ޚަބަރު އިޖުތިމާޢީ

ކަފުނާއި ސަންދޯއް ވެސް ހިލޭ ފޯރުކޮށްދޭ ގޮތަށް ފިޔޯރީގައި ހިނަވާގެއެއް އަޅަނީ

އާމިނަތު ސަޒްރާ ، ދެން އޮންލައިން
ފޮޓޯ: ފިޔޯރީ ކައުންސިލް

ކަފުނާއި ސަންދޯއް ހިމެނޭހެން ކަށުކަމާކެމީގެ ހުރިހާ އެއްޗަކާއި ހުރިހާ ހިދުމަތެއް ހިލޭ ފޯރުކޮށްދޭ ގޮތަށް ގދ. ފިޔޯރީގައި ހިނަވާގެއެއް އެޅުމުގެ މަސައްކަތް ފަށައިފިއެވެ.

Ads by STELCO

"ދެން"އަށް މައުލޫމާތު ދެއްވަމުން ފިޔޯރީ ކައުންސިލްގެ ރައީސް ފައިޒަރު ރަޝީދު ވިދާޅުވީ މިއީ ކައުންސިލް ރައީސްގެ ވައުދެއް ކަމަށާއި ހުރިހާ ކަމެއް ކުރަނީ ކައުންސިލްގެ ސީދާ ބެލުމުގެ ދަށުންކަމަށެވެ.

"މިއީ އަސްލު ވައުދެއް އަޅުގަނޑުގެ. އެއީ ދެން އެކަމުގައި މި ދެންނެވީ ހިނަވައި ކަފުން ކުރުމުގެ މަސައްކަތުގައި އަމަލީ ގޮތުން އަޅުގަނޑަށް އުޅެވިފައި ހުރީމައި. ދެން މި މަސައްކަތް މިކުރަނީ ސީދާ ކައުންސިލުން. ބަޖެޓުގައި ހިމެނިފައި ނެތީމައި އެހީ ދޭ ފަރާތްތަކުން އެހީ ހޯދައިގެން މި މަސައްކަތް މި ކުރަނީ" ފައިޒަރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި ހިނަވާ ގޭގެ މަސައްކަތް ފަށައިފައި ވަނީ އެސްޓީއޯއިން އެހީގެ ގޮތުގައި ދިން ސާމާނުތަކާ އެކު އެ ރަށުގައި ކޮންސްޓްރަކްޝަން މަސައްކަތް ކުރާ 4 ގުރޫޕުން އެކުގައި ގުޅިގެން ކަމަށެވެ. އަދި އެ ގުރޫޕްތަކުން ވެސް މި މަަސައްކަތް ކޮށްދެނީ މުޅިން ހިލޭ ކަމަށް އޭނާ ވަނީ ފާހަގަ ކުރައްވައިފައެވެ.

"މަސައްކަތް މިފެށުނީ ހިލޭ އެހީދޭ ފަރާތްތަކާ އެކު މަޝްވަރާކޮށްގެން ސްޕޮންސާ ހޯދައިގެން. އެސްޓީއޯއިން ދިނީ ހިލައާއި ހިލަ ވެއްޔާއި އަދިވެސް އެ ފަރާތުން ލިބެން ހުރި ހުރިހާ އެއްޗެއް. ދެން ރަށުގައި އުޅޭ ކޮންސްޓްރަކްޝަން މަސައްކަތް ކުރާ 4 ގުރޫޕުން މިމަސައްކަތް މިކޮށްދެނީ ހަމަ ހިލޭ." އޭނާ ވިދާޅުވިއެވެ.

ފައިޒަރު ވިދާޅުވީ ހިނަވާ ގޭގެ މަސައްކަތް ނިމޭއިރު އެތަނުން ސަންދޯކާއި ކަފުން ހިމެނޭހެން ކަށުކަމާކެމީގެ ތަކެއްޗާއި ހުރިހާ ހިދުމަތް ހިލޭ ލިބޭނެކަމަށެވެ. އަދި މި ހިދުމަތް ދިނުމުގައި ރަށު މީހެއް ރަށުން ބޭރު މީހެއް ތަފާތު ނުކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން މިއީ ބަޖެޓްގައި ނުހިމެނޭ ކަމަކަށް ވާތީ މަސައްކަތް ކުރިއަށް ގެންދިޔުމަށް އަދިވެސް އެހީ ބޭނުންވާ ކަމަށާއި އެހީ ދޭން ބޭނުންވާ ފަރާތްތަކުން ކައުންސިލަށް އެހީ ފޯރުކޮށްދިނުމަށް އެދޭކަމަށް ފައިޒަރު ވަނީ ވިދާޅުވެފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!