ވެރިކަމަށް އައުމަށް ޓަކައި ވޯޓު ހޯދުމުގެ ބޭނުމުގައި މަރުތަކުގެ ވާހަކަ ދެއްކި ނަމަވެސް މިހައިތަނަށް އައި އިރު ވެސް އެ މަރުތަކަށް އިންސާފު ނުލިބޭކަމީ ވަރަށް ބޮޑަށް ލަދުގަންނަން ޖެހޭ ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ވިދާޅުވެއްޖެއެވެ.
މެމްބަރު އަލީ ހުސައިން މިހެން ވިދާޅުވީ ކުރީގެ ޖެންޑާ މިނިސްޓަރ އަދި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ މަތި އުތުރު ރީޖަންގެ ނާއިބު ރައީސް ޝިދާތާ ޝަރީފް ކުރެއްވި ޓްވީޓެއް ރީޓްވީޓް ކުރައްވަމުންނެވެ. މިގޮތުން ޝިދާތާގެ ޓްވީޓްގައި ވިދާޅުވެފައި ވަނީ ކޯލިޝަން ސަރުކާރަށް 3 އަހަރު ވީއިރު ޑރ. އަފްރާޝީމްގެ މަރާއި ޔާމީން ރަޝީދުގެ މަރުގެ އިތުރުން ރިލްވާން ގެއްލުވައިލި މައްސަލައިގެ ވާހަކަ މިހާރު ނުދައްކަވާ ކަމަށެވެ. އަދި އެއީ ސަރުކާރުގެ އެންމެ ބޮޑު ފޭލިއާ ކަމަށް ވެސް ޝިދާތާގެ ޓްވީޓްގައި ވަނީ ވިދާޅުވެފައެވެ.
ޝިދާތާގެ ޓްވީޓް ރީޓްވީޓް ކުރައްވައި މެމްބަރު އަލީ ހުސައިން ވިދާޅުވީ އެ މަރުތަކަށް އިންސާފު ލިބިފައި ނުވާކަމީ ލަދު ގަންނަން ޖެހޭނެ ކަމެއްކަމަށެވެ.
"ރައްޔިތުންގެ އިހްސާސްތަކާ ކުޅެ ވޯޓް ހޯދަން އެ މަރުތަކުގެ ވާހަކަ އޭރު ދެއްކި ނަމަވެސް މިހާތަނަށް އެ މަރުތަކަށް އިންސާފު ލިބިފައިނުވާ ކަމީ ވަރަށް ލަދު ގަންނަން ޖެހޭ ކަމެއް" މެމްބަރު އަލީ ހުސައިންގެ ޓްވީޓްގައި ވިދާޅުވިއެވެ.
އަނިޔާވެރިކޮށް އަވަހާރަކޮށްލައިފައިވާ ޑރ. އަފްރާޝީމާއި ، ޔާމީން ރަޝީދުގެ މަރުގެ މައްސަލައާއި ގެއްލުވައިލައިފައިވާ ނޫސްވެރިޔާ ރިލްވާންގެ މައްސަލައަށް އިންސާފު ލިބިފައި ނުވާއިރު ގޮތް ނޭނގޭ މަރުތަކާއި ގެއްލުވައިލައިފައިވާ މީހުންގެ މައްސަލަތައް ތަހްގީގް ކުރުމަށް މިސަރުކާރުގެ ކުރީކޮޅުގައި ވަނީ ކޮމިޝަނެއް އެކުލަވައިލައިފައެވެ. އެހެން ނަމަވެސް މިއިން އެއްވެސް މަރަކަށް މިހާތަނަށް އިންސާފު ލިބިފައެއް ނުވެއެވެ.