުހާމް މޮޔަވީތަ؟ އަހަންނަކަށް.. ތިކިޔާ އެއްޗެއް ކުޑަކޮށްވެސް ނުވިސްނޭ.." ދެލޯފުރި ބަންޑުންވަމުންދިޔަ ހާލު މުސްކާން ބުނެލިއެވެ.

"އާން.. ނުވިސްނޭނެ.. ދުވަހަކުވެސް ކަލެއަކަށް ނުވިސްނޭނެ.. ތިމާތް ސިފަ ކަލޭ ދައްކަނީ އަހަރެން ކުރިމަތީ އެކަންޏެއްނު.. އެހެންފިރިހެނުން ކުރިމަތީ، ތީ މުޅިން އެހެން އަންހެނެއް.. ތުންފުއްސަކަށް މުސްކާންވީ ކޮންއިރަކު ކަމެއް އަހަންނަކަށްވެސް ނުވިސްނުނޭ.. ބުނެބަލަ.. އޭނަ އަތްލީ ކޮންތަނަކުތަ؟ މިތާނގަތަ؟ ނުނީ މިތަނުގަތަ؟" މުސްކާންގެ ގައިގެ އެތަން މިތަނުގައި މޮޔައަކުފަދައިން ލުހާމް އަތްޖައްސަމުންދިޔައެވެ. ދެލޯބޮނޑުގެ ގަނޑުވެފައިހުރި މުސްކާން ކުއްލިއަކަށް ތެޅިފޮޅިގަތެވެ. އެއާއެކު އަނެއްކާވެސް އެދެއަތުގެ ތެރޭގައި ލުހާމް އޭނާ ހިފަހައްޓައިލިއެވެ.

"މިރޭ އެހައި ފަސޭހައިން މުސްކާނަކަށް ސަލާމަތެއް ނުވެވޭނެ.. އަހަރެން.. އަހަރެން ހީކުރީ މުސްކާން އަހަރެންދެކެ ލޯބިވާކަމަށް.. އަހަރެންދެކެ ގަޔާވާކަމަށް.. ތިދެލޮލުން ފެނުނު ތަފާތު ކުލަވަރު އަހަރެން މާނަކުރީ އެފަދައިން.. އެކަމަކު.." އަޑަށް ވެރިވެފައި ހަރުކަށިކަން ނެތުމާއެކު މަޑުމަޑުން ލުހާމަށް ބުނެލެވުނީ ސީދާ މުސްކާންގެ ދެލޮލަށް ބަލައިލަމުންނެވެ. މުސްކާންގެ ވާހަކަތައް ގަބޫލުކުރަން ޟަމީރު އެދި ގޮވަމުންދިޔަސް ސިކުނޑި ހަނދާންކޮށްދެމުންދިޔަ މަންޒަރުން އެކަން ގަބޫލުކުރަން ލުހާމަށް އުނދަގޫވަނީއެވެ. ގަދަ ރުޅިއެއް މުޅި ނަފުސު ހިޞާރުކުރަމުން އައީ އެހެންވެއެވެ. މުސްކާނަށްޓަކައި އެހިތުގައި ޖާގައެއް ހުސްވަމުން އައިކަމެއް ލުހާމް ނުދެނަހުއްޓެވެ. ހިތަށްކުރަމުންދިޔަ ފުން އަސަރުގެ ފަހަތުގައިވީ އެސަބަބުކަން ޚުދު އޭނާއަށް ވެސް ނުވިސްނެއެވެ. މުސްކާންގެ ކޮޓަރިން އެހެން ފިރިހެނަކު ނުކުތްތަންފެނި ހިތަށް އެހައި ތަދުވީ އެއަންހެންކުއްޖާއަށް ހިތުގައި ޚާއްސަކަމެއް އުފެދިފައި ވުމުންކަން ޔަގީނެވެ. އެހެނަސް އެހުރިކަމެއް ދެނެގަނެވޭވަރަށްވުރެ ލުހާމްގެ ސިކުނޑިވަނީ އައި ގަދަރުޅީގައި ބަލިކަށިވެ ގޮސްފައެވެ.

(ނުނިމޭ)

  1. ހަސަނު

    ވާހަކަ ވަރަށް ރީތި އިނގޭ ކޮންސިސްޓް ކުރާތި ޝުކުރިއްޔާ

  2. އާމިނަތު

    ކޮބާ؟ ސާދަވަނަބައި