ޚަބަރު ރައްޔިތުންގެ މަޖިލިސް

ޓްރާންސްޕޯޓް އޮތޯރިޓީ އުވައިލާން ފާސްކޮށްފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން
ޖޮއިންޓް ކޮމިޓީގެ ބައްދަލުވުމުގެ ތެރެއިން/ ފޮޓޯ: މަޖިލިސް

ޓްރާންސްޕޯޓް އޮތޯރިޓީ އުވައިލާން ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީ އާއި ލާމަރުކަޒީ ކޮމިޓީގެ ޖޮއިންޓް ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.

Ads by STELCO

މިއަދުގެ އޮތް ކޮމިޓީ ބައްދަލުވުމުގައި ޓްރާންސްޕޯޓް އޮތޯރިޓީ އުވާލުމަށް ކޮމިޓީއަށް ހާޒިރުވެ ތިއްބެވި މެމްބަރުންގެ ވޯޓަށް އަހައިފައިވެއެވެ. އެގޮތުން ހާޒިރުވެ ތިއްބެވި 13 މެންބަރުންގެ ތެރެއިން 11 މެންބަރަކު ވޯޓު ދެއްވެވީ އުވައިލާށެވެ. ދެ މެމްބަރަކު ވޯޓު ދެއްވެވީ އުވާލުމާއި ދެކޮޅަށެވެ.

ޓްރާންސްޕޯޓް މިނިސްޓްރީގެ ހިންގުން ހަރުދަނާކުރުމަށް ޓްރާންސްޕޯޓް އޮތޯރިޓީގެ ގާނޫނު އުވާލުމަށް ރައްޔިތުންގެ މަޖިލީހަށް ބިލު ހުށައެޅީ ސަރުކާރުގެ ފަރާތުންނެވެ. ސަރުކާރުގެ ފަރާތުން މަޖިލީހަށް މި ބިލު ހުށަހެޅުއްވީ ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ޒިޔާދެވެ.

މި ބިލު ހުށަހަޅުއްވަމުން މެމްބަރު ޒިޔާދު ވިދާޅުވީ ބިލް ހުށަހަޅުއްވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީގެ ގާނޫނުގެ ދަށުން އުފައްދައިފައިވާ މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ އުވާލައި އެ އޮތޯރިޓީން ކުރަމުންދިޔަ މަސައްކަތްތައް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނަށް ބަދަލުކުރުމަށް ސަރުކާރުން ނިންމައިފައިވާތީ ކަމަށެވެ.

ޓްރާންސްޕޯޓު އޮތޯރިޓީ އުވާލުމުގެ ބިލަށް ވަނީ އާންމުންގެ ޚިޔާލު ވެސް ހޯދައިފައެވެ.

އެ އޮތޯރިޓީ އުވާލުމާ ގުޅޭގޮތުން ޖޮއިންޓް ކޮމިޓީގެ މެމްބަރުން މީގެ ކުރިން ވަނީ މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނާއި، މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ އާއި، އެޓަރނީ ޖެނެރަލް އަދި ލޯކަލް ގަވަރމެންޓް އޮތޯރިޓީ (އެލްޖީއޭ)އާ ބައްދަލުކޮށް މަޝްވަރާ ވެސް ކުރައްވައިފައެވެ. މި ބައްދަލުކުރެއްވުންތަކުގައި ޓްރާންސްޕޯޓް މިނިސްޓްރީގެ ބޭފުޅުން ވިދާޅުވީ ޓްރާންސްޕޯޓް އޮތޯރިޓީގެ ގާނޫނު އުވާލަނީ ޓްރާންސްޕޯޓް އޮތޯރިޓީއާއި މިނިސްޓްރީން ކުރަމުންދާ މަސައްކަތްތަކުގައި ފުށުއެރުންތަކެއް ހުރުމުގެ ސަބަބުން ކަމަށާއި ޓްރާންސްޕޯޓް އޮތޯރިޓީގެ ބޯޑުން މިނިސްޓަރު ބޭނުންފުޅުވާ ގޮތަށް ސިޔާސަތުތައް ތަންފީޒުކުރަމުން ނުދާ ކަމަށެވެ. އަދި މިނިސްޓަރުގެ ބަސް ނުވިކޭކަމަށް ވެސް އެ ބައްދަލު ކުރެއްވުންތަކުގައި ވަނީ ވިދާޅުވެފައެވެ.

ޓްރާންސްޕޯޓު އޮތޯރިޓީއަކީ ކުރީގެ ރައީސް ، ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވެރިކަމާ ހަވާލުވުމަށް ފަހު ޓްރާންސްޕޯޓު މިނިސްޓްރީ އުވާލުމަށް ފަހު އުފެއްދި ތަނެކެވެ. ނަމަވެސް މި ސަރުކާރުން ވަނީ  ޓްރާންސްޕޯޓް މިނިސްޓްރީއެއް އަލުން އުފައްދައިފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!