ރިޕޯޓް ވިޔަފާރި

އިންފްލޭޝަން: ޖީބަށް ލިބޭ މިންވަރު އިތުރު ނުވެ ޚިދުމަތާއި މުދަލުގެ އަގު އުފުލުން

މުޙައްމަދު އަރީޙް ، ދެން އޮންލައިން
މާލޭގެ ބާޒާރުމަތިން.. ދެން އިމޭޖްސް

އިންފްލޭޝަންއަކީ ކަނޑައެޅިފައިވާ ފައިސާއެއްގެ ޕަރޗޭސިންގ ޕަވަރ ޒަމާނާ އެކު ދަށްވުމެވެ. ކުރުކޮށް ބުނާނަމަ އިންފްލޭޝަންއަކީ މުދަލާއި ޚިދުމަތްތައް ހޯދުމަށް ޚަރަދުކުރަން ޖެހޭ ފައިސާ އިތުރުވުމެވެ. އިންފްލޭޝަން ހިސާބުކުރުމަށް ޓަކައި ބޭނުންކުރަނީ ޖުމުލަ އަގުތަކަށް އަންނަ ބަދަލުގެ ޕަސެންޓޭޖް ރޭޓެވެ. އިންފްލޭޝަންއަކީ އަގުތައް އުފުލުން ކަމަށް އާންމު ގޮތެއްގައި ބުނެ އުޅުނު ކަމުގައި ވިޔަސް ފައިސާގެ އަގު ދަށަށް ދިއުމުގެ ސަބަބުން މުދަލާއި ޚިދުމަތްތަކުގެ އަގު އުފުލިގެން ދިއުމަކީ އިންފްލޭޝަން ނުވަތަ އަގު މައްޗަށް ދިއުމުގެ މައިގަނޑު ސަބަބުކަން ފާހަގަ ކުރަން ޖެހެއެވެ. މާނައަކީ އިގްތިޞާދުގައި ދައުރުވާ ފައިސާގެ އަދަދު ގިނަވެ، ފައިސާ އަކީ މާބޮޑު އަގެއް ހުރި އެއްޗަކަށް ނުވުމާ އެކު، މުދަލާއި ޚިދުމަތަށް ހޭދަކުރަން ޖެހޭ ފައިސާގެ އަދަދު މައްޗަށް ދިއުމެވެ.

Ads by STELCO

އިންފްލޭޝަންގެ އިދިކޮޅަކީ ޑިފްލޭޝަނެވެ. އެއީ ފައިސާގެ ޕަރޗޭސިންގ ޕަވަރ އިތުރުވެ، އަގުތައް ދަށަށް ދިއުމެވެ.

ފައިސާއެއްގެ އަގު ގެއްލިގެންދާއިރު، އަގުތައް އުފުލި، މުދަލާއި ޚިދްމަތް ލިބިގަންނަ މިންވަރު ދަށް ވެގެންދެއެވެ. އަގުތަށް އުފުލުމުގެ ސަބަބުން، އާންމު ރައްޔިތުންގެ ދިރިއުޅުމުގެ ޢާންމު ޚަރަދަށް އަސަރުކޮށް، އޭގެ ސަބަބުން އިޤްތިޞާދީ ދުވެލި ވަރަށް ބޮޑަށް ހީނަރުވެގެން ދެއެވެ.

އިންފްލޭޝަން މައްޗަށްދިޔަ ސަބަބުތައް

އިންފްލޭޝަން މައްޗަށް ދާ މައިގަނޑު ތިން ސަބަބެއް އެބަ އޮތެވެ. އެއީ ޑިމާންޑް-ޕުލް އިންފްލޭޝަން، ކޮސްޓް-ޕުޝް އިންފްލޭޝަން، އަދި ބިލްޓް އިން އިންފްލޭޝަންއެވެ.

ޑިމާންޑް-ޕުލް އިންފްލޭޝަން ނުވަތަ ޑިމާންޑް މަތިވުމުން މުދަލާ ޚިދުމަތުގެ އަގު އުފުލުން، ނިސްބަތް ވަނީ ޑިމާންޑާ އެއްހަމައެއްގައި ހިފެހެއްޓުމަށް އެކަށީގެންވާ މިންވަރަށް އުފެއްދުންތައް ނުވަތަ ޚިދުމަތްތައް ނުއުފެއްދޭ ޙާލަތްތަކާއި، އޭގެ އަގުތައް އުފުލިގެންދާ ޙާލަތްތަކެވެ.

ކޮސްޓް-ޕުޝް އިންފްލޭޝަން ދިމާވަނީ، އުފެއްދުންތަކާއި ޚިދުމަތްތައް އުފެއްދުމަށް ކުރަންޖެހޭ ޚަރަދު ބޮޑުވެ، ވިޔަފާރިތަކަށް ތަކެތީގެ އަގު އުފުލުމަށް މަޖުބޫރުވުމުންނެވެ.

އެންމެ ފަހު ކަމެއްގެ ގޮތުން، ބިލްޓް-އިން-އިންފްލޭޝަން ނުވަތަ ވޭޖް-ޕްރައިސް ސްޕައިރަލް، ދިމާވަނީ ދިރިއުޅުމުގެ ހަރަދުތައް ބޮޑުވަމުން ދިޔަ ނުދީ ހިފެހެއްޓުމަށް މަސައްކަތްތެރިން ބޮޑު އުޖޫރައަކަށް ޑިމާންޑް ކުރުމުން ދެން އުފެދޭ ސައިކަލްއެއްގެ ސަބަބުންނެވެ. މިކަމުގެ ސަބަބުން، ވިޔަފާރިތަކުގެ އުޖޫރަ ބޮޑުވެ، އުޖޫރައިގެ އަގުތައް އުފުލެމުން ދިޔުމުގެ ސަބަބުން، އެ ވިޔަފާރިތަކުގެ އަގުތައް އުފުލިގެން ދެއެވެ. އަނެއްކާ ވެސް މަސައްކަތްތެރިން ބޮޑު އުޖޫރައެއް ދޭން ޖެހެއެވެ. އަދި މިކަންތައް ތަކުރާރުވެއެވެ.

އިންފްލޭޝަން ބޭނުންތެރިތަ؟ ނޫނީ ނުރައްކާތެރިތަ؟

އިންފްލޭޝަން މަތިވުމަކީ އާންމު ގޮތެއްގައި އިގުތިޞާދަކަށް ނުރަނގަޅު ކަމެއްގެ ގޮތުގައި ގިނަ ބަޔަކު ދެކެއެވެ. ނަމަވެސް އިންފްލޭޝަން ވަރަށް ކުޑަވުމަކީ ގެއްލުން ހުރި ކަމެއްގެ ގޮތުގައި ވަނީ ބެލެވިފައެވެ. ގިނަ އިކޮނޮމިސްޓުން ދެކޭ ގޮތުގައި، އިޤްތިޞާދު ރަނގަޅަށް ދައުރުވުމަށް، އަހަރެއްގެ މައްޗަށް ގާތްގަނޑަކަށް 2 އިންސައްތަ އިންފްލޭޝަން އުފުލެން ޖެހެއެވެ.

އާންމު ގޮތެއްގައި އިންފްލޭޝަން މަތިވުމުގެ ސަބަބުން ފައިސާ ރައްކާ ކުރާ މީހުންނަށް ގެއްލުން ލިބެއެވެ. ސަބަބަކީ އިންފްލޭޝަންގެ ސަބަބުން އެމީހުން ރައްކާކުރި ފައިސާ ގަނެވިއްކުމުގެ ބާރު ނެތިގެންދާތީއެވެ. ނަމަވެސް، ލޯނު ނަގާ ފަރާތްތަކަށް އޭގެން ވަނީ ފައިދާއެވެ. އެއީ އެ ފަރާތްތަކުން ނުދައްކާ ހުރި ދަރަނީގެ އިންފްލޭޝަން އެޖަސްޓްޑް ވެލިއު ޒަމާނާ އެކު ކުޑަވާތީއެވެ.

ރާއްޖޭގެ އިންފްލޭޝަން ރޭޓާއި އިންފްލޭޝަނަށް އަސަރު ކުރާ ސަބަބުތައް

ރާއްޖޭގެ އިންފްލޭޝަން ރޭޓް.. ފޮޓޯ: ބަޖެޓް ފޮތް

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން އާއްމުކުރި ބަޖެޓު ފޮތުގައިވާ ގޮތުން އަންނަ އަހަރު ރާއްޖޭގެ ބާޒާރުގައި މުދަލާއި ތަކެތީގެ އަގުތައް ހުންނާނެ ކަމަށް ލަފާ ކުރެވެނީ އެވްރެޖްކޮށް 1.1 އިންސައްތައިގައެވެ. މާނައަކީ މުދަލާއި ޚިދުމަތުގެ އަގުން އަންނާނީ 1.1 އިންސައްތައިގެ ބޮޑުވުމެކެވެ. ބަޖެޓް ފޮތުގައިވާ ގޮތުން، ރާއްޖޭގައި ތަކެތީގެ އަގު މަތިވެގެންދާނެ ކަމަށް ބެލެވެނީ ދުނިޔޭގައި ތެލުގެ އަގު ބޮޑުވުމުގެ ސަބަބުންނެވެ. އަދި ޑޮލަރު ލިބުމުގައި ހުރި ދަތިތަކުގެ ސަބަބުންނެވެ.

ބަޖެޓާ ބެހޭ ގޮތުން މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން، ފިނޭންސް މިނިސްޓަރު މުޙައްމަދު އަމީން ވަނީ އިންފްލޭޝަން ދަށް ކުރުމަށް ޕްލޭންތަކެއް ހުރި ކަމަށް ވިދާޅުވެފައެވެ. އަދި ރާއްޖޭގެ ޑޮލަރުގެ ކަޅު ބާޒާރު ނައްތައިލާން އެމްއެމްއޭއިން އަންނަ އަހަރު މަސައްކަތްތަކެއް ކުރާނެ ކަމަށް ވެސް މިނިސްޓަރ ވަނީ ހާމަކޮށްފައެވެ.

އިންފްލޭޝަން ރޭޓް، އިންސައްތައިން.. ފޮޓޯ: ބަޖެޓް ފޮތް

މިނިމަމް ވޭޖްއާއި ޕްލާސްޓިކް ޓެކްސް ތަންފީޒުކުރެވުމުން ވެސް އަގުތައް މަތިވުމުގެ ފުރުސަތު އޮންނާނެއެވެ. ނަމަވެސް 2021ވަނަ އަހަރުގެ ތެރޭގައި ހިޔާ ފްލެޓްތަކުގެ ކުލީގެ ބާޒާރުގައި ސަޕްލައި ގިނަވާނެކަމަށް ލަފާކުރެވި، އިންފްލޭޝަން ރޭޓު ދަށްވުމަށް މެދުވެރިވެދާނެ އެއް ސަބަބުކަމުގައި ދިރިއުޅޭ ތަންތަނުގެ ކުލި ދަށްވުން ހިމެނެއެވެ. ކުއްޔަކީ ރާއްޖޭގެ ލިވިންގ ކޮސްޓް ނުވަތަ ދިރިއުޅުމުގެ ހިއްސާކުރާ ޚަރަދަކަށްވުމާއެކު، ކުއްޔަށް އަންނަ ކޮންމެ ބަދަލަކުން އިންފްލޭޝަން ރޭޓަށް ވަރަށް ބޮޑަށް އަސަރުކުރެއެވެ.

މީގެ އިތުރުން މި އަހަރު ޖޫން މަހުގެ ތެރޭގައި އިންޓަނެޓް އަގުތައް ހެޔޮ ކުރުމުންނާއި މި އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި މޮބައިލް ޑޭޓާގެ އަގު ކުޑަކުރުމުގެ އަސަރު މިއަންނަ އަހަރުގެ އެވްރެޖް އިންފްލޭޝަން ރޭޓުން ފެނިގެންދާނެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!